ފުވައްމުލަކާއި އައްޑޫ ސިޓީއަށް މޫސުން ވަރަށް ގޯސް، އޮރެންޖު ސަމާލު ނެރެފި!

ރާއްޖެ އަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން މޫސުން އިތުރަށް ގޯސްވެ މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ އަށް އޮރެންޖް ސަމާލު ނެރެފިއެވެ.
މިގޮތުން މެޓް އޮފީހުންވަނީ މިއަދު ހަވީރު 15:00 އިން ފެށިގެން މިރޭ 19:00 އާއި ހަމައަށް މި ދެ ސިޓީ އަށް އޮރެންޖް ސަމާލު ނެރެފައެވެ.
މެޓް އޮފީހުން ބުނީ މި ސިޓީތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރާ ކަމަށެވެ.
މީގެ އިތުރުންވެސް މެޓް އޮފީހުން ހއ އާއި ރ އަތޮޅާއި ދެމެދުގައިވާ ރަށްތަކަށް ހުދު ސަމާލު އަދި ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ރީނދޫ ސަމާލު ވެސް ނެރެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ހަމައެއާއިއެކު މިއަދު ހަވީރު 18:00 އާއި ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއިއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. 
ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި، ރާޅުތަކުގެ އުސްމިން 9-5 ފޫޓާއި ދެމެދަށް ހުންނާނެ ކަމަށް ވެސް އެއިދާރާއިން ލަފާ ކުރެއެވެ.
މެޓް އޮފީހުން އިތުރަށް ބުނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45-50 މޭލަށް ވައިގަދަވާނެ ކަމަށެވެ.
މޫސުން ގޯސްވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ހިސާބުތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އޮތުމާއި އެކު، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ