ގާޒާގެ އުތުރުގައި ކާބޯތަކެތި ނުލިބި 15 ކުދިން ބަނޑަށް މަރުވެއްޖެ!

ހަނގުރާމަ ފެށިފަހުން ފުރަތަމަ ފަހަރަށް ގާޒާގެ އުތުރަށް ވަޑައިގެން ހަމަލޮލުން ހާލަތު ބައްލަވައި، އެތާނގައި ކާބޯތަކެތި ނުލިބި ބަނޑަށް 10 ކުދިން މަރުވި ކަމަށް ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އެޑްނޮމް ގެބްރިއާސޫސް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ، ޑަބްލިއެޗްއޯގެ ޓީމަކުން ގާޒާގެ އުތުރުގައި ހުންނަ އަލް އަދަވާ އާއި ކަމާލް އަދްވާން ހޮސްޕިޓަލަށް ޒިޔާރަތް ކުރި ކަމަށާއި، އެ ތަންތަން ތަޅާ ސުންނާފަތި ކޮށްލާފައި ވާ އިރު، ބޭހާއި ކާބޯތަކެއްޗާއި ތެޔޮ ފަދަ އެއްވެސް އެއްޗެއް ނެތް ކަމަށެވެ.
ގާތްގަނޑަކަށް 300،000 އެއްހާ މީހުން އުތުރުގައި ހައިހޫނު ކަމުގައި ދިރިއުޅެމުން ގެންދާ އިރު، ކާނެ ބޯނެ އެއްޗެއް ނުލިބި ނުވަތަ ރަނގަޅު ކާނާ ނުލިބި 10 ކުއްޖަކު މަރުވެފައި ވާ ކަމަށެވެ.
ހަމާސްގެ ސިއްހީ ވުޒާރާއިން ބުނީ ކާނާ ނުލިބި މަރުވި ކުޑަކުދިންގެ އަދަދު 15 އަށް އަރާފައި ވާ ކަމަށެވެ.
"ނުރައްކާތެރި ދަރަޖައަކަށް ގޮސްފައި ވޭ، ރަނގަޅު ކާނާއެއް ނެތް، ބޯފެނާއި ބޭހާއި ތެލެއް ނެތް، ހޮސްޕިޓަލް އިމާރާތްތައް ހުރީ ފުނޑުފުނޑު ކޮށްލާފައި"
އޭނާ އިތުރަށް ވިދާޅުވީ، ހަނހޫނު ކަމުގައި ކުޑަކުދިންނާއި ތުއްތު ކުދިން މަރުވަމުން ދާ ކަމަށާއި މަރުވި 10 ކުދިން މަރުވީވެސް ކާބޯތަކެތި ނުލިބިގެން ކަމަށެވެ.
ގާޒާގައި ހައިހޫނުކަން ފެތުރެމުން ދާ ކަމަށާއި އެއީ އިއާދަ ނުކުރެވޭނެ ވަރުގެ ހާލަތަކަށް ވާނެ ކަމަށް ބުނެ އދ އިން މީގެ ކުރިންވެސް ވަނީ އިންޒާރު ކޮށްފައެވެ.
އދ އިން ބުނެފައި ވަނީ މުޅި ގާޒާގެ ދެބައިކުޅަ އެއްބައި މީހުން ތިބީ ހައިހޫނު ކަމުގެ ތުންފަތްމަތީގައި ކަމަށާއި އުމުރުން 2 އަހަރުން ދަށުގެ ކޮންމެ 6 ކުއްޖަކުން 1 ކުއްޖަކީ މިހާރުވެސް އެ ހާލަތުގައި ހުރި ކުއްޖެއް ކަމަށެވެ.
އދ ގެ އޮފިޝަލުން އިތުރަށް ވިދާޅުވީ، ގާޒާއަށް ދިމާވެފައި ވާ ހާލަތަކީ އިންސާނުން އުފެއްދި ހާލަތެއް ކަމަށާއި އެ ހާލަތު ބަދަލުވާނެ ގޮތާއި ނިންމޭނެ ގޮތްވެސް ބުނަން އެނގޭ ކަމަށެވެ.
ގާޒާގެ 1.5 މިލިއަން އާބާދީ ބަނޑަށް މަރަން އިޒްރޭލުގެ ބައެއް ވަޒީރުން އަޑުއުފުލަމުން ގެންދާ އިރު، އިއްޔެ އެމެރިކާއަށް ދިޔަ ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓުގައި ހިމެނޭ އިދިކޮޅު ލީޑަރު ގާންޓްޒް އާ ބައްދަލުކުރެއްވުމަށް ފަހު އެމެރިކާގެ ނައިބުރައީސް ވިދާޅުވީ، ވަގުތުން ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށާއި އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ގޭޓްތައް ހުޅުވަން ޖެހޭ ކަމަށެވެ.
މުރާސިލުން ބުނާގޮތުގައި އޭނާ މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ އެމެރިކާގައި މާދަމާ އޮންނަ ރިޔާސީ ޕްރިމަރީގައި ޑިމޮކްރެޓުންގެ ތާއީދު ހޯދުމަށެވެ. ގާޒާ މިހާލަތަށް ގެނައުމުގައި އެމެރިކާގެ ބައިވެރިވުން ބޮޑު ކަމަށާއި ހަަމަލާތައް ހުއްޓުނަ ނުދީ ކުރިއަށް ގެންދަނީ އެމެރިކާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ