ރާއްޖޭގައި ވީޗެޓް ޕޭ ފެށުމަށް މަޝްވަރާކޮށްފި

ރާއްޖޭގައި ވީޗެޓް ޕޭ ފެށުމަށް މަޝްވަރާ ކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިވެރިންނަށް ބޭރުން ގެންނަ ތަކެއްޗަށް ފައިސާދެއްކޭނެ އިތުރު ގޮތްތަކެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޓެންސެންޓް/ވީޗެޓް ޕޭގެ ރީޖަނަލް ޑިރެކްޓަރާއި ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ވީޗެޓް ޕޭ އަކީ، ކިއުއާރް ކޯޑް ސްކޭން ކޮށްލައިގެންނާއި، އެ އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ފައިސާގެ އޮންލައިން މުއާމަލާތްތައް ފޯނުން ކުރުމަށް ޗައިނާއިން ތައާރަފް ކޮށްފައިވާ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ލިބޭ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މިހާރު ޗައިނާގެ އިތުރުން އެހެން ގައުމުތަކުން ވެސް ވަނީ ބޭނުންކުރަން ފަށާފައެވެ.
އެކަމާއި ގުޅިގެން މަޝްވަރާ ކުރިކަމަށް ވިދާޅުވީ ނަމަވެސް، އެކަމާއި ގުޅިގެން އިތުރު މައުލޫމާތު މިނިސްޓަރު ހިއްސާ އެއް ނުވެއެވެ.
Met the Regional Director of Tencent/WeChat Pay and discussed options to implement WeChat pay in Maldives so as to provide more payment options for businesses in the Maldives pic.twitter.com/7GePXMlKVS
— Mohamed Saeed (@em_saeed) April 16, 2024
 
މިދިޔަ ހަފްތާގައި މާވަށުގައި ބޭއްވި ޖަލްސާގައި ވަޒީރު ސައީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ, ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކުރަމުން އަންނަ ދެ ގައުމު ކަމަށްވާ ޗައިނާއާއި އިންޑިއާއާއެކު ކަރަންސީ ސްވަޕް އެގްރީމެންޓެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޗައިނާއާއެކު ކަރަންސީ ސްވަޕް އެގްރީމެންޓެއް ހަދަން ޗައިނާގެ ސެންޓްރަލް ބޭންކްގެ ގަވަރުނަރަށް ރާއްޖެ ވަޑައިގަތުމަށް ސަރުކާރުން ދައުވަތު ދީފައިވާ ކަމަށެވެ. އަދި އެކަންވުމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ