ކަރަންޓު ބިލަކީ ރައްޔިތުންނަށް އެފޯޑުކުރެވޭވަރުގެ އެއްޗަކަށް މި ސަރުކާރުން ހައްދާނެ: މެންބަރު ނަސީރު

ކަރަންޓު ބިލަކީ ރައްޔިތުންނަށް އެފޯޑުކުރެވޭވަރުގެ އެއްޗަކަށް މި ސަރުކާރުން ހައްދާނެކަމަށާއި ސަރުކާރުން ކަރަންޓު ބިލުގެ ބޭނުންކޮށްގެން ރައްޔިތުން ލޫޓުވާ ނުލާނެކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.
ކަރަންޓް ބިލް ބޮޑުވާ މައްސަލަގައި މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމެވެ. މި މައްސަލައަށް ބަހުސް ކުރައްވަމުން ނަސީރު ވިދާޅުވީ ކަރަންޓުގެ މައްސަލަ އުފެދިގެން އަންނަނީ ކަރަންޓުގެ ވިއުގާ އުފެދިގެން އައިރު، ހެދިފައި ހުރި ގޯސްތަކުގެ ސަބަބުންކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންވާ ކަރަންޓުގެ ކެޕޭސިޓީއާއި އެއްވަރަށް ކަރަންޓު ފޯރުކޮށްނުދެވުމަކީ އެއް މައްސަލަކަމަށް ފާހަގަކޮށް ނަސީރު ވިދާޅުވީ އެކަމުގެ ސަބަބުން ޕްރެޝަރު ބޮޑުވެ ކަރަންޓު އުފައްދަން ކުރާ މަސައްކަތް އިތުރުވުމުން ބިލު ބޮޑުވާނެކަމަށެވެ. ކަރަންޓު އެޅުމުގައި ހިމަ ނަރުތަކެއް ބޭނުންކޮށްފައި ހުރުމުގެ ސަބަބުންވެސް މި މައްސަލަ ނިކުންނަކަމަށް މެންބަރު ވިދާޅުވިއެވެ.
މި މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށް ނަސީރު ވިދާޅުވީ، ރާއްޖެއިން ބޭރުން ކޮންސަލްޓެންޓުން ހޯދައިގެންވެސް މަސައްކަތްތަކެއް ކުރެވިދާނެކަމަށާއި މި ސަރުކާރުން ކަރަންޓު ބިލުގެ ބޭނުންކޮށްގެން ރައްޔިތުން ލޫޓުވާނުލާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކަރަންޓު ބިލަކީ ރައްޔިތުންނަށް އެފޯޑުކުރެވޭވަރުގެ އެއްޗަކަށް މި ސަރުކާރުން ހައްދަވައިދެއްވާނެކަމަށްވެސް ނަސީރު ވިދާޅުވިއެވެ.
ޕީއެންސީއިން ވެރިކަމާއި ހަވާލުވީ މިހެން ހުރި ހުރިހާ މައްސަލައަކަށް ހައްލު ހޯދައިދީ ރައްޔިތުންނަށް ހެޔޮ ގޮތް ގެނެސްދިނުމަށްކަމަށް ފާހަގަކޮށް ނަސީރު ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ބައްޓަންވެގެންދާނީ އެކަން ހާސިލްވާނެ ގޮތަށްކަމަށެވެ.
މި މައްސަލައަށް ބަހުސް ކުރައްވަމުން އިދިކޮޅު މެމްބަރުންވެސް ވަނީ ކަރަންޓް ބިލް ބޮޑުވާ މައްސަލައިގައި އަސްލަކީ ކޮބައިކަން އެނގެން ޖެހޭ ކަމަށާއި އެކަމަށް ފުރިހަމަ ދިރާސާއެއް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ސްމާޓް މީޓަރ ތައާރަފްކުރިފަހުން ބައެއް ރަށްރަށުގެ ގޭބިސީތަކުގެ ކަރަންޓުބިލް އިންތިހާއަށް ބޮޑުވެފައިވާކަން މެންބަރުން ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓް ދެއްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ