ސިޔާސީ ޕާޓީ ހިންގުމުގެ ނަމުގައި ދިވެހި ގައުމަށާއި އާއިލާތަކަށް، ޕީއެންއެފުން ފުރައްސާރަ ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
ސަޢީދު މިހެން ވިދާޅުވެފައިވަނީ ރޭ ޕީއެންއެފުން ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.
"ކިތަންމެ ވަރަކަށް ޓީވީ އާއި އެއްޗެހި ހިފައިގެން ގޮސް ފަތިސް ނަމާދަށް ދިޔަސް، މި މަކަރު ހަދާ ހުރިހާ އިރަކު الله އޭނާގެ މައްޗަށް ސުވަރުގެ ޙަރާމް ކުރައްވާނެ ކަމަށް އެ އޮތީ އަންގަވާފައި،" ޖަމީލް ވިދާޅުވި އެވެ.
މި ވާހަކަތަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ 2007 ވަނަ އަހަރު ރާއްޖޭގައި ނެގި ނިޒާމީ ވޯޓުގެ ކުރީން އޭރުގެ ބޮޑު ދެ ޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައި ވެސް ޑރ ޖަމީލު ރުންކުރުވެ، އެތާ ތިބި ރައްޔިތުންނަށް ނާގާބިލަށް، ޖާހިލަށް ގޮވުމަށްފަހު ނަފްސު ކޮންޓްރޯލު ނުވެގެން ސްޓޭޖު ދޫކޮށް ވަޑައިގެންނެވި ކަމަށެވެ.
"އޭގެ 17 އަހަރު ފަހުންވެސް މި ފެންނަނީ ހަމަ އެ މަންޒަރު. މައިކު އަތުޖެހުމުން "ދުނިޔެ ރަންވެ" ހޭބުއްދި ލުހި، އަނބިދަރީންނާ ޢާއިލާތަކުގެ ކަރާމާތަށް މި އަރައިގަންނަނީ. ބަސްމަގު ހުތުރުވެ އަދި ނުވިތާކަށް ފާފަފުއްސެވުމާ ސުވަރުގެއާއި ނަރަކައަށް ވެއްދެވުން ފަދަ ހަމައެކަނި الله އަށް ލިބިވޮޑިގެންވާ ބާރުތަކާމެދުވެސް ތިމާ އަމިއްލައަށް ގޮތް ނިންމާ ތައުބާވާން މަޖުބޫރު ހިސާބަށް މިދަނީ،" ސައީދު ވިދާޅުވި އެވެ.
ސަޢީދު ވިދާޅުވީ، އެފަދަ ބޭފުޅުންނާ އަޅާ ބަލާއިރު ރައީސް މުއިއްޒުގެ ތަފާތަކީ ހަރުދަނާކަމާއި، މަޑުމައިތިރިކަމާއި ރީތި އަޚްލާޤު ކަމަށެވެ. އަދި އަނެކުންގެ ކަރާމާތް ހިފެހެއްޓެވުމާއި، ހީވާގިކަމުގެ އިތުރުން ރެޔާދުވާލު ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދު ފުއްދެވުމަށް ހިންމަތާއެކު އެކުރައްވާ ބުރަ މަސައްކަތް ސައީދު ވަނީ ފާހަގަކުރައްވާފަ އެވެ.
އަދި އެކަންކަން ކާމިޔާބުވަމުންދާތީ ރައީސް މުޢިއްޒަށް ރައްޔިތުންގެ ލޯބި އިތުރުވަމުންދާ ކަމަށާއި އެ މަންޒަރު ފެނުމުން "ހަމައިން ނެއްޓުމަކުން ވާނެ މޮޅެއް ނޯންނާނެ" ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީ ހިންގުމުގެ ނަމުގައި މި މީހުން މި ކުރަނީ ގައުމަށާ އާއިލާތަކަށްވެސް ފުރައްސާރަ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވަނީ މިއީ ކިޔަވައިގެން ތިބި ޒުވާނުން މިހާ ގިނަ ތަހުޒީބު މުސްލިމް ރައްޔިތެއް ބަލައިގަންނާނެ ކަންކަން ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ.
ޕާޓީތައް ހިންގުމުގެ ނަމުގައި އާއިލާތަކަށް ކުރަނީ ފުރައްސާރަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ