ކުރިއަށް އޮތް ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވާ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމުގެ އިތުރުން، އެޓީމުގެ އިތުރު ހަތަރު މަގާމަކަށް ކުރިމަތިލުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފުރުސަތު ހުޅުވާލައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ އެފްއޭއެމް އިން ގެޒެޓްކުރި އިއުލާނުގައި ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމާއި، އެސިސްޓަންޓް ކޯޗުގެ މަގާމާއި، ޓީމު ޑޮކްޓަރުގެ މަގާމާއި ގޯލްކީޕަރު ޓްރެއިނަރުގެ މަގާމުގެ އިތުރުން ފިޒިކަލް ޓްރެއިނަރުގެ މަގާމަށް މީހުން ހޯދުމަށެވެ.
މިމަގާމު ތަކަށް ކުރިމަތިލުމުގެ ފުރުސަތު 27 އެޕްރީލް 2025 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މި މަގާމަށް ހޮވޭ ފަރާތްތަކުގެ ކޮންޓްރެކްޓް މުއްދަތެއްގެ ގޮތުގައި ހިމަނާފައިވަނީ، ތިން މަސް ދުވަހެވެ.
Advertisement
ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗެއްގެ މަގާމަށް ކުރިމަތިލާ ފަރާތެއްގެ ޝަރުތުތަކަށް ބަލާއިރު، އޭއެފްސީ/ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވުން ނޫނީ އެ ފެންވަރުގެ ކޯޗިން ސެޓްފިކެޓެއް އޮތުން ލާޒިމްކުރެ އެވެ. އަދި، ސީނިއާ ޕްރޮފެޝަނަލް ލެވަލްގައި ހަ އަހަރު ދުވަހުގެ ކޯޗިން ތަޖުރިބާ، (ކްލަބެއް ނޫނީ ގައުމީ ޓީމަކާއެކު) ހުރުން ހިމެނެއެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އެންމެ ފަހުން ހުރީ އަލީ ސުޒޭން އެވެ. އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު އެންމެ ފަހުން އިންޑިއާ އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗުން ވެސް ވަނީ ބަލިވެފައެވެ. އަދި ސުޒޭން، ގައުމީ ޓީމުން ވަކިވީ އެނާ އެކު އެފްއޭއެމް އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ.
ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރުގެ މަގާމަށް ކުރިމަތިލާ ފަރާތެއްގެ ޝަރުތުގެ ގޮތުގައި، އޭއެފްސީ ގޯލްކީޕަރު ކޯޗިން ސެޓްފިކެޓް ލެވަލް 1، 2، 3 ނޫނީ އެ ފެންވަރުގެ ސެޓިފިކެޓެއް ހުރުމުގެ އިތުރުން، 3-5 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން ލާޒިމެވެ. އަދި، އެސިސްޓަންޓް ކޯޗުކަމަށް ކުރިމަތިލާ ފަރާތެއް އަތުގައި އޭއެފްސީ ކޯޗިން ލެވަލް ބީ ސެޓްފިކެޓް ނޫނީ އެ ފެންވަރުގެ ފާހެއް ހުރުމުގެ އިތުރުުން، މަދުވެގެން ފަސް އަހަރު ދުވަހުގެ ކޯޗިން ތަޖުރިބާ ހުންނަން ޖެހެ އެވެ.
މި މަގާމުތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މި މަހު 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެފްއޭއެމަށް ލިޔެކިޔުންތައް ހުށަހަޅަން ޖެހޭއިރު، ޑޮކިއުމެންޓް މެއިލް ކުރުމަށް އެފްއޭއެމް ދީފައިވާ މެއިލް އެޑްރެސްއަކީ، [email protected] އެވެ.
ސާފް ޗެންޕިއަންޝިޕްގެ ނިޔަލަށް ގައުމީ ޓީމަށް ކޯޗަކު ހޯދުމަށް އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ