މެޑްރިޑް (އޭޕްރީލް 21) - ސްޕެނިޝް ލީގުގައި ރޭ ފެޑެރީކޯ ވަލްވޭޑޭ، އިތުރު ވަގުތުގައި ޖެހި ގޯލުން ރެއާލް މެޑްރިޑުން 1-0 އިން އެތުލެޓިކް ބިލްބާއޯގެ މައްޗަށް ކުރިހޯދައިފި އެވެ.
މި ނަތީޖާއާ އެކު، ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާގެ ލީޑު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ. ބާސެލޯނާ އަށް 32 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު، ރެއާލުން ވަނީ 32 މެޗުން 69 ޕޮއިންޓް ހޯދައިފަ އެވެ.
ރެއާލުން ރޭގެ މެޗުގައި ކުޅެފައިވަނީ ސަސްޕެންޝަނުގެ ސަބަބުން ކީލިއަން އެމްބާޕޭ ނުލަ އެވެ. އެމްބާޕޭ ހުރީ އެއް މެޗުގެ ސަސްޕެންޝަނެއްގަ އެވެ. އެއީ، އަލަވޭސް އަތުން ރެއާލް މޮޅުވި މެޗުގައި އެމްބާޕޭ އަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ.
ލަނޑެއް ޖެހޭތޯ ރެއާލުން ރޭގެ މެޗުގެ ބޮޑުބައިގައި ކުރި މަސައްކަތަށް ހުރަސް އެޅީ ބިލްބާއޯގެ ގޯލްކީޕަރު، އުނާއި ސިމޯން އެވެ. އޭނާ ވަނީ ރެއާލްގެ އެޑުއާޑޯ ކަމަވިންގާ އާއި ޖޫޑް ބެލިންހަމް ފޮނުވާލި ބޯޅަތައް މަތަކޮށްފަ އެވެ.
ރެއާލުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 11 މިނިޓަށް ވެފައި އޮއްވައި، ވިނީޝިއުސް ޖޫނިއާ ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އޮފްސައިޑް ކަމަށް ނިންމީ އެ އެޓޭކުގައި ރެއާލުގެ އެންޑްރިކް އޮފްސައިޑްގައި ހުރުމުންނެވެ.
މެޗު އެއްވަރުވާން ދަނިކޮށް އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ބޯޅައެއްގައި ވޮލީ އަކުން ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން، ރެއާލް މޮޅުކޮށްދިން ލަނޑު ޖެހީ ވަލްވޭޑޭ އެވެ. މިއީ، ޑިސެމްބަރު މަހުގެ ފަހުން ވަލްވޭޑޭގެ ފުރަތަމަ ގޯލެވެ. އަދި، މި ފަހަރު ލީގުގައި ޖެހި ހަ ވަނަ ގޯލެވެ.
ވަލްވޭޑޭ އިތުރު ވަގުތުގައި ޖެހި ގޯލުން ރެއާލަށް މޮޅެއް ވަލްވޭޑޭ އިތުރު ވަގުތުގައި ޖެހި ގޯލުން ރެއާލަށް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ