ރިސޯޓު މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމާއި ބުރުގާ އެޅުން ހުއްދަކުރަން ގޮވާލައި ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގެންފި ރިސޯޓު މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމާއި ބުރުގާ އެޅުން ހުއްދަކުރަން ގޮވާލައި ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގެންފި

ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމާއި ބުރުގާ އެޅުން ފަދަ ކަންކަން ކުރުމަށް މިހާރު ހުރި ހުރަސްތައް ނައްތާލަން ގޮވާލައި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަނެ އެ ގަރާރު ދިރާސާ ކުރުމަށް އިގުތިސާދީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
މައުރޫފް ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން އިއްތިފާގުންނެވެ.
މައުރޫފް މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގެ 19 ވަނަ މައްދާއިން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދީފައިވާ ކަމަށާއި އެމީހަކު ބޭނުން ވަޒީފާއެއް އަދާ ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގެ 37 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.
ނަމަވެސް ތުނބުޅި މަތިމަސް ބެހެއްޓުމާއި ބުރުގާ އެޅުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނުތަކާ ހިލާފު ކަމަށް ނުވި ނަމަވެސް ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ބައެއް ތަންތަނުގެ ހެދުންއަޅަންޖެހޭ މިންގަނޑުގެ ދަށުން އެކަންކަން ކުރުމަށް ހުރަސް އެޅޭ ކަމަށް މައުރޫފުގެ ގަރާރުގައި ބުނެފައިވެ އެވެ.
އެ ގަރާރުގެ ބަހުސްގައި ޖުމުލަކޮށް ހުރިހާ މެންބަރުން ވެސް އޭގައި ހުރި ކަންތައްތަކަށް ތާއީދު ކުރެއްވި އެވެ. ނަމަވެސް ޕީއެންސީގެ ދެ މެންބަރަކު ގަރާރުގެ ބަހުސްގައި އިދިކީލަކޮށް ވާހަކަ ދެއްކެވި އެވެ.
އެގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ވިދާޅުވީ މައުރޫފް އެ ގަރާރު ހުށަހެޅީ މަޖިލީހުގެ ވަގުތު ނަގާލަން ކަމަށާއި އެއީ މަޖިލީހަށް ނުވައްދާ ނިންމޭނެ މައްސަލައެއް ކަމަށެވެ.
"ހަގީގަތުގައި މިއީ މިނިސްޓްރީ އާއި ސްޓޭކް ހޯލްޑަރުން ގުޅިގެން ނިންމަވައިލެވެން އޮތް ކަމެއް، އަޅުގަނޑުމެން ވެސް އެދެނީ މުވައްޒަފުންނަށް އެމީހުންގެ ހައްގުތައް ރައްކާތެރިވެގެން ދިޔުން އެހެން ނަމަވެސް މަޖިލީހުގެ ވަގުތު ނަގާލައިގެން މަޖިލީހުގައި ޝަރީއަތްކޮށް މަޝްވަރާ ކުރަންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ އިނގޭތޯ،" ޖަނާބު ވިދާޅުވި އެވެ.
އޭގެފަހުން ޕީއެންސީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު، އިބްރާހިމް ފަލާހު ވާހަކަ ދައްކަވަމުން ވެސް ވަނީ އެ ގަރާރު މަޖިލީހަށް ހުށަހެޅީ އެމްޑީޕީން ސަރުކާރާ ދެކޮޅަށް ދައްކާނެ އިތުރު ވާހައެއް ނެތީމާ ކަމަށް ވިދާޅުވެފަ އެވެ. ފަލާހު ވިދާޅުވީ ރައްޖޭގެ އެއްވެސް ރިސޯޓެއްގައި ތުނބުޅި ބެހެއްޓުން މަނާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އެ ވާހަކަތަށް ރައްދުދެއްވައި މައުރޫފް ވިދާޅުވީ ރާއްޖޭގެ 99 އިންސައްތަ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އެ ގަރާރަށް ތާއީދު ކުރާ ކަމަށެވެ. އަދި އެ ގަރާރު ހުށަހެޅުއްވީ ދީނީ ގޮތުން ބަލާއިރު ރާއްޖޭގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ތުނބުޅި ބޭލުން މަޖުބޫރު ކުރެވޭނެ ޖާގައެއް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިސާބު ހެދި ދިރާސާ ކުރެވި މިކަން ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްފަހުގައި އަޅުގަނޑު މި މަސައްކަތް ރައްޔިތުންގެ މަޖިލިސް މެދުވެރިވެގެން މިކަން ކުރަން މި ފެށްޓީ، މި މަސައްކަތް ކުރުމުގައި އަޅުގަނޑު ދެމި ހުންނާނެ، އަދި ގަރާރަކުން މިކަން ނުވި ކަމުގައި ވީނަމަ ދެން ހުރި ގޮތަކުން ވެސް މިކަން ކުރަންޖެހުނު ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނެ ވާހަކަ ދަންނަވައިލަން،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ރިސޯޓު މުވައްޒަފުންނަށް ތުނބުޅި މަތިމަސް ބެހެއްޓުން މަނާކޮށް ބުރުގާ އަޅައިގެން މަސައްކަތް ކުރުމަށް ހުރަސްތަކެއް ހުރުމުން އެ ސިނާއަތުގައި މަސައްކަތް ކުރަން ބޭނުންވާ ގިނަ ދިވެހިންތަކަކަށް ވަޒީފާ އަދާ ކުރުމަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
އެހެންކަމުން ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގެ މުވައްޒަފުން ތަބާވާންޖެހޭ ހެދުންއެޅުމުގެ ގަވާއިދު އެކުލަވައިލުމުގެ ރިއާޔަތް ކުރަންޖެހޭ އެއްހަމަ، އާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވައިލުމަށް އެ ގަރާރުން ސަރުކާރަށް ގޮވާލައިފައިވެ އެވެ.
އެ އުސޫލުގެ ދަށުން ބުރުގާ އަޅައިގެން މަސައްކަތް ކުރަން ބޭނުންވާ އަންހެނުންނާއި ތުނބުޅި މަތިމަސް ބަހައްޓައިގެން މަސައްކަތް ކުރަން އެދޭ ފިރިހެނުންނަށް ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގައި މަސައްކަތް ކުރުމަށް ހުރި ހުރަސްތައް ނައްތައިލުމަށް އެ ގަރާރުގައި ގޮވާލައިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ