އެއްވެ އުޅުމުގައި ހައްގުތަކަށް އަރައިނުގަންނަން އެޗްއާރުސީއެމްގެ އިލްތިމާސެއް
އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް ލިބިފައިވާ ކަމަށާއި އެ ހައްގުގެ ބޭނުން ކުރުމުގައި އެކަކު އަނެކަކުގެ ހައްގުތަކަށް އަރައިނުގަތުމަށް މޯލްޑިވްސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު އިލްތިމާސްކޮށްފިއެވެ. އެ ކޮމިޝަނުން އަންނަނީ އިދިކޮޅު އެމްޑީޕީން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތައް މޮނިޓާ ކުރަމުންނެވެ. އެ މުޒަހާރަތާކުގެ ތެރެއިން ކޮމިޝަނަށް ފާހަގަވި ކަންކަން ބަޔާންކޮށް، އެޗްއާރުސީއެމްއިން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން، އެ ބަޔާނުގައި ވަނީ، ސުލްހަވެރިކޮށް ބޭއްވޭ އެއްވުންތައް ބޭއްވުމަށް ފުރުސަތުދިނުމަށާއި އެއްވުންތައް ރޫޅާލަން ޖެހޭ ހާލަތުގައި ގާނޫނީ އިމުގެ ތެރެއިން އެކަން ކުރުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ގޮވާލާފައެވެ. އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން ---- ފޮޓޯ/ އެމްޑީޕީ މުޒާހަރާ ކަވާ ކުރުމުގައި ހަރަކާތްތެރިވާ މީޑިއާތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަމާ ގުޅުން ހުރި އިދާރާތަކަށް އިލްތިމާސްކޮށްފައިވާއިރު، ބާރުގެ ބޭނުން ކުރަން ޖެހޭ ހާލަތުގައި ވެސް ގާނޫނީ އިމުގެ ތެރެއިން މުޒާހަރާގައި އެކަން ކުރުމަށް އެޗްއާރުސީއެމްއިން ފުލުހުންނަށް ވަނީ ގޮވާލާފައެވެ. އެއާއެކު، ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތަކަށް މުޚާތަބުކޮށް ވާހަކަދައްކާފައިވާކަން ފާހަގަކުރެވުނު ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެޗްއާރުސީއެމްއިން ބުނީ، ޚިޔާލު ފާޅުކުރުމުގެ ނަމުގައި ކުޑަކުއްޖެގެ އަބުރަކަށް އުނިކަން ލިބޭފަދަ ގޮތަކަށް ވާހަކަދެއްކުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި، އެފަދަ ކަންކަން ހުއްޓުވައި، ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް އެ ކޮމިޝަނުން ގޮވާލާފައިވެއެވެ. އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން އަޑުގަދަ ކުރާ ބޭނުންކޮށް މީހަކު ވާހަކަދައްކަނީ ---- ފޮޓޯ/ އެމްޑީޕީ އިތުރަށް އެޗްއާރުސީއެމްއިން ބުނީ، އެމްޑީޕީގެ މުޒާހަރާތަކުގެ ތެރެއިން ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކުރިމަތިލުންތަކުގައި މުޒާހަރާގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށެވެ. އަޑުގަދަ ކުރާ ބޭނުންކޮށްގެން މާލޭ މަގުތަކާ ގްރީން ޒޯންތައް ހިމެނޭ ސަރަހައްދުތަކަށް މުޒާހަރާގެ ބައިވެރިން ވަނުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި އެ ސަރަހައްދުތަކަށް ވަނުން ސަލާމަތީ ބާރުތަކުން ހުއްޓުވާފައިވާކަން އެ ބަޔާނުގައި ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. އޭގެއިތުރުން، އާންމުންނާއި ޓްރެފިކަށް ދަތިނުވާހެން މުޒާހަރާތައް އިންތިޒާމު ކުރުމަށް ގޮވާލާފައިވާއިރު، ސުލްހަވެރިކަން އިސްކޮށްގެން މަގުތައް ބޭނުންކުރާ މީހުންނަށް ދަތިނުވާހެން އަމަލުކުރުމަށް މުޒާހަރާގެ ބައިވެރިންނަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ