ސުޕްރީމް ކޯޓު ފަނޑިޔާރެއްގެ މައްސަލައެއް ނުބަލަން: ފުލުހުން

ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ނުބަލާކަމަށް ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވެއްޖެއެވެ. މި މައްސަލަ ފެންމަތިވީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށް، ބަދަލުގައި މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފާއި އިތުރު ސިޔާސީ ބަޔަކު އެ ތަނަށް ލާން އުޅޭކަމަށް ތުހުމަތުކޮށް އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނަކާ ގުޅިގެންނެވެ. އެއާއެކު އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާން ފެށިއެވެ. މި ތުހުމަތުތަކާ ގުޅިގެން ސުވާލުކުރުމުން ޝިފާން ވަނީ މައްސަލަ ބަލާކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. ނަމަވެސް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ އެ ކޮމިޝަނުން މައްސަލައެއް ބަލާކަން ވެސް ނުވަތަ ނޫންކަން ވެސް ބުނަން ދެކޮޅު ހަދައިފައެވެ. އެ ކޮމިޝަނުން ބުނީ، އެ ކޮމިޝަންގެ މީޑިއާ ޕޮލިސީ އޮންނަ ގޮތުން، ވަކި ފަނޑިޔާރެއްގެ ޝަކުވާ ހުށަހަޅައިގެން އެ މައްސަލައެއް ބެލި ކަމަށް ވިޔަސް އެކަމުގެ މައުލޫމާތު މިހާރު ނުދޭ ކަމަށެވެ. https://sun.mv/202410 ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަންއުޅޭ ކަމަށް ބުނެ އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ، ސަރުކާރުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަގާމު ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ދެކޮޅަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށެވެ. https://sun.mv/202351 އެ ބަޔާނުގައި ވަނީ ސުޕްރީމް ކޯޓަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަކީ އެމްޑީޕީ ސަރުކާރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. އަދި ޖުޑިޝަރީއަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދުމަށް ޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަސައްކަތްކުރަމުން ގެންދާ މި ދަނޑިވަޅުގައި، އެ ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރުމަކީ އަދުލުވެރި، އަދި ރައްޔިތުންގެ އިތުބާރު އޮތް ޖުޑިޝަރީއެއް ހޯދުމަށް ކުރެވޭ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަަޅެއްކަން ފާހަގަކޮށްފައިވެއެވެ. https://sun.mv/202378 އެމްޑީޕީގެ މި ތުހުމަތުތައް ސަރުކާރު ހިއްސާވާ ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވެސް ވަނީ ދޮގުކުރައްވާފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ: އަހްމަދު މުއުތަސިމް އަދުނާން - އުއްތަމަ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު - ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހްއްމަދު - ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު - ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު - ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން - ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު އިބްރާހީމް - ސުޕްރީމް ކޯޓުގެ ފަނޑިޔާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ