މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ ދަށަށް

މިދިޔަ މަހު މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ، ޖެނުއަރީ މަހު ލިބުނު އަދަދަށްވުރެ ދަށްވެއްޖެއެވެ. މީރާއިން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު އެ އިދާރާއަށް ޑޮލަރުން ލިބިފައިވަނީ 118 މިލިއަނެވެ. އެއާ އަޅައިބަލާއިރު ޖެނުއަރީ މަހު މީރާއަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ތެރޭގައި 125.49 މިލިއަން ޑޮލަރު ހިމެނެއެވެ. މީރާއަށް މިދިޔަ މަހު ލިބުނު ޖުމްލަ އާމްދަނީ 2.47 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 5.4 އިންސައްތަ އިތުރު އަދަދެކެވެ. އަދި އެއީ ލިބޭނެ ކަމަށް އަންދާޒާ ކުރިވަރަށްވުރެ ވެސް 5.1 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ބުންޏެވެ. މީރާއިން ބުނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ބަލައިގަންނަން ފެށުމާއި، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ އާމްދަނީ އިތުރުވުންކަމަށެވެ. އަދި ކުުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން ފެބުރުވަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކުރުމުން ވެސް މިދިޔަ މަހު ބަލައިގަތް އާމްދަނީ އިތުރުވި ކަމަށް އެ އިދާރާއިން ބުންޏެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅައިބަލާއިރު، މި އަހަރު ޖަނަވަރީމަހުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އިންސައްތަ 11.7 ޕަސަންޓު އިތުރުވެފައިވާކަން މީރާއިން ފާހަގަކުރިއެވެ. އެހެންވެ، ގުރީން ޓެކުހާއި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވެސް އިތުރުވި ކަމަށް އެ އިދާރާއިން ބުންޏެވެ. މި އަހަރު ފެބުރުވަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 1.23 ބިލިއަން ރުފިޔާ ނުވަތަ ޖުމުލަ އާމްދަނީގެ 49.8 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނައިން ބަލައިގެންފައި ވަނީ އާމްދަނީން ނަގާ ޓެކުހެވެ. އެއީ 401.4 މިލިއަން ރުފިޔާ ނުވަތަ އާމްދަނީން 16.3 އިންސައްތައެވެ. މީގެ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 307.2 މިލިއަން ރުފިޔާ، ގުރީން ޓެކުހުގެ ގޮތުގައި 149.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޑިޕާޗާާ ޓެކުހުގެ ގޮތުގައި 102.4މިލިއަން ރުފިޔާއާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 98.7 މިލިއަން ރުފިޔާވަނީ ލިބިފައެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މިދިޔަ އަހަރު ސަރުކާރުންވަނީ، ގްރީން ޓެކްސް ދެގުނައަށް ބޮޑުކޮށްފައެވެ. އެގޮތުން ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، 50 ކޮޓަރިއަށް ވުރެ ކޮޓަރި މަދު ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ނަގައި އަދަދުވަނީ ތިން ޑޮލަރުން ހަ ޑޮލަރަށް ބޮޑުކޮށްފައެވެ. އަދި، އެއަށް ވުރެ ބޮޑެތި ގެސްޓްހައުސްތަކާއި ރިސޯޓުތަކުން ނަގައި ގްރީން ޓެކްސްވަނީ ހަ ޑޮލަރުން 12 ޑޮލަރަށް ބޮޑުކޮށްފައެވެ. ގްރީން ޓެކުހާއެކު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސް ވަނީ ބޮޑުކޮށްފައެވެ. އެ ބަދަލުތަކާއެކު 1.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް މި އަހަރު އިތުރުކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ