އައިކޮމްއަށް އަހަރީ ރިޕޯޓު ނުފޮނުވާ އިދާރާތަކުގެ ތެރޭގައި ރައީސް އޮފީހާއި ހަތަރު މިނިސްޓްރީއެއް

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އަށް އަހަރީ ރިޕޯޓު ނުފޮނުވާ އިދާރާތަކުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިތުރު ހަތަރު މިނިސްޓްރީއެއް ހިމެނިއްޖެއެވެ. އައިކޮމްއިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ދައުލަތުގެ އިދާރާތަކުން މަހޯލި އަހަރީ ރިޕޯޓު ފޮނުވަންޖެހޭ ސުންގަޑި ހަމަވިއަރު އެ ރިޕޯޓް ފޮނުވާފައިވަނީ 383 އިދާރާއިންކަމަށެވެ. އެއީ ޖުމްލަ އިދާރާތަކުގެ އެންމެ 40 ޕަސަންޓުކަން އެ އިދާރާއިން ފާހަގަކޮށްފައި ވެއެވެ. https://x.com/icom_mv/status/1885989458203508943 ސަރުކާރުގެ މައި އިދާރާތަކުގެ ތެރޭގައި މި ރިޕޯޓު ހުށަނާޅާ ވަނީ ރައީސް އޮފީހާއި އިތުރު ހަތަރު މިނިސްޓްރީއެކެވެ. އެއީ: މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމަންޓް މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ "ސަރުކާރުގެ މައި އިދާރާތަކުގެ ގޮތުގައި މިބަލަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީތައް،" އެ ޕޯސްޓުގައި ވެއެވެ. އިދާރާތަކުން ފޮނުވަންޖެހޭ މަހޯލި އަހަރީ ރިޕޯޓަކީ މަހޯލި ގާނޫނާއި ގަވާއިދުގެ ދަށުން ކޮންމެ އަހަރެއްގެ ޖެނުއަރީ 31ގެ ކުރިން އައިކޮމްއަށް ފޮނުވަންޖެހޭ ރިޕޯޓެކެވެ. އައިކޮމް އަކީ ދައުލަތުގެ އެންމެހައި އިދާރާތަކަކީ ހާމަކަންބޮޑު ގޮތެއްގައި މައުލޫމާތު ފޯރުކޮށްދީ ރައްޔިތުންނަށް ޖަވާބުދާރީވާ އިދާރާ ތަކަކަށް ހެދުމަށް މަސައްކަޔް ކުރާ ކޮމިޝަނެކެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، މައުލޫމާތުދިނުމުގެ ގާނޫނުގެ ދަށުން ލާޒިމުކުރާ މިންވަރަށް ގިނަ އިދާރާތަކުން މައުލޫމާތު ނުދިނުން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މީގެ ކުރިން ވަނީ ވިދާޅުވެެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ