ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމަލުތައް ހިސާބުކޮށް ވަޒަންކުރުމަށް ފަސޭހަ ގޮތެއް ފަހިކޮށްދިނުމުގެ މަޤްޞަދުގައި "ހާސިބޫ" ގެ ނަމުގައި އައު މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ.
މި އެޕްލިކޭޝަނަކީ 12 އަހަރު ކުރިން ކަލަމުއްލާ ޑޮޓް ކޮމްގެ ރަމަޟާން ރިސޯސަސް ސެކްޝަންގައި ހިމެނުނު ޗެކްލިސްޓެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވިފައިވާ އެޕްލިކޭޝަނެކެވެ.
މިއީ މި ރޯދަމަހާއި ދިމާކޮށް ނެރުނު އެޕްލިކޭޝަނެއް ނަމަވެސް، މި ފަރުމާ ކުރެވިފައިވަނީ ރޯދަމަސް ނޫން އެހެން މަސްމަހުގައިވެސް ކުރެވޭ ހެޔޮ ޢަމަލުތައް ވަޒަން ކޮށް، އެއް އެޕްލިކޭޝަނަކުން، ދީނީ ގިނަ މައުލޫމާތާއި، ރިސޯސަސް ލިބޭނެ ގޮތަށެވެ.
1) ދުވަހުން ދުވަހަށް ކުރާ އަމަލުތައް ރެކޯޑުކުރުން
މި އެޕްލިކޭޝަންގެ ޑެއިލީ އެކްޓިވިޓީސް ޓްރެކަރގައި ގިނަ ޓާސްކުތަކެއް ނުވަތަ ކަންތައްތަކެއް ހިމަނާފައި ހުރެއެވެ. އެކަންކަމުގެ ތެރެއިން އެމީހަކު ބޭނުންނުވާ ޓާސްކުތައް ފަސޭހައިން ޑިލީޓްކުރެވޭއިރު، އެއަށް އެމީހަކު އިތުރުކުރަން ބޭނުންވާ ޓާސްކުތައް އިތުރުކުރެވޭނެ ގޮތަށް ވަނީ ފަރުމާކުރެވިފައެވެ. މި ޓާސްކުތަކުން އެ މަހެއްގައި އެމީހަކަށް ހާސިލް ކުރެވުނު މިންވަރު ހޯމް ޕޭޖުން ފެންނަން ހުރެއެވެ.
2) ނަމާދު ޓްރެކާ
މި ބައިގައި ހިމެނެނީ ކޮންމެ ދުވަހަކުވެސް ފަރުޟު ފަސް ނަމާދު ކުރެވުނުކަން ޔަގީން ކޮށް ޓްރެކްކުރުމެވެ. އަދި ހޯމް ޕޭޖުން ނަމާދު ޕްރޮގްރެސް ޗާޓުވެސް ފެންނަން ހުރެއެވެ.
3) ނަމާދުގެ ޒިކުރުތަކާއި ދުޢާތައް
ނަމާދުގެ ޒިކުރުތަކާއި ދުޢާތަކުގެ ބައިގައި ޞައްޙަ ޙަދީޘްތަކުން ސާބިތުވެފައިވާ ޒިކުރުތައް ހިމަނާލެވިފައިވާއިރު، އޭގެ މާނަވެސް އެބައިން ފެންނަން ހުރެއެވެ. އެހެންކަމުން ނަމާދުގައި ކިޔާ ޒިކުރު ތަކުގެ މާނަވެސް ދަސްކޮށް ނަމާދުގައި ޚުޝޫއަތްތެރިވުމަށް މަގުފަހިކުރެވިގެންދާނެއެވެ.
4) ޤުރުއާން ތަރުޖަމާ
ޤުރުއާން ތަރުޖަމާގެ ބައިގައި ޝައިޚް އަބޫބަކުރު އިބްރާހީމް (ބަކުރުބެ)ގެ ތަރުޖަމާ ހިމެނިފައިވެއެވެ. އަދި މި ބައިގައި ތަރުޖަމާއާއި އާޔަތްތައް ސާރޗްވެސް ކުރެވެއެވެ. ކިޔަވާ ނިމޭ އާޔަތްތައް ފާހަގަ ކުރުމުން، އެމީހަކަށް ކިޔެވޭ މިންވަރުވެސް ޓްރެކްކުރެވިގެންދެއެވެ.
5) ދުވަހުގެ ތާވަލު (ޑެއިލީ ޕްލޭނަރ)
މިބައިގައި، އެމީހެއް އެދުވަހެއްގައި ކުރުމަށް ނިންމާފައިވާ ކަންކަން އެކަމެއް ކުރަން ނިންމާފައިވާ ވަގުތާއި އެއްކޮށް ލިޔެލެވެއެވެ.
6) ނަމާދު ވަގުތު
މިބައިގައި ރާއްޖޭގެ ރަށްތަކުގެ ނަމާދު ވަގުތުތައް ބެލޭނެ ގޮތަށް ވަނީ ހިމަނާލެވިފައެވެ. އަދި އެ މީހަކު އިޚްތިޔާރު ކުރާ ރަށެއްގެ ނަމާދު ވަގުތުތައް ހޯމް ޕޭޖުން ފެންނަން ހުރެއެވެ.
7) ޤުރުއާން ކިޔެވުން
މި ބައިގައި ހިމަނާފައިވަނީ މަހެއްގެ ތެރޭގައި އެމީހަކު ޚަތިމު ކުރުމަށް ބޭނުންވާ އަދަދު ޖެހުމުން، ކޮންމެ ދުވަހަކު، އަދި ކޮންމެ ނަމާދަކަށްފަހު ކިޔަވަންޖެހޭނެ ސަފްހާގެ އަދަދެވެ.
މި އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށް
އެންޑްރޮއިޑް
https://play.google.com/store/apps/details?id=com.fzlunx.haasiboo
އެޕަލް އައިއޯއެސް
https://testflight.apple.com/join/JVAm2Jy7
ހާސިބޫ: އަޅުކަންތައް ހިސާބުކޮށް، ވަޒަންކޮށްލުމުގެ އިތުރުން ދުވަހުގެ ތާވަލް ހަދާލުމަށް ފަސޭހަ އެޕެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ