بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ لَّلهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى سَيِّدنَا مُحَمَّدٍ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މިއަދަކީ ބަރަކާތްތެރި ފިޠުރު ޢީދު އަޅުގަނޑުމެންނާ ބައްދަލުކުރި އުފާވެރި ދުވަހެވެ. އެއީ ދަރުމައާއި ދީލަތިކަމުގެ މޫސުމެއް ކަމުގައިވާ ރަމަޟާން މަސް، އަޅުގަނޑުމެންނާ އަލްވަދާޢު ކިޔުމަށް ފަހުއެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޢީދުގެ އެންމެ މަތިވެރި މަޤްޞަދަކީ ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށް ދެއްވި ފުރުޞަތަށް ޓަކައި މާތް ﷲއަށް ޙަމްދުކުރުމާއި ޝުކުރުކުރުމެވެ. މުސްލިމުން އެކަކު އަނެކެއްގެ މައްޗަށް ހިތްހެޔޮކަން ފާޅުކުރުމެވެ. އިސްލާމީ އަޚްވަންތަކަން ދިރުވައި، ޞަދަޤާތާއި ހަދިޔާއާއި އިޚްލާޞްތެރި ހެޔޮ ބަސްތަކުން ހިތްތަކަށް އުފާވެރިކަން ދިނުމެވެ. އެހެންކަމުން މި ފުރުޞަތުގައި ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރިސްކުރަމެވެ.
މުސްލިމުންގެ މުޅި ދިރިއުޅުން ބިނާވެފައި އޮންނަންވާނީ ހެޔޮކަމުގެ މައްޗަށެވެ. ކުރާ ކޮންމެ ކަމެއް ހެޔޮގޮތުގައި ކުރުމާއި، ބުނާ ކޮންމެ ބަހެއް ހެޔޮގޮތުގައި ބުނުމުގެ މައްޗަށެވެ. ރޯދަމަހު އަޅުގަނޑުމެން ހިފާ ރޯދައިގެ އިތުރަށް ހެޔޮ ޢަމަލުތައް ގިނަކޮށް، އިސްތިޣުފާރު ކުރުމާއި ދުޢާކުރުން އިތުރުކުރަނީ މި މިންގަނޑުގައި ދެމިތިބުމަށްޓަކައެވެ.
ޢީދު ދުވަހަކީ ރޯދަމަސް ނިމި އަލުން ދިރިއުޅުމުގެ އާ އަހަރަކާ ކުރިމަތިލާ ދުވަހެވެ. މުޅި ރޯދަމަހު އަޅުކަމަށްޓަކައި ހޭދަކުރިހައި ވަގުތަށް ފަހު، އިލާހީ ރުއްސެވުމާއި ފުއްސެވުން ލިބުނުކަމުގެ އުންމީދާއެކު އަނެއްކާވެސް އާ ދުވަސްތަކެއް ލިބެނީއެވެ. އެހެންކަމުން ޢީދު ދުވަހުގެ އެންމެ ޚާއްޞަ ޢަޒުމަކަށް ވާންވީ އަމިއްލަ ނަފުސުގެ އިޞްލާޙަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވި ފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިޞްލާޙުކުރުމެވެ. ޢީދުގެ އުފާތައް ލިބިގަތުމުގައިވެސް އަދި އޭގެ ފަހުންވެސް ކޮންމެ ކަމެއްގައި އިސްލާމްދީނުގެ މަތިވެރި އިމުގެ ތެރޭގައި ހުރިހައި ޢަމަލުތަކެއް ބެހެއްޓުމެވެ.
ސަރުކާރުން މަސައްކަތްކުރާނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް އުފުލުމުގައި ނަމޫނާ ޤައުމަކަށް ދިވެހި ޤައުމު ހެދުމަށެވެ. ޢީދުގެ އުފާ ލިބިގަތުމުގައި ރަށްރަށް ދިއްލުމާއި ތަކުބީރުގެ އަޑު ގުގުމާނެހެން އިންތިޒާމުތައް ހަމަޖެއްސުމަކީ އެ މަޤްޞަދުގައި ތަޢާރަފުކުރެވުނު ކަންކަމެވެ.
އަޅުގަނޑުމެން މަސައްކަތްކުރަންވީ ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހަދާށެވެ. އަޅުގަނޑުމެން ބަލަންވީ ޢީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހަދާށެވެ. އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫޙެއް ލިބޭ ދުވަހަކަށްވުމެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމަޢުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް ޢީދު ދުވަސް ވުން މުހިންމެވެ.
މިއަދު އަޅުގަނޑުމެން ފިޠުރު ޢީދުގެ އުފާ ފާޅުކުރަމުން ދާއިރު ޣައްޒާގެ މުސްލިމު ރައްޔިތުންގެ މަތިން ހަނދާންކުރުމަށް ކުޑަވެސް ފަނޑުކަމެއް އަޔަދީގެން ނުވާނެއެވެ. ޣައްޒާގެ ލޮބުވެތި ކުޑަކުދީންގެ ގިސްލުމުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އަޅުގަނޑުމެންގެ ހެޔޮއެދުމާއި ހެޔޮދުޢާތައް ފަލަޞްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނާއެކު އަބަދުވެސް ދަމަހައްޓަންވާނެއެވެ.
މާތް ﷲ އިސްލާމީ އުންމަތަށް ނަޞްރާއި ރައްކާތެރިކަން ދެއްވާށިއެވެ. ދިވެހި ޤައުމަށް ހެވާއި ލާބަ މިންވަރު ކުރައްވާށިއެވެ. ކުރިޔަށް އޮތް އަހަރަކީ ބާއްޖަވެރި އަމާން ތިޔާގި އަހަރެއްކަމުގައި ލައްވާށިއެވެ!
އާމީން!
1446 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ