ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (މާޗް 4) - ސެމީ ފައިނަލް ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ އަތުން ހަތަރު ވިކެޓުން މޮޅުވެ، އިންޑިއާ އިން އައިސީސީ ޗެމްޕިއަންސް ޓްރޮފީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
މިއީ، ޗެމްޕިއަންސް ޓްރޮފީ ފައިނަލުގައި އިންޑިއާ އިން ކުޅޭ ޖެހިޖެހިގެން ތިން ވަނަ ފަހަރެވެ. ވޭލްސް އާއި އިންގްލެންޑުން 2013 ވަނަ އަހަރު ހޯސްޓްކުރި ޗެމްޕިއަންސް ޓްރޮފީ މުބާރާތް އިންޑިއާ އިން ކާމިޔާބުކުރީ އިންގްލެންޑް އަތުން ފަސް ލަނޑުން މޮޅުވެގެންނެވެ. އަދި، އެންމެ ފަހުން، 2017 ވަނަ އަހަރު ބޭއްވި ޗެމްޕިއަންސް ޓްރޮފީ މުބާރާތް ވެސް އިންގްލެންޑާއި ވޭލްސްގައި ހޯސްޓްކުރިއިރު، ފައިނަލުގައި އިންޑިއާ 180 ލަނޑުން މޮޅުވެ، ޗެމްޕިއަންކަން ހޯދީ ޕާކިސްތާން އެވެ.
މި ފަހަރުގެ މުބާރާތުގެ ފައިނަލުގައި، އަންނަ އާދިއްތަ ދުވަހު، އިންޑިއާ އިން ކުޅޭނެ ޓީމެއް އެނގޭނީ، މާދަމާ ކުޅޭ ސެމީ ފައިނަލް ދެ ވަނަ މެޗުންނެވެ. އެ މެޗުގައި ބައްދަލުކުރަނީ، ދެކުނު އެފްރިކާ އާއި ނިއު ޒީލެންޑް އެވެ.
ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް މެޗުގައި ޓޮސް ދިމާވުމުން އޮސްޓްރޭލިއާ އިން ނިންމީ ކުޅެން އަރާށެެވެ. އެ ގޮތުން، 49.3 އޯވަރުގެ ތެރޭގައި އޮސްޓްރޭލިއާގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 264 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 96 ބޯޅައިން 73 ލަނޑު ހެދި ޓީމުގެ ކެޕްޓަން، ސްޓީވް ސްމިތު އެވެ. މި އިނިންގްސްގައި އިންޑިއާގެ މުހައްމަދު ޝާމީ ތިން ވިކެޓް ނެގިއިރު، ވަރުން ޗަކުރަވަރުތީ އާއި ރަވިންދުރަ ޖަދޭޖާ، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.
ޖަވާބުގައި ކުޅެން އަރައި، އިންޑިއާ އިން މޮޅުވީ، 48.1 އޯވަރުގެ ތެރޭގައި، ހަ ކުޅުންތެރިން ނުބައިވެގެން 267 ލަނޑު ހަދައިގެންނެވެ. އިންޑިއާގައި އޯޕަނިން ބެޓްސްމަނުންގެ ގޮތުގައި، ކުޅެން އަރައި، ރޯހިތު ޝަރްމާ އާއި ޝުބްމަން ގިލް އަށް މާ ރަނގަޅަށް ނުކުޅެވުނެވެ. އެކަމަކު، ވިރާތު ކޯލީ އަރައި، ތަފާތު ދެއްކި އެވެ. ވިރާތު ވަނީ 98 ބޯޅައިން 84 ލަނޑު ހަދައިފަ އެވެ. އިންޑިއާ އިން ދެން އެންމެ ރަނގަޅަށް ކުޅުނީ، ވިރާތުއާ އެކު ޕާޓްނާޝިޕެއްގައި ކުޅެވޭތޯ ހިތްވަރުކުރި، ކޭއެލް ރާހުލް އެވެ. އޭނާ 34 ބޯޅައިން 42 ލަނޑު ހެދި އެވެ.
މި އިނިންގްސްގައި، އޮސްޓްރޭލިއާގެ ނޭތަން އެލިސް އާއި އެޑަމް ޒަމްޕާ، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.
އޮސްޓްރޭލިއާ ކަޓުވާލައި އިންޑިއާ ޗެމްޕިއަންސް ޓްރޮފީ ފައިނަލަށް އޮސްޓްރޭލިއާ ކަޓުވާލައި އިންޑިއާ ޗެމްޕިއަންސް ޓްރޮފީ ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ