ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް ގާއިމްކޮށްފިއެވެ. ބީއެމްއެލްއިން ބުނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން، ށ. އަތޮޅުގެ 10 ރަށެއްގައި އޭޓީއެމް ޚިދުމަތް ތައާރަފުކޮށްފައިވާ ކަމަށެވެ. ބީއެމްއެލް އޭޓީއެމް -- ފޮޓޯ/ ބީއެމްއެލް މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި މަޝްރޫއަކީ ކަސްޓަމަރުންގެ އަސާސީ ބޭންކިން ޚިދުމަތްތައް، ދިރިއުޅޭ ރަށެއްގައި ހުރެގެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހިންގާ މުހިންމު މަޝްރޫއެއް ކަމަށެވެ. އެ ގޮތުން މުޅީން އަލަށް ރާއްޖޭގެ 37 ރަށެއްގައި ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް ގާއިމްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި އަހަރުގެ ނިޔަލަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބެގެން ވެސް ބޭންކިންގެ ޒަރޫރީ ވަސީލަތްތައް ހޯދޭނެ އޭޓީއެމް ގާއިމް ކުރުމަށް ބީއެމްއެލްއިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ވިއުގަ މުޅި ރާއްޖެއަށް ފުޅާކުރަމުން މި ދަނީ ކޮންމެ ރައްޔިތަކަށް ވެސް ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ނިޒާމެއް ގާއިމުކުރުމުގެ މަގްސަދުގައި،" ޝަރީފް ވިދާޅުވިއެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް -- ފޮޓޯ/ ބީއެމްއެލް މީގެ އިތުރުން ޝަރީފް ވަނީ އޭޓީއެމް ވިއުގަ ފުޅާކުރުމުގެ މުހިންމު ކަމަށް ވެސް އަލިއަޅުއްވާލައްވައިފައެވެ. މިގޮތުން ޝަރީފް ވިދާޅުވީ ރަށްރަށުގެ ކަސްޓަމަރުންގެ މާލީ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. މި އަހަރުގެ މިހާތަނަށް ބީއެމްއެލްއިން އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 1.45 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ބީއެމްއެލްއިންވަނީ މުޅީން އަލަށް ރާއްޖޭގެ 37 ރަށެއްގައި ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް ގާއިމްކޮށްފައި -- ފޮޓޯ/ ބީއެމްއެލް ބީއެމްއެލްގެ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައިގައި 20 އަތޮޅުގައި 39 ބްރާންޗް، 133 ސެލްފްސާވިސް ބޭންކިން ސެންޓަރު، 188 އޭޓީއެމް، އޭޖެންޓު ބޭންކިން ޚިދުމަތުގު އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތް ހިމެނެއެވެ. ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ. ބޭންކުން އަބަދު ވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިން ހައްލުތައް ގާއިމުކޮށް މުޖުތަމައު ބާރުވެރިކުރުވުމަށް ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ