މާލިއްޔަތުން ދަނީ ވައްކަންކުރަމުން، މިވަގުތު ފަނޑިޔާރުން ވަކިކުރަން އުޅުމަކީ ޚުދުމުހުތާރުކަން: އަދާލަތު

މި ދަނޑިވަޅަކީ ރައްޔިތުންގެ މާލިއްޔަތުން ވައްކަންކުރުމާއި ސަރުކާރުގެ ފަސާދަ ހައްދުންނެއްޓިފައިވާ ދަނޑިވަޅެއް ކަމަށާއި، މިވަގުތު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކިކުރަން އުޅުމަކީ ރައީސްގެ ޚުދުމުޚުތާރުކަމަށް ފުރުސަތު ފަހިވާ ކަމެއް ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފިއެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ޖިނާއީ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލާކަމަށް ބުނެ، އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހެވެ. އޭގެ ތެރެއިން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވާފައިވާއިރު، އިއްޔެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ މަހާޒާއި އަޒްމިރަލްދާ މަގާމުން ވަކިކުރަން ފާސްކޮށްފައެވެ. އެ މައްސަލަ ބަލައި ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފައެވެ. އެ މައްސަލައާ ގުޅޭ ގޮތުން އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގެ ވެރިކަން ހިންގުމުގެ ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މިނިވަންކަން ނިގުޅައިގަނެ، ގާނޫނާ ޚިލާފަށް ޝަރުއީ ކޯޓުތަކުގެ ކަންކަމާބެހި، ހިނގަމުންދާ ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު މަސައްކަތް ކުރައްވާ ކަމަށެވެ. އެހެންވެ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު މުށުތެރެއަށްލުމަށް ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް އެ ޕާޓީން ގޮވާލައިފައިވެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު: ދެ ބޭފުޅުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައި -- ފޮޓޯ: ރައީސް އޮފީސް އެ ޕާޓީން ބުނީ ތިން ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި، ސަސްޕެންޑުކޮށް އަދި، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް އަޒްމިރާލްދާއައި މަހާޒު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން އުޅުމަކީ ސިޔާސީ ބޭނުމަށް އޭސީސީއާއި ޖޭއެސްސީގެ މައްޗަށް ގަސްދުގައި ނާޖާއިޒު ނުފޫޒު ފޯރުވައިގެން ކުރާ ކަމެއް ކަމަށެވެ. އެއީ ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ ދުސްތޫރީ މައްސަލަ ވަކިގޮތަކަށް ނިންމުމަށްޓަކައި ރައީސް ހިންގަވާ ދަށުދަރަޖައިގެ އަމަލެއް ކަމަށް އަދާލަތުން ތުހުމަތުކުރިއެވެ. "އަދި ހަމައެހެންމެ މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ދައުލަތް ހިންގުމުގެ ނިޒާމު ރޫޅާލައި، ގާނޫނު އަސާސީގެ ބާރުކަނޑުވާލުމަށްޓަކައި ރާވައިގެން ހިންގާ ނުރައްކާތެރި ޖަރީމާއެކެވެ." އެ ޕާޓީގެ ބަޔާނުގައިވެއެވެ. އަދާލަތުން ބުނި ގޮތުގައި ކުއްލިގޮތަކަށް ރާވައިގެން ބައެއް ފަނޑިޔާރުންނާ ދެކޮޅަށް ސަރުކާރުން އިސްވެއޮވެ އަޅަންފެށި ގާނޫނާ ޚިލާފު ފިޔަވަޅުތަކަކީ ރައީސްގެ ސިޔާސީ ބޭނުމަށް މަގުފަހިވާގޮތަށް ޝަރުއީ ދާއިރާ ބައްޓަންކުރުމަށް ކުރާކަމެކެވެ. އަދި މިކަމުގެ ސަބަބުން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ލިބިގެންވާ މުސްތަގިއްލު ހައިސިއްޔަތު ގެއްލި، ގާނޫނު އަސާސީގެ ބާރުކެނޑި، ދައުލަތް ހިންގުމަށްޓަކައި ކަނޑައަޅާފައިހުރި އިންތިޒާމުތަކާއި ތަރުތީބުތައް ރޫޅި، ދިމުގްރާތީ ސިފަތައް ގެއްލިދާނެ ކަމަށް އެ ޕާޓީން ބުންޏެވެ. "މިކަމުގައި ކަންބޮޑުވާންޖެހޭ އެންމެ ބޮޑު ސަބަބަކީ، ރައްޔިތުންގެ މާލިއްޔަތުން ވައްކަންކުރުމާއި ސަރުކާރުގެ ފަސާދަ ހައްދުންނެއްޓިފައިވާ މިދަނޑިވަޅުގަައި، ސަރުކާރުގެ މައްޗަށް ފާރަވެރިވާން ކަނޑައަޅާފައިހުރި އެންމެހާ މަގުތައް ބަންދުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ޚުދުމުޚުތާރުކަމަށް އެއްވެސް ހުރަހެއްނެތި ފުރުސަތު ފަހިވެގެންދާތީއެވެ." ބަޔާނުގައިވެއެވެ. ދީނީ ގިނަ އިލްމުވެރިންތަކެއް އިސްވެ، 18 އޮގަސްޓް 2005ގައި އުފެއްދި އަދާލަތު ޕާޓީން ރާއްޖޭގެ ސަރުކާރުތައް ހޮވުމުގައި އިސް ދައުރެއް އަދާކޮށްފައިވެއެވެ. އެ ޕާޓީ ނުހިމެނޭ ކޯލިޝަނެއްގައި ވެރިކަމަށް މިހާތަނަށް އައިސްފައިވަނީ މި ސަރުކާރު އެކަންޏެވެ. އަދާލަތު ޕާޓީން މީގެ ކުރިން ވެސް މި ސަރުކާރުގެ އެކި ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފައިވެއެވެ. އެހެންނަމެސް މިހާރު އޮތް ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު، މިދިޔަ ބުދަ ދުވަހު ވަނީ، އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވާފައިވާކަން އިއުލާންކުރައްވައިފައެވެ. މި އަހަރު ފަހުކޮޅުގައި އެ ޕާޓީއަށް އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. https://sun.mv/205447 އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވާތާ ގިނަ އަހަރުތަކެއް ވެފައިވާ، އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުالله އެ ޕާޓީގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމެއް މިހާތަނަށް ހާމަކުރައްވާފައިނުވެއެވެ. ނަމަވެސް އޭނާ ވަނީ، ޝަހީމަށް މަރުހަބާ ވިދާޅުވާނީ، ކެބިނެޓް ދޫކުރައްވައި ޕާޓީއާ ގުޅިގެން މަގާމަށް ވާދަކުރައްވާނަމަ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ