ފުލެޓަށް ވުރެ ޝަކުވާ ގިނަ، އަދަދު 8،000އިން މަތީގައި
ކުރީ ސަރުކާރުން އާންމުކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4،000 ފުލެޓު ލިބޭ މީހުން ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތުގައި، 8،000 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ. ފުލެޓު ލިސްޓު އިވެލުއޭޓް ކުރުމަށްފަހު، ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރީ މިދިޔަ ފެބްރުއަރީ މަހު 27ގައެވެ. އެ ލިސްޓުން އުނިވި މީހުންނަށް ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތު ރޭގެ ނިޔަލަށް ވަނީ ހަމަވެފައެވެ. ހައުސިން މިނިސްޓްރީން މިއަދު 'ސަން'އާ ހިއްސާކުރި ހިސާބުތަކުގައިވާ ގޮތުން، ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރުގައި އެ ލިސްޓަށް ވަނީ 8602 ޝަކުވާ ހުށަހަޅައިފައެވެ. އޭގެތެރޭގައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ 5،236 ޝަކުވާއާއި އީމެއިލް މެދުވެރިކޮށް ހުށަހެޅި 2،840 ޝަކުވާ ހިމެނެއެވެ. އަދި، 526 ސިޓީއެއް އެ މުއްދަތުގެ ތެރޭގައި ޝަކުވާގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ. އެފްޑީސީން އަޅާ ފުލެޓުތައް -- ސަން ފޮޓޯ/ މާނިއު މުހައްމަދު މިނިސްޓްރީން ބުނީ، ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ޝަކުވާތަކަކީ ހަމައެކަނި ލިސްޓުގެ ތެރެއިން ފުލެޓު ނުލިބޭ މީހުންގެ ޝަކުވާތައް ކަމަށެވެ. އޭގެއިތުރުން، އީމެއިލްއާއި ސިޓީ މެދުވެރިކޮށް ލިބުނު ޝަކުވާތަކުގައި ފުލެޓު ނުލިބޭ މީހުންގެ ޝަކުވާގެ އިތުރަށް އާންމުން ހުށަހަޅާފައިވާ ޝަކުވާތައް ހިމެނޭ ކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާތީ، އެންމެ ބޮޑު އިސްކަމެއް ދެނީ ޝަކުވާތައް ބަލާ ނިންމުމަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުލެޓު ލިސްޓު ނެރުނީ ހަތަރެއް ނޮވެމްބަރު، 2024ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ އިތުރު ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ. އެހެންނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ. އެފްޑީސީން އަޅާ ފުލެޓުތައް: އެ ފުލެޓުތައް ލިބޭ މީހުންގެ ލިސްޓު މި ސަރުކާރުން ވަނީ އިއުލާންކޮށްފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު އެއަށްފަހު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި، މިދިޔަ ފެބްރުވަރީ މަހު އޭސީސީން ވަނީ، ބައެއް ކަންތައްތަކަށް ރިއާޔަތް ކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ހުއްދަދީފައެވެ. މި ސަރުކާރުން ނިންމީ، ފުލެޓު ލިސްޓު ހައުސިން މިނިސްޓްރީން ބެލުމަށްފަހު އާންމު ކުރުމަށެވެ. އެއަށްފަހު ލިސްޓު ނެރޭނެ އެކި ތާރީޚުތަކެއް ދިން ނަމަވެސް އެ ތާރީޚުތަކުގައި ލިސްޓު ނެރެފައިނުވެއެވެ. މި ސަރުކާރުން ލިސްޓު ނެރެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގައި ހިމެނޭ ދެ ކޮޓަރީގެ ފުލެޓުތަކާއި ތިން ކޮޓަރީގެ ފުލެޓުތަކަށް ޕޮއިންޓް ހަމަވި މީހުންގެ ފޯމްތައް އަލުން ބެލުމަށް ފަހުގައެވެ. ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ދެ ކޮޓަރީގެ އެޕާޓްމެންޓަށް 1،218 ފަރާތެއް ޝަރުތު ހަމަވާއިރު، ތިން ކޮޓަރީގެ އެޕާޓްމެންޓަށް 3،721 ފަރާތެއް ޝަރުތު ހަމަވެފައިވެއެވެ. އޭގެފަހުން ފުލެޓު ލިސްޓު ނެރުނު ދުވަހު، ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، ހައުސިން މިނިސްޓްރީން 4،939 ފަރާތެއްގެ ފޯމް އަލުން ބެލި ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަށް އެއްބަޔަށް ވުރެ ގިނަ ފޯމަށް ދީފައިވާ ޕޮއިންޓް ސައްހަ ނޫންކަން އެނގިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ