މަޖިލީހާ ގުޅުންހުރި މައްސަލައެއް ބަލަނިކޮށް ފަނޑިޔާރުންގެ އަދަދު ބަދަލު ކުރުމަކީ ޝަރީއަތަށް ނުފޫޒު ފޯރުވުން: ފިއްޓޭ މަޖިލީހާ ގުޅުންހުރި މައްސަލައެއް ބަލަނިކޮށް ފަނޑިޔާރުންގެ އަދަދު ބަދަލު ކުރުމަކީ ޝަރީއަތަށް ނުފޫޒު ފޯރުވުން: ފިއްޓޭ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅުންހުރި މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައުމަކީ ޝަރުއީ ދާއިރާއަށް ސީދާ ނޫފުޒު ފޯރުވުން ކަމަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު، ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފިއްޓޭ ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކު ބާރުތައް ޖަމާކުރައްވަން އުޅޭ އުޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދަ ބާރުވެރިކަމެއް ބޭނުންވެވަޑައިގަންނަވާ ނަމަ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލު ކުރުން މާ އައުލާކަން ބޮޑު ކަމަށް ފިއްޓޭ ވިދާޅުވި އެވެ.
"މިހާރު މި ވަގުތަކީ މި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ސީދާ ގުޅުން އޮތް މައްސަލައެއް ބަލަމުންދާއިރު، އަދި ހުކުމް އަންނާނެ ގޮތެއް ނޭނގެ، އަޅުގަނޑު ހުކުމުގެ ވާހަކައެއް ނުދައްކާނަން، އެހެން ނަމަވެސް މައްސަލައެއް ބަލަމުންދާ ވަގުތު ކޯޓު ބަދަލު ކުރުމަކީ އެއީ ޝަރީއަތަށް ސީދާ ނުފޫޒު ފޯރުވުން،" ފިއްޓޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް މި ދަނޑިވަޅުގައި ބަދަލު ގެންނަނީ ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވަން ނޫންކަމަށް ބުނެ އެކަމުން ރެކިގަންނަން ސަރުކާރުން އުޅުނަސް ކުރަން އުޅެނީ ކީއްކަން ރައްޔިތުންނަށް މާ ސާފުކޮށް އެނގޭ ކަމަށެވެ.
"މި މައްސަލަ މިހެން އޮއްވައި މިކަން ކޮށްފައި ތިމަންނާމެން މި އުޅެނީ ޝަރުއީ ނިޒާމަށް ނުވަތަ ޝަރުއީ ކޯޓުތަކަށް އަތް ބާނާކަށް ނޫނޭ ނުވަތަ ނުފޫޒު ފޯރުވާކަށް ނޫނޭ، ކޮންމެހެން އެކަމުން ރެކުމުގެ މަސައްކަތް ކުރާނެ ކަމެއް ނެތްކަމަށް އަޅުގަނޑު ދެކެނީ، އެއަށްވުރެ މާ ސާފުކޮށް ކުރަން މި އުޅޭ ކަންތައް ރައްޔިތުންނަށް އެނގޭ،" ފިއްޓޭ ވިދާޅުވި އެވެ.
ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުއްސައްތާރު މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.
ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.
އެ ބިލަށް ބަހުސް ކުރެއްވި ޕީއެންސީގެ މެންބަރުން ވާހަކަދެއްކެވީ އެ ބިލަށް ތާއީދު ކޮށެވެ. ނަމަވެސް ޕީއެންސީއަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން މިހާތަނަށް ވާހަކަދައްކަވަމުން ގެންދަވަނީ އެ ބިލާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ