ދަރިވަރުންނަށް ފައިސާ ޖަމާކުރުން ލަސްވަނީ މައުލޫމާތު ފުރިހަމަ ނުވާތީ: ހައިދަރު
ސަރުކާރުގެ ލޯން ސްކީމާއި ސްކޮލާޝިޕްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ދޫކުރަންޖެހޭ ފައިސާ ބައެއް ފަހަރު ލަސްވާކަން ގަބޫލުކުރައްވައި ކަމަށާއި އެހެން ދިމާވަނީ ދަރިވަރުން ފޮނުވާ މައުލޫމާތު ފުރިހަމަނުވާތީ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ. ދަރިވަރުންގެ ލޯން ފައިސާ ލިބުން ލަސްވުމާއި ސިޓީތަކާއި އީމެއިލްތަކަށް ޖަވާބު ލިބުން ލަސްވާތީ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. ޚާއްސަކޮށް ދަރިވަރުންނަށް ދޫކުރަންޖެހޭ ސްޓެއިޕެންޑާއި ޓިއުޝަން ފީ ޖަމާކުރުން ލަސްވާކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. އެ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާނެވެ. މަޖިލީހަށް ލިޔުމުން މިއަދު ފޮނުވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ބައެއް ފަހަރު ފައިސާ ދޫކުރުން ލަސްވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު، އެހެން ދިމާވަނީ ދަރިވަރުންނާއި އެ ދަރިވަރުން ކިޔަވާ މަރުކަޒުތަކުން ދޫކުރަން ޖެހޭ ލިޔުންތައް ލިބުން ލަސްވުމާއި ފޮނުވާ މައުލޫމާތު ފުރިހަމަނުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/204415 އެ ގޮތުން، މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ ސްކޮލާޝިޕްތަކުގައި ރާއްޖޭން ބޭރަށް ފުރާ ދަރިވަރުން ފުރަން ވަގުތު އޮއްވައި ފައިސާގެ ކަންކަން ހަމަޖައްސަން މިނިސްޓްރީއަށް އެންގުމުން އެ ދަރިވަރަކަށް ދެ މަސް ދުވަހުގެ ސްޓައިޕެންޑާއި ކަނޑައެޅިފައިވާ އެހެން ފައިސާ ވެސް ޑޮލަރުން ދޫކުރާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ސްޓައިޕެންޑް ފައިސާ ޖަމާކުރަނީ ކޮންމެ ދަރިވަރެއްގެ ނަމުގައި ވެސް ކިޔަވާ ގައުމުގައި ހުރި ބޭންކް އެކައުންޓަކަށް ކަމަށެވެ. އެ ފައިސާ ޖަމާކުރަނީ އަހަރަކު ދެ ފަހަރު، ދަރިވަރަކު ކިޔަވާ މަރުކަޒުން މިނިސްޓްރީއަށް އެންގުމުން ކަމަށާއި ބައެއް ފަހަރު މަރުކަޒުތަކުން އެންގުން ވެސް ލަސްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ދަރިވަރުން ބޭންކް އެކައުންޓްގެ މައުލޫމާތު ހިއްސާކުރާއިރު ބައެއް މައުލޫމާތު ފުރިހަމަނުވާތީ ވެސް ފައިސާ ޖަމާކުރުން ލަސްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޓިއުޝަން ފީ ޖަމާކުރުމުގައި ވެސް އެ މައްސަލަ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، އެ މައްސަލަ ހައްލުކުރަން ބޭންކްގެ މައުލޫމާތު ހިއްސާކުރާނެ ގޮތުގެ މައުލޫމާތު ކަރުދާހެއް ދަރިވަރުންނަށް ފޮނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ހައިދަރު: އޭނާ ވިދާޅުވީ ފައިސާ ޖަމާކުރުން ލަސްވަނީ މައުލޫމާތު ފުރިހަމަނުވާތީ ކަމަށް -- ފޮޓޯ/ މަޖިލިސް "ސްކޯލާޝިޕް ފުރިހަމަކުރަމުންދާ ދަރިވަރުންގެ ޓިއުޝަން ފީ ޖަމާކުރާނީ އެ ދަރިވަރަކު ކިޔަވަމުންދާ ޔުނިވާސިޓީއަކުން ޓިއުޝަން ފީ އިންވޮއިސް މި މިނިސްޓްރީއަށް ލިބުމުންނެވެ. އެހެންކަމުން އިންވޮއިސް ލިބުން ލަސްވާނަމަ ފައިސާ ޖަމާވުން ލަސްވާ ހާލަތް ދިމާވެއެވެ،" މިނިސްޓަރު ލިޔުމުން ދެއްވި ޖަވާބުގައިވެއެވެ. ހައިދަރު ވިދާޅުވީ، ޓިއުޝަން ފީ ދަރިވަރުންނަށް ޖަމާކުރާނެ ގޮތުގެ ތާވަލެއް ތައްޔާރުކޮށް އެ ތާވަލާ އެއްގޮތަށް ފައިސާ ޖަމާކުރަން ބޭނުންވާ އިންވޮއިސްތައް ހޯދުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން، ލޯންގެ ފައިސާ ދަރިވަރުންނަށް ޖަމާކުރަނީ ދަރިވަރު ކިޔަވާކަން އަންގައިދޭ ލިޔުމެއް ހުށަހެޅުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، ބައެއް ދަރިވަރުން، ކިޔަވަމުން އަންނަކަން އަންގައިދޭ ލިޔުމެއްގެ ބަދަލުގައި ކިޔެވުން ފެށިކަމުގެ ލިޔުމެއް ފޮނުވާތީ އެ ފައިސާ ޖަމާކުރަން އުނދަގޫވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތަށް އެ ކަންތައް ކުރަނީ ނުކިޔަވާ މީހަކަށް ފައިސާ ދޫކުރެވިދާނެތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހައިދަރު ވަނީ ދަރިވަރުންގެ މައުލޫމާތު ބަލަހައްޓާނެ ޕޯޓަލްއެއްގެ މަސައްކަތް ވެސް ކުރަމުން އަންނަކަން ފާހަގަކުރައްވައިފައެވެ. އެ ގޮތުން، އެ ޕޯޓަލްގެ މަސައްކަތް މި އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ނިމުމުން ދަރިވަރުންގެ ކަންކަން ހަމަޖައްސަން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/205412 ދަރިވަރުން ފޮނުވާ ސިޓީތަކާއި މެއިލްތަކަށް ޖަވާބުދިނުން ލަސްވުމާއި ފައިސާ ޖަމާކުރުން ލަސްވާތީ ގިނަ އަދަދެއްގެ ދަރިވަރުން މި ފަހުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބައެއް ދަރިވަރުން ފޮނުވި މެއިލްތަކަށް ތިން މަސް ވީއިރު ވެސް ޖަވާބު ނުލިބޭ ކަމަށް އެ ދަރިވަރުން ބުނެފައިވެއެވެ. އެ ގޮތުން، ސްޕެއިންގައި ޕައިލެޓްކަން ކިޔަވަން ތިބި ދަރިވަރުންނަށް ފައިސާގެ ދަތިތައް ދިމާވެގެން ވެސް މި ފަހުން ކަންބޮޑުވުން ބޮޑުވިއެވެ. ސަރުކާރުން ހޯދަންޖެހޭ ޚިދުމަތްތައް ހޯދުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، މި ކަމުގައި ހުރީ ނިޒާމީ މައްސަލަތަކެއް ކަމަށާއި އެ ކަންކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ