ގަދަ ހަތަރަކުން ޖާގަ ނުލިބިއްޖެ ނަމަ މަގާމު ގެއްލިދާނެ: ޕެލެގްރިނީ

މި ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގުގެ ގަަދަ ހަތަރެއްގައި މެންޗެސްޓާ ސިޓީ އަށް ލީގު ނިންމާނުލެވިއްޖެ ނަމަ، އެ ޓީމުގެ ކޯޗުގެ މަގާމު ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށް ސިޓީގެ ކޯޗު މެނުއެލް ޕެލެގްރިނީ ބުނެފި އެވެ.
އިނގިރޭސި ލީގުގައި ރޭ ވެސްޓް ހޭމް އަތުން އަމިއްލަ ދަނޑުގައި 2-0 އިން މޮޅުވެ، ސިޓީން ވަނީ ހިތްހަމަޖެހުމެއް ހޯދައިފަ އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ސިޓީ މޮޅުވި ފުރަތަމަ ފަހަރެވެ.
މި މެޗުން މޮޅުވެ، ތާވަލްގެ ހަތަރު ވަނައިގައި އޮތް ސިޓީން ވަނީ ފަސް ވަނައިގައި އޮތް ލިވަޕޫލްގެ މައްޗަށް ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ.
މިދިޔަ ސީޒަންގެ ލީގު ޗެމްޕިއަން ސިޓީ މި ސީޒަންގައި ވެސް ތައްޓަށް ވާދަކުރި ނަމަވެސް، އެ ޓީމުން މި ފަހުން ނެރުނު ނަތީޖާތައް ދަށްވެ، ތާވަލްގެ ހަތަރު ވަނަ އަށް ވަނީ ވެއްޓިފަ އެވެ. މިހާރު ސިޓީ އަށް ވަނީ ގަދަ ހަތަރެއްގެ ޖާގަ ހިފެހެއްޓުމަށް ވިސްނަން ޖެހިފަ އެވެ.
ޕެލެގްރިނީ ބުނީ ގަދަ ހަތަރަކުން ޖާގަ ނުލިބިއްޖެ ނަމަ، އޭނާ މަގާމުން ވަކިކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
"މި ކަހަލަ ބޮޑު ކްލަބެއްގައި ލީގު ނުލިބޭ ކޮންމެ ފަހަރަކު ކޯޗު ވަކިކުރާނެ ކަމަށް ހީކުރަންޏާ އެއީ ގޯހެއް. އެކަމަކު ގަދަ ހަތަރަކުން ޖާގަ ނުލިބިއްޖެ ނަަމަ، މަގާމު ގެއްލިދާނެ. އެއީ ވަރަށް ތަފާތު ދެ ކަމެއް،" ޕެލެގްރިނީ ބުންޏެވެ.
މި އަހަރުގެ ފުރަތަމަ ދުވަހު ކުޅުނު މެޗުތަކަށް ފަހު، ސިޓީ އޮތީ ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފަ އެވެ. އެކަމަކު އޭގެ ފަހުން ސިޓީ ވަނީ ލީގުގައި ކުލުނު ފަސް މެޗުން ބަލިވެފަ އެވެ.
ޕެލެގްރިނީ ބުނީ ގަދަ ހަތަރަކުން ޖާގަ ނުލިބި، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ސިޓީ އަށް ވާދަނުކުރެވިއްޖެ ނަމަ އެއީ އެ ޓީމަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އެކަމަކު ނާކާމިޔާބާ ކުރިަމތިލާ ކޮންމެ ފަހަރަކު ކޯޗު މަގާމުން ވަކިކުރުމަކީ ހައްލެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. -- ބީބީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ