"ބޭކާރު ގަރާރު" އިތުރުވާތީކަމަށް ވިދާޅުވެ ގަރާރަށް ބަހުސްކުރަން ފެނޭތޯ އަހަން ފަލާހުގެ ޚިޔާލެއް
ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އެއްވެސް ހަރުދަނާ ސަބަބެއް ނެތި ގަރާރު ހުށަހަޅާ މިންވަރު އިތުރުވާތީ، އާއި އިތުރުވާނެކަމަށް ގަބޫލުކުރެވޭކަމަށް ވިދާޅުވެ، ގަރާރަށް ބަހުސްކުރަން ވެސް ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދައިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ޚިޔާލެއް ހުށަހަޅުއްވައިފިއެވެ. އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ އެމްއެމްއޭއިން ފައިސާ ޗާޕުކުރަން އުޅޭކަމަށް މައުލޫމާތު ލިބޭތީ، އެ ކަމުގެ މައުލޫމާތު ސާފުކޮށް، ވެރިކަންކުރާ ބާރުން ކުރާ ކަންކަން ބަލައި، ޖަވާބުދާރީކުރުވުމާމެދު މެންބަރުން ދެކޭ ގޮތް ބެލުމަށް ގަރާރެއް ހުށަހަޅުއްވައިފައެވެ. އެ ގަރާރަށް ބަހުސްކުރައްވަމުން ދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒަކީ "ކޮންމެ، ކޮންމެ ގޮތަަކަށް މި ގައުމު ގުރުބާންކުރައްވާނެ" ވެރިއެއް ނޫން ކަމަށެވެ. އެއާއެކު ފަލާހުވަނީ ކުއްލި މައްސަލަތަކާއި، ގަރާރުތައް އެމްޑީޕީން މަޖިލީހަށް ހުށަހަޅާއިރު ކުރެވޭ ކަމާމެދު ވިސްނައިލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފަލާހު ވިދާޅުވީ ގައުމަށް ދިމާވާ ބޮޑު ކަމެއްގެ ސަބަބުން މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތަކަށް ވެސް ބަހުސް ކުރުމުގެ ކުރިން، ބަލައިގަންނަން ފެނޭތޯ ވޯޓަށް އަހާކަމަށެވެ. ނުފެންނަ ނަމަ އެ ކަމަކަށް ބަހުސް ނުކޮށް ދޫކުރާ ނަމަވެސް ގަރާރާމެދު އަމަލުކުރާ ގޮތަށް ފަލާހު ވަނީ ފާޑު ވިދާޅުވެފައެވެ. ފަލާހު ވިދާޅުވީ ގަރާރަކީ، ކުއްލި މައްސަލައަކާ އަޅައިބަލާއިރު ދަރަޖައިގެ ގޮތުން ދަށް އެއްޗެއް ކަމަށެވެ. ގަރާރު ހުށަހަޅަނީ، އެ ގަރާރެއް ހުށަހަޅާ މެންބަރު، އެ ކަމަކާމެދު އެހެން މެންބަރުންގެ ވިސްނުމަކީ ކޮބައިތޯ ބެލުމަށް ކަމަށް ފަލާހު ވިދާޅުވިއެވެ. "އެ ހުށަހަޅައިފާނެ ތިމަންނައަށް ރިޔާސީ އިންތިޚާބުގައި ވާދަކުރަން މިފަަހަރު ފެނޭތޯ. މިއީ ތާކުންތާކުޖެހޭ ކަމެއް ނޫން. އެހެންވީމާ މަޖިލީހުގެ ގަވައިދަށް އިއްޒަތްތެރި ރައީސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއީ އަޅުގަނޑު އަމިއްލަ ޚިޔާލު އިނގޭތޯ. އެއްގޮތަކަށް ވެސް ޕީއެންސީގެ ޕީޖީ ލީޑަރުގެ ހައިސިއްޔަތަކުންނެެއް ނޫން. އިނގުރައިދޫ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ހުށަހަޅާ ޚިޔާލެއް މިއީ. އަޅުގަނޑަށް ފެނޭ ހަމަ ކުއްލި މައްސަލައެކޭ އެއްގޮތަށް ގަރާރަށް ވެސް މަޖިލީހުގެ ގަވައިދަށް ބަދަލުގެންނަން،" ގަރާރު ބަލައިގަންނަން ފެންނަ ނުފެންނަ ވޯޓަށް ދިއުމުގެ މުހިންމުކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ މެންބަރުން، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކޮށްފައިވަނީ ތާކުންތާކު ނުޖެހޭ ކަންކަން ކުރާކަށް ނޫން ކަމަށެވެ. މަޖިލީހަށް މެންބަރުން އިންތިޚާބުކުރީ ދާއިރާގެ ތަރައްގީއަށް ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ. އެކި ކަންކަމުގައި އިދިކޮޅު މެންބަރުން މަޖިލީހަށް ގަރާރާއި، ކުއްލި މައްސަލަ ހުށަހަޅައެވެ. އެގޮތުން މިއަދު ވެސް ވަނީ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި, ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ހިންގަމުން ދާ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އަވަސްކުރަން ގޮވައިލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ގަވާއިދާ ޚިލާފުކަމަށް ނިންމައި ބޭރުކޮށްލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ