އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެދެވައިނުގަތުމަށް ގާނޫނު ހަދާ މަޖިލީހުގެ ދެ ޕާޓީގެ މެމްބަރުން ވަކާލާތު ކުރަން ފަށައިފި އެވެ.
މިދިޔަ ހަފުތާގައި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމާގައި ޓްރަމްޕް ނުފޫޒު ފޯރުވަން ވިސްނަވާނެ ކަމުގެ އިޝާރާތެއް އޮފިޝަލުންނާއި އާންމު ބަޔާންތަކުގައި ދެއްވާފައިވާތީ، ސެނެޓުގެ ބިލަކާއި ގަރާރެއް ހައުސް އާއި ސެނެޓަށް ވެސް މި ހަފުތާގައި ވަނީ ހުށަހަޅައިފަ އެވެ.
އެ ހަނގުރާމާގައި އެމެރިކާގެ ބައިވެރިވުން ހަނިކުރުމަށް ހުށަހަޅާފައިވާ ގާނޫނާއި ގަރާރުތަކަކީ ޓްރަމްޕްގެ ބާރު ކަނޑުވާލުމުގެ މަގުސަދުގައި، ގާނޫނު ހަދާ މަޖިލީހުގެ ބައިޕާޓިޝަން ގްރޫޕެއްގެ އިތުރުން ވާމޮންޓް އިންޑިޕެންޑެންޓް ސެނެޓަރު ބާނީ ސޭންޑާސްގެ ފަރާތުން ހުށަހެޅި މައްސަލަތަކެވެ.
ހައުސް އާއި ސެނެޓަށް ހުށަހެޅި ގަރާރުގައި، 1973 ވަނަ އަހަރުގެ ފެޑެރަލް ގާނޫނަކަށް އިޝާރާތްކޮށް ބުނެފައިވަނީ، ކޮންގްރެސްގެ ރުހުމަކާ ނުލައި ހަތިޔާރު އެޅި ހަމަނުޖެހުންތަކުގައި ރައީސަށް ބައިވެރި ނުވެވޭނެ ކަމަށެވެ.
ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ކެންޓަކީ ރިޕަބްލިކަން ޕާޓީގެ ތޯމަސް މެސީ އާއި ކެލިފޯނިއާގެ ޑިމޮކްރެޓިކް ރޯ ކަންނާ ގުޅިގެން ގަރާރެއް ހުށަހެޅުއްވި އިރު، އެ ގަރާރުގެ މަގްސަދަކީ އީރާނުގައި އެމެރިކާ ސިފައިން ހުއްދަ ނޫން އަސްކަރީ ހަރަކާތެއް ހިންގުން މަނާ ކުރުމެވެ. އެ ބޭފުޅުން ބޭނުންވަނީ މަޖިލީހުގެ ފުރިހަމަ ވޯޓަކަށް މަޖުބޫރުކުރެވޭ ފަދަ ގާނޫނެކެވެ.
"މިއީ އަހަރެމެންގެ ހަނގުރާމައެއް ނޫން،" ރިޕަބްލިކަން ޕާޓީގެ ބައިވެރިންގެ މެދުގައި ގިނަ ފަހަރަށް އެކަހެރިވެ، ރިޕަބްލިކަން ޔަހޫދީންގެ ދެކޮޅުވެރިކަމާ ކުރިމަތިލާން ޖެހިފައިވާ މެސީ ހޯމަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
"އެހެންވީމާ ކޮންގްރެސްއިން އެބަޖެހޭ އަޅުގަނޑުމެންގެ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން މިފަދަ މައްސަލަތައް ހައްލުކުރަން. އަޅުގަނޑުމެންގެ ބައިވެރިވުން ހުއްޓުވުމަށްޓަކައި ދެ ޕާޓީގެ ތާއީދު އޮތް ހަނގުރާމައިގެ ބާރުތަކުގެ ގަރާރެއް މާދަމާ އަޅުގަނޑު ހުށަހަޅާނަން،" އޭނާ ވިދާޅުވި އެވެ.
"އީރާނުގައި ހަނގުރާމައެއް ނުކުރޭ. މިއީ ކޮންމެ މެމްބަރަކު ވެސް އެ މެންބަރެއްގެ ހައިސިއްޔަތު ހާމަކުރަންވީ ވަގުތު،" މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި 2003 ވަނަ އަހަރު އިރާގުގައި އެމެރިކާ އިން ބައިވެރިވި ގޮތާ އެއްގޮތް ކަމެއް ދައްކުވައިދޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
"އިރާގަށް އަހަރެމެން ގޮވައިގެން ދިޔަ ނިއޯކޮންސްއާ ގުޅެނީ؟ ނޫނީ އެމެރިކާގެ ރައްޔިތުންނަށް ތާއީދު ކުރަނީ؟"
ނިއު ޔޯކްގެ ރެޕްރެޒެންޓޭޓިވް އެލެކްޒެންޑްރިއާ އޮކަސިއޯ-ކޯޓޭޒް އާއި މިނެސޯޓާގެ ރެޕްރެޒެންޓޭޓިވް އިލްހާން އުމަރު ހިމެނޭ ގޮތަށް ހައުސްގެ 14 ޑިމޮކްރެޓުން ވަނީ މި ގަރާރުގައި ސޮއިކޮށްފަ އެވެ.
އެ ގަރާރާ ދެކޮޅު މެންބަރުން ވެސް އެބަތިއްބެވެ.
ނިއުޔޯކްގެ ރިޕަބްލިކަން ޕާޓީގެ މަންދޫބު މައިކް ލޯލަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ނިއުކްލިއާ އީރާނެއްގެ އަމާޒަކީ އިޒްރޭލު ހަލާކުކޮށް، ތިން ވަނަ ބޮޑު ހަނގުރާމަ ފަށައިގަތުން" ކަމަށާއި "އެކަން ވުމުގެ ފުރުސަތު ދެވޭކަށް ނެތް" ކަމަށާއި "އިޒްރޭލަށް ތާއީދު ކުރަން ޖެހޭ" ކަމަށެވެ.
ވާޖީނިއާގެ ޑިމޮކްރެޓިކް ސެނެޓަރު ޓިމް ކޭން ހޯމަ ދުވަހު ސެނެޓަށް އިތުރު ގަރާރެއް ހުށަހަޅުއްވައި އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އެޅުމުގެ ކުރިން ކޮންގްރެސްގައި ބަހުސްކޮށް ވޯޓަށް އެހުމަށް ގޮވާލެއްވި އެވެ.
"އެމެރިކާ ހިމާޔަތްކުރަން ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އީރާނާ އެކު ހަމަނުޖެހުން ހިންގުމަކީ އަޅުގަނޑުމެންގެ ގައުމީ ސަލާމަތުގެ މަސްލަހަތު އޮތް ކަމެއް ނޫން. އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ފުޅާވެ، އެމެރިކާ ހަލުވިކަމާ އެކު ނުނިމޭ އިތުރު ހަމަނުޖެހުންތަކަކަށް ވެއްޓިދާނެތީ އަޅުގަނޑު ވަރަށް ކަންބޮޑުވޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންގްރެސްގައި ބަހުސުކޮށް ވޯޓަކަށް އަހަން ޖެހޭނެ ކަމަށެވެ.
ޑިމޮކްރެޓިކް ހަތް ސެނެޓަރުންގެ ތާއީދާ އެކު ސޭންޑާސް ހުށަހެޅުއްވި ގަރާރުގައި ބުނަނީ އީރާނާ ދެކޮޅަށް ހަނގުރާމަ ނުކުރުމުގެ ގާނޫނުގެ މަގްސަދަކީ ކޮންގްރެސްއިން ހުއްދަ ދީގެން ނޫނީ އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ފެޑެރަލް ފައިސާ ބޭނުންކުރުން މަނާކުރުމެވެ.
"ނަތަންޔާހޫގެ ހަމައެއް ލަމައެއް ނެތް އަދި ގާނޫނާ ހިލާފު ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަދި ސަރަހައްދީ ހަނގުރާމައެއް އުފައްދަން މަގުފަހިވާ ކަމެއް. ނަތަންޔާހޫގެ އިހްތިޔާރުގެ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ނުވައްދަވާނެކަން ކޮންގްރެސްއިން ޔަގީން ކުރަން ޖެހޭނެ،" ސޭންޑާސް ހުށަހެޅުއްވި ގަރާރުގައިވެ އެވެ.
އެމެރިކާ ހަނގުރާމައިގެ ތެރެއަށް ނުވަންނަ ގޮތް ހެދުމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަކާލާތު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ