ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް "ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް" މުޅިން އަލަށް ކާމިޔާބުކުރި އާމިން އުމަރު މޫސާ، މިހާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ މުބާރާތް ކާމިޔާބުކޮށް ގައުމީ ބޮޑީބޯޑިން ލީގު ކާމިޔާބު ކުރުން ކަމަށް ބުނެފި އެވެ.
ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖަކީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ އެންމެ ދުވަސްވީ ބޮޑީބޯޑިން މުބާރާތެވެ. މި ފަހަރު ކުރިއަށް ދިޔައީ މި މުބާރާތުގެ ހަތް ވަނަ އެޑިޝަން އެވެ.
ބުރުނު ޝިކާރުގެ އެންމެ ކާމިޔާބު އެތުލީޓަކީ މުބާރާތް ފަސް ފަހަރު ކާމިޔާބުކުރި އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. ކުޑަ އައްޔަ ވަނީ މި މުބާރާތް ފަސް ފަހަރު ކާމިޔާބު ކޮށްފަ އެވެ. ކުޑަ އައްޔަ ބަލިކޮށް މި މުބާރާތް ދެން ކާމިޔާބުކުރީ އަޝްރަފް ހަސަން އެވެ.
އެހެންވެ، މި ފަހަރުގެ މުބާރާތް ކާމިޔާބުކުރި އާމިން ވެގެން ދިޔައީ ކުޑަ އައްޔަ ބަލިކޮށް މި މުބާރާތް ކާމިޔާބުކުރި ދެ ވަނަ އެތުލީޓަށެވެ.
ފައިނަލް ހީޓު އާމިން ކާމިޔާބުކުރީ ކުޑަ އައްޔައާ ވާދަކޮށް 0.26 ޕޮއިންޓް އިތުރަށް ސްކޯކޮށްގެންނެވެ. މި ހީޓުގައި އާމިން އަށް ޖުމްލަ 13.76 ސްކޯކުރިއިރު، ކުޑަ އައްޔަ އަށް ސްކޯކުރެވުނީ 13.50 އެވެ.
މި ކާމިޔާބީ އަށްފަހު "އަދަދު ސްޕޯޓްސް"އާ ވާހަކަ ދައްކަމުން އާމިން ބުނީ މުބާރާތް ދިޔަ ގޮތާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް ފައިނަލުގައި ވާދަކުރަން އެންމެ ބޭނުންވީ ކުޑަ އައްޔައާއެކުގައި ކަމަށާއި ކުޑަ އައްޔަ ބަލިކޮށް މުބާރާތް ކާމިޔާބުކުރެވުނީމަ އުފަލުން ހުރި ކަމަށް އާމިން ބުންޏެވެ.
"އައްޔަ އަކީ ދެން ރާއްޖޭގައި ހުރި އެންމެ މޮޅަށް ރާޅާއަޅާ އެތުލީޓު، ދެން އާމިން އަށް ފެންނަ ގޮތުން ހުރިހާ ކުޅިވަރެއް އެއްކޮށްލާފަ ވެސް ހަމަ އެންމެ މޮޅު އެއް އެތުލީޓު އެއީ. ވަރަށް ގިނަ މީހުންނަށް ފެނޭ، އެގޮތައް. އާމިން ވަރަށް އުފާވެފަ މިހުރީ އައްޔަ އާއި ފައިނަލުގައި ޖެހުނީމަ. އައްޔަ އަކީ އާމިން ހަމަ އެންމެ ބޭނުންވި ފައިނަލް. އޭގެން މޮޅުވެވުނީމަ ވަރަށް އުފާވެއްޖެ" އާމިން ބުންޏެވެ.
އާމިން ބުނީ މި ކާމިޔާބީއާއެކު އޭނާގެ މިހާރުގެ ޓާގެޓަކީ ގައުމީ ބޮޑީބޯޑިން ލީގުގައި ކުރިއަށް އޮތް ދެ މުބާރާތް ކާމިޔާބުކޮށް ގައުމީ ލީގު ކާމިޔާބުކުރުން ކަމަށެވެ.
ބޮޑީބޯޑިން ލީގުގައި މިއަހަރު ޖުމްލަ ތިން މުބާރާތް ކުރިއަށްދާނެ އެވެ. އެއީ ބުރުނު ޝިކާރުގެ އިތުރުން ފުވައްމުލަކު ބޮޑީބޯޑިން ޗެލެންޖް އަދި މާލޭގައި ކުރިއަށް ގެންދާ ނެޝަނަލް ބަނޑުފިލާ ޗެލެންޖް އެވެ.
އާމިންގެ ޓާގެޓަކީ ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން އާމިންގެ ޓާގެޓަކީ ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ