ކެންސަލް ކޮށްލި ތުރިލާ ފިލްމުތަކެއްގެ ގޮތުގައި

ގިނަ ބައެއްގެ މެދުގައި މަގުބޫލުކަމެއް ހޯދައި ކްރިޓީކުންގެ ލޯބި ވެސް އޮހެމުންދަނިކޮށް ކެންސަލުކޮށްލި ތުރިލާ ޑްރާމާ ޝޯ ކަމަށްވާ "މައިންޑްހަންޓާ"ގެ އާ ބައިތަކެއް ފިލްމުތަކެއްގެ ގޮތުގައި ނެރުމަށް ތައްޔާރުވެއްޖެއެވެ. ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ޑޭވިޑް ފިންޗާގެ މައިންޑްހަންޓާއަކީ ނެޓްފްލިކްސްއިން 2017 ގައި ދައްކަން ފެށި ކްރައިމް ތުރިލާ ޝޯއެވެ. ޝޯ ދައްކަން ފެށުމާ އެކު ވަގުތުން ބޮޑު ހިޓަކަށް ވިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޝޯ އޮތީ ޗާޓުގެ އެއްވަނައިގައެވެ. ނަމަވެސް، ނެޓްފްލިކްސްއަކީ ގިނަ ފަހަރަށް ބޮޑެތި ޝޯތައް ހުރެފައި ކެންސަލު ކޮށްލާ ސްޓްރީމިން ސާވިސް އެކެވެ. އެކަށީގެންވާ ވަރަށް ބެލުންތެރިން ނުލިބޭ ކަމަށް ބުނެ ނެޓްފްލިކްސްއިން މި ޝޯ ކެންސަލު ކޮށްލާފައިވަނީ ދެ ސީޒަނަށް ފަހުގައި 2019 ވަނަ އަހަރުގައެވެ. އެއަށް ފަހު ޝޯ އަނބުރާ ގެނެސްދިނުމަށް ފޭނުން ގޮވަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެންމެ ފަހުން މި ގޮވުންތަކަށް ޖަވާބެއް ލިބެން އުޅެނީއެވެ. ޝޯގެ ޕްރޮޑަކްޝަނުން ބުނެފައިވަނީ ޝޯ އަނބުރާ ގެނައުމަށް ނެޓްފްލިކްސްއާ އެކު ޚާއްސަ އެއްބަސްވުންތަކެއްގައި ސޮއިކުރަމުންދާ ކަމަށެވެ. އެއީ، ޝޯ އަނބުރާ ގެނައުމަށެވެ. އެހެންނަމަވެސް، މި ފަހަރު ޝޯ އަނބުރާ އަންނާނީ ކުރިން އައި ގޮތަކަށް ނޫނެވެ. އޭގެ ބަދަލުގައި ޝޯ އަނބުރާ ގެންނާނީ ފިލްމުތަކެއްގެ ގޮތުގައެވެ. ޖުމްލަ ތިން ފިލްމެއް ނެރުމަށް ހަމަޖެހިފައިވާއިރު މި ތިން ފިލްމާ އެކު ޝޯގައި ޖަވާބު ނުލިބި ހުރި ހުރިހާ ކަންތައްތަކަށް ޖަވާބު ލިބޭނެ ކަމަށް ޕްރޮޑަކްޝަނުން މައުލޫމާތު ދެއެވެ. އޭގެ އިތުރުން ޝޯ ނެރޭނެ ދުވަހެއް އަދި ޕްރޮޑަކްޝަން މަސައްކަތް ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިއީ އެމެރިކާގެ އެފްބީއައިގެ ކުރީގެ އޮފިސަރެއް ކަމަށްވާ ޖޯން އީ ޑަގްލަސްގެ ކެރިއަރުގައި އޭނާއާ ކުރިމަތިވި އަދި ވަރަށް ފުޅާ ދާއިރާއެއްގައި އިންޓަވިއުކޮށް ދިރާސާކުރި ސީރިއަލް ކިލާސްތަކެއްގެ ވާހަކަ އޭނާ ކިޔައިދިން ފޮތް "މައިންޑްހަންޓާ: އިންސައިޑް ދި އެފްބީއައިސް އެލީޓް ސީރިއަލް ކްރައިމް ޔުނިޓް" ގެ އަސްލަށް ޖޯ ޕެންހޯލް އުފައްދައި، ޑޭވިޑް ފިންޗާ ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރި ސިލްސިލާއެކެވެ. މީގައި ބޮޑަށް ދައްކުވައި ދެނީ ކްރިމިނަލް ޕްރޮފައިލިން އާއި ކްރިމިނަލް ސައިކޮލޮޖީގެ އަސްލެވެ. އަދި ސީރިއަލް ކިލިން އާއި ސީރިއަލް ކިލާސް އުފެދެން މެދުވެރިވާ ސަބަބުތަކާއި އެފަދަ މީހުން ހޯދައި ދެނެގަންނާނެ ގޮތާއި އުކުޅުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ