މާލޭ ސަރަހައްދުން މިދިޔަ އަހަރު އުކައިލި ދެލައްކަ ޓަނުގެ ކުނީގެ ތެރެއިން 922 ޓަނަކީ ޕްލާސްޓިކް

މާލޭ ސަރަހައްދުން އެކަނި ވެސް މިދިޔަ އަހަރު 922 ޓަނުގެ ޕްލާސްޓިކް ކުނި އުކައިލައިފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފިއެވެ. ތިމާވެށީގެ ދުވަހާ ގުޅުވައި، މި މަހުގެ ފަސްވަނަ ދުވަހު އެ ބިއުރޯއިން، ވެމްކޯއާ ހަވާލާދީ އާންމުކުރި ތަފާސް ހިސާބުގައި ވަނީ މިދިޔަ އަހަރު 922 ޓަނުގެ ޕްލާސްޓިކު ކުނި މާލެ ސަރަހައްދުން އުކައިލި ކަމަށެވެ. އެންމެ ގިނައިން ޕްލާސްޓިކު ކުނި އުކައިލީ، މިދިޔަ އަހަރުގެ ޖުލައި، އޯގަސްޓު، ސެޕްޓެމްބަރު އަދި ނޮވެމްބަރު މަހެވެ. އެގޮތުން ޖުލައި މަހާއި، އޯގަސްޓު މަހު، 80 ޓަނުގެ ޕްލާސްޓިކް އުކައިލިއިރު، ސެޕްޓެމްބަރު މަހު 116 ޓަނުގެ ޕްލާސްޓިކް އުކައިލިއެވެ. އެންމެ ގިނައީ ނޮވެމްބަރު މަހެވެ. އެ މަހު 135 ޓަނު ޕްލާސްޓިކް އުކައިލިއެވެ. މިދިޔަ އަހަރު ޖުމްލަ 228،056.35 ޓަނުގެ ކުނި މާލެ ސަރަހައްދުން އުކައިލައިފައިވެއެވެ. އެއީ: މިކްސްޑް ވޭސްޓް: 131،713 ޓަނު ތެތްކުނި: 44،684 ޓަނު ވެލި: 22،124 ޓަނު ބަލްކް ކުނި: 11،592 ޓަނު ލަކުޑި، ކީސްކުނޑި، ފަތް: 10،385 ޓަނު ކަރުދާސް، ކާޑުބޯޑު: 4،948 މެޑިކަލް: 861 ޓަނު ޕްލާސްޓިކް: 922 ޓަނު ދަގަނޑު: 310 ޓަނު އެހެނިހެން: 122 ޓަނު އެކްސްޕަޔާޑް ވޭސްޓް: 273 ޓަނު ޖަންކްޝަން ކުނި: 66.2 ޓަނު ބޭނުންކުރި ތެޔޮ: 11.3 ޓަނު ބިއްލޫރި، ފުޅިތޮށި: 44.85 ޓަނު މާލޭ ސަރަހައްދުގައި އުފެދޭ ކުނީގެ ނިސްބަތް، އިތުރުވަމުން އަންނަ އާބާދީއާއެކު އަންނަނީ އިތުރުވަމުންނެވެ. ޕްލާސްޓިކް ކުނި ވެސް އުފެދޭ މިންވަރު އިތުރުއިރު، ޕްލާސްޓިކް ބޭނުންކުރުމާ ދެކޮޅަށް ގިނަ ކެމްޕެއިންތަކެއް ވެސް އަންނަނީ ހިންގަމުންނެވެ. ޕްލާސްޓިކް ކުނި އިތުރުވުމަކީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ވެސް ގެއްލުންހުރި ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ