ދެކުނު ކޮރެއާގައި ކުރިއަށްދިޔަ، އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުން 200 މީޓަރު އިވެންޓުން ވަނީ އިންޑިއާގެ ސްޕްރިންޓަރު، އަނިމޭޝް ކުޖޫރު، ގައުމީ ރެކޯޑަކާ އެކު، ލޯ މެޑަލް ހޯދައިފި އެވެ.
އުމުރުން 21 އަހަރުގެ ކުޖޫރު، އިވެންޓް ނިންމީ، 20.32 ސިކުންތުންނެވެ. މިއީ، މި އަހަރު ކުރީކޮޅުގައި، ފެޑެރޭޝަން ކަޕްގައި، އޭނާ އިންޑިއާގެ މި އިވެންޓްގެ ގައުމީ ރެކޯޑް ހެދި، ޓައިމިން އަށް ވުރެ 0.08 އަށް ސިކުންތު އަވަސް ޓައިމިން އެކެވެ.
އިންޑިއާ އަށް އެންމެ ފަހުން، އޭޝިއާ އެތުލެޓިކްސް މުބާރާތުގެ މި އިވެންޓުން 2015 ވަނަ އަހަރު މެޑަލް ލިބުނުއިރު، އެ ފަހަރު ވެސް ލިބުނީ ލޯ މެޑަލެކެވެ. އެ ފަހަރު މެޑަލް ހާސިލްކުރީ، ދަރަމްބީރު ސިންގް އެވެ.
މި އަހަރުގެ 200 މީޓަރު އިވެންޓްގެ އެއް ވަނަ ހޯދީ، ޖަޕާންގެ ޓޯވާ އުޒާވާ އެވެ. އޭނާގެ ޓައިމިން އަކީ، 20.12 ސިކުންތެވެ. އަދި، ދެ ވަނަ އަށް ދިޔަ ސައުދީ އަަަރަބިއްޔާގެ އަބްދުލްއަޒީޒް އަބްދުލް އަޒީޒް އަތާފީ ރޭސް ނިންމީ، 20.31 ސިކުންތުންނެވެ. އޭނާ ކުޖޫރަށް ވުރެ ކުރިން ރޭސް ނިންމީ ހަނި ފަރަގަކުންނެވެ.
އޮޑިޝާ ސަރަހައްދުގައި، ސްކޫލު ދުވަސްވަރު ފޯވާޑެއްގެ މަގާމަށް ފުޓްބޯޅަ ކުޅުނު، ކުޖޫރު، އެތުލެޓިކްސް އަށް ޝައުގުވެރިވީ ލެޖެންޑަރީ ސްޕްރިންޓަރު، އުސައިން ބޯލްޓްގެ ކަންކަން ދެނެގަނެ، ދުވުމުން ކުރިއަށްދާން ހިތް ޖެހުމުންނެވެ.
އޭޝިއާ އެތުލެޓިކްސް މުބާރާތުގެ މެޑަލް ތާވަލުން އިންޑިއާ އަށް ލިބުނީ ދެ ވަނަ އެވެ. އެއް ވަނަ ހޯދި ޗައިނާ އަށް ޖުމްލަ އެކު، 26 މެޑަލް ލިބުނުއިރު، އެއީ، 15 ރަން މެޑަލް، 8 ރިހި މެޑަލް އަދި 3 ލޯ މެޑަލް އެވެ. އަދި، ދެ ވަނަ އަށް ދިޔަ، އިންޑިއާ އަށް 24 މެޑަލް ލިބުނުއިރު، އެ ޓީމަށް 8 ރަން މެޑަލް، 10 ރިހި މެޑަލް އަދި 6 ލޯ މެޑަލް ލިބިގެންދިޔަ އެވެ. ތިން ވަނަ ހޯދި ޖަޕާނަށް 24 މެޑަލް ލިބުނުއިރު، އޭގެ ތެރޭގައި ހިމެނެނީ، 4 ރަން މެޑަލް އާއި 10 ރިހި މެޑަލް އަދި 10 ލޯ މެޑަލް އެވެ.
އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރި އެތުލީޓުންނަކީ، އިބާދުﷲ އާދަމް އާއި ޒިވާ މޫސާ ޝަފީއު އެވެ.
އެ ގޮތުން، އެތުލެޓިކްސް އެސޯސިއޭޝަން އިން މުބާރާތުގެ ކުރިން، މައުލޫމާތު ދިން ގޮތުގައި، އޭޝިއާ މުބާރާތުގައި، އިބާދުﷲ ވާދަކުރަން ހަމަޖެހިފައި އޮތީ، 100 މީޓަރާއި 200 މީޓަރު އިވެންޓުގަ އެވެ. އަދި، ޒިވާ ވާދަކުރުމަށް ފުރަތަމަ ފައިނަލް ކުރެވިފައިވަނީ، 200 މީޓަރު އިވެންޓުގައި ކަމަށެވެ. ކޮރެއާ އަށް ދިއުމަށް ފަހު، ޒިވާގެ ދެ ވަނަ އިވެންޓެއް ގޮތުގައި ނިންމާފައިވަނީ 100 މީޓަރެވެ.
ޒިވާ ދެ އިވެންޓުގައި ވާދަކުރި ނަމަވެސް، އިބާދުﷲ ވާދަކުރީ، 100 މީޓަރު ދުވުމުގައި އެކަންޏެވެ.
އެ ގޮތުން، އިބާދުﷲ، 100 މީޓަރު ދުވުމުގައި، ހީޓު ފަހެއްގައި ވާދަކޮށް ރޭސް ނިންމީ، 10.78 ސިކުންތުންނެވެ. މިއީ، އިބާދުﷲގެ ސީޒަނަލް ބެސްޓް ޓައިމިންނެވެ. މި ހީޓުގެ އެއް ވަނަ ހޯދި، ޖަޕާނުގެ ހިރޯކީ ޔަނަގީޓާގެ ޓައިމިން އަކީ، 10.25 ސިކުންތެވެ.
އަންހެނުންގެ 100 މީޓަރު އިވެންޓްގައި ޒިވާ ރޭސް ނިންމީ، ހީޓު ތިނެއްގެ ހަތް ވަނައިގައި، 12.40 ސިކުންތުގެ ޓައިމިންއަކާ އެކު އެވެ. މިއީ، ޒިވާގެ މި އިވެންޓުގައި ޕާސަނަލް ބެސްޓް ޓައިމިން އެެވެ. އަދި، 200 މީޓަރު އިވެންޓްގައި، ޒިވާ ދިޔައީ ހީޓުގެ ހަ ވަނަ އެވެ. އެއީ، 25.37 ސިކުންތުގެ ޓައިމިންއަކާ އެކު އެވެ.
އޭޝިއާގެ އެތުލެޓިކްސް މުބާރާތުގައި، މިހާތަނަށް ރާއްޖޭގެ އެތުލީޓެއްގެ އެންމެ ބޮޑު ކާމިޔާބީ ހޯދީ 2017 ވަނަ އަހަރު، އިންޑިއާގެ އޮޑިޝާގައި ބޭއްވި މުބާރާތުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު އެވެ. އެ ގޮތުން، އެ އަހަރުގެ މުބާރާތު 100 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށް ހަތަރު ވަނަ އަށް ރޭސް ނިންމައި، ސާއިދު ވަނީ ތާރީހުން ޖާގަ ހޯދައިފަ އެވެ. ސާއިދު ވަނީ، އޭގެ ދެ އަހަރު ކުރިން، އޭޝިއާ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ.
އޭޝިއާގެ ހަތަރު ވަނަ އަށް އެންމެ ބާރު ދުވުންތެރިއެއްގެ މަގާމަށް ސާއިދު، އެ އަހަރު ގެންގޮސްދިން ޓައިމިން އަކީ، 10.37 ސިކުންތުންނެވެ.
އިންޑިއާގެ ސްޕްރިންޓަރު ގައުމީ ރެކޯޑަކާ އެކު އޭޝިއާ މުބާރާތުން ލޯ މެޑަލް ހޯދައިފި އިންޑިއާގެ ސްޕްރިންޓަރު ގައުމީ ރެކޯޑަކާ އެކު އޭޝިއާ މުބާރާތުން ލޯ މެޑަލް ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ