ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކީ ހެދި ކޯލީޝަނުން ފޭވެ، އެ މަނިކުފާނާ ވަކިވެވަޑައިގެންނެވި އެންމެ ބޮޑު ސަބަބަކީ، ކޯލީޝަން އެއްބަސް ވުމުގައި ޖުމްހޫރީ ޕާޓީ، (ޖޭޕީ) އިން އެދިފައިވާ ވަރަށް ވަޒީފާދައް ނުދިނުން ކަމަށް ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމްގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން، "ގާސިމްގެ ތަސައްވަރު ޕްރޮގްރާމްގައި" ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައީ އެތައް ބައެއްކުރި މަސައްކަތާކައި، ވި ގުރުބާނީން ކަމަށެވެ.
"ރައީސް ޔާމީންގެ ވެރިކަމުގައި އަޅުގަނޑުމެން ހުރިހާ އިދިކޮޅު މީހުން، އެމްޑީޕީ އާއި އަދާލަތާއި ރައީސް މައުމޫނާ އަޅުގަނޑުމެން ބައިވެރިވެގެން މަސައްކަތް ކުރީ ކުނޫޒުގައި، އޭރު އަޅުގަނޑުމެންނާއެކު މަސައްކަތްކުރި ހުރިހާ މީހުން ޖަލަށްލި، ރައީސް މައުމޫން ޖަލަށްލި، އިމްރާން ޖަލަށްލި، ރައީސް ނަޝީދު ޖަލަށްލި، އިބޫވެސް ޖަލަށްލި, އޭރު ބޭރަށްގޮސް ބޭސް ފަރުވާ ނުނިމިގެން ނާދެވިފައި ހުރިނަމަވެސް އިބޫއާވެސް ވާހަކަ ދައްކައިގެން ދެން ތިބި އިސްމީހުންނާވެސް ވާހަކަ ދައްކައިގެން ހުރިހާކަމެއް މެނޭޖު ކުރަމުންދިޔައީ އަޅުގަނޑު، އެއީ ސަލާމަތުން ހުރި މީހަކީ އަޅުގަނޑު،"
އެ މަސައްކަތުގެ ތެރެއިން، ސިޔާސީ މަގާމު ތަކާއި، ރައީސުލްޖުމްހޫރިއްޔާއަށް ބާރު ލިބޭ ކުންފުނިތަކާއި ދައުލަތުގެ އެހެން ވެސް ވަޒީފާތަކުގެ 25 ޕަސެންޓް ޖޭޕީއަށް 20 ޕަސެންޓް ރައީސް މައުމޫނަށް އަދި 15 ޕަސެންޓް އަދާލަތު ޕާޓީއަށް ދޭގޮތަށް އެއްބަސްވި ކަމަށް ގާސިމް ވިދާޅުވިއެވެ. މި ފަސް އަހަރުގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމުވެސް އޮންނަން ޖެހެނީ، ޖޭޕީއަށް ކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގައި އެ އަދަދަށް އެ ފަރާތްތަކަށް ވަޒީފާ ލިބިފައި ނުވާކަމަށް ކަމަށް ވިދާޅުވިއެވެ.
"25 ޕަސެންޓް އަޅުގަނޑުމެންނަށް ރައީސް މައުމޫނަށް 20 ޕަސެންޓް އަދާލަތަށް 15 ޕަސެންޓް ދޭގޮތަށް އެއްބަސްވީ ބާކީ އޮތް އެއްޗެއް އެމްޑީޕީއަށް. ނަމަވެސް ކަންދިމާވެގެންދިޔައިރު ގާތްގަނޑަކަށް އަށް ޕަސެންޓް އަޅުގަނޑުމެނަށް ލިބުނީ، އަނެއް 92 ޕަސެންޓް އޮތީ އެމްޑީޕީގަ އޭރުވެސް އެމްޑީޕީގެ އިސް ބޭފުޅުން ވާހަކަ ދައްކަމުންދޭ މައްސަލަ ޖެހެމުން މިދާ ސަބަބަކީ، އެމްޑީޕީއަށް ވަޒީފާތައް މަދުވެގެންނޭ، ކޯލީޝަނަށް މާގިނަ ވަޒީފާދީގެންނޭ، ރައީސް ނަޝީދުވެސް އެވާހަކަ ދެއްކެވި،"
އެ އެއްބަސްވުމާ އެއްގޮތަށް ޖޭޕީއަށް ދޭން ޖެހޭ ސަރުކާރުގެ ވަޒީފާތައް ނުލިބުމުގެ ސަބަބުން އަނބިދަރިންނަށް ކާންދޭނެ ގޮތެއް ނެތިގެން، ޖޭޕީގެ ބައެއް މެންބަރުން އުޅެން ޖެހުނީ ވަރަށް ހާލުގައި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އެކަމާ ގުޅިގެން ޖޭޕީގެ ވަރަށް ގިނަ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެ ހާލަތުގައިވެސް ޖޭޕީ ކެތްކޮށްގެން އޮތީ، ގައުމުގެ ހަމަޖެހުމާއި އަމަން އަމާންކަމަށްޓަކައި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، "އަޅުގަނޑު މި ކުރާ މަސައްކަތަކީ ފެށުނީއްސުރެން ބޮޑު މަގާމެއް ހޯދަން ކުރާ މަސައްކަތެއްނޫން، އަޅުގަނޑު މަގާމެއްގެ ބޭނުން މިހިފަނީ އެވަގުތަކު އަޅުގަނޑު ކުރާ އިސްލާހީ މަސައްކަތްތަކެއްގައި އަޅުގަނޑު އަޅަން ޖެހުނު ފިޔަވަޅެއް އެޅުމަށްޓަކައި ކުރިއަށް ދެވެން އޮތީ މިވެނި މަގާމެއް ނުވަތަ އެވެނި ވަޒީފާއެއްގަ ނުވަތަ އެވެނި މެންބަރު ކަމެއްގައި ހުރެގެން ކަމަށް ވަންޏާ އެކަމެއްގަ އަޅުގަނޑު މި ހުންނަނީ،" ކަމަށެވެ.
ރައީސް ސޯލިހާ ވަކިވާން ޖެހުނު އެންމެ ބޮޑު ސަބަބަކީ، އެދުނު މިންވަރަށް ވަޒީފާތައް ނުދިނުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ