އިންޑިއާ، ޗައިނާ ސިޔާސަތު ދަމަހައްޓާނީ ހެނދުނު ފުރައްސާރަކޮށް ހަވީރު ފިރުމާ ގޮތަކަށް ނޫން

ކުރިއަށްއޮތް ދައުރުގައި ވެސް އިންޑިއާ ފަސްޓް ޕޮލިސީ އާއި ވަން ޗައިނާ ސިޔާސަތު ދަމަހައްޓަވާނީ "ހެނދުނު ފުރައްސާރަކޮށް ހަވީރު ފިރުމާ ގޮތަށް ނޫން" ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އުފާވެރި މާލެ ޖަލްސާގައި ވާހަކަފުޅުދއްކަވަމުން ރައީސް ވިދާޅުވީ އިންޑިއާ ފަސްޓް ޕޮލިސީ އާއި، ވަން ޗައިނާ ސިޔާސަތުގައި ދެމިތިބޭނީ ހަގީގަތުގައި ވެސް އެކަން ގަބޫލުކޮށްގެން ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ވެސް އެމަނިކުފާނުގެ ސިޔާސަތަކީ އިސްލާމްދީނުގެ ސައްހަ އަގީދާ އާއި، ދިވެހި ގައުމިއްޔަތާއި، އިސް އުފުލޭނެ ހާރިޖީ ސިޔާސަތެއްކަމަށާއި އަދި އެތައް ދަތި އުނދަގުލެއްގެ ތެރެއިން ހޯއްދެވުމަށް މަސައްކަތްކުރައްވަމުން މި ގެންދަވަނީ އުފާވެރި އަމާން ރާއްޖެއެއް ކަމަށެވެ.
އެ ކާމިޔާބީގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް ތަނުގައި ވެސް އެކަކުވެސް ބާކީ ނުކޮށް، އެންމެ ރަށެއްވެސް ބާކީ ނުކޮށް، ތަފާތު ނުކޮށް ކުރިޔަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެމަނިކުފާނު ގެންނަން އުޅުއްވާ ހެޔޮ ބޮޑު ބަދަލުގައި ހުރިހާ ރައްޔިތުން އެކުއެކީގައި ބައިވެރިވެވަޑައިގެންނެވުމަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ