މި ނިކުންނަނީ ހަނގުރާމައަކަށް ނޫން، ދިވެހިންނަށް ހެޔޮ ގޮތް ހޯދައިދޭން: ގާސިމް

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ސިޔާސީ ހަނގުރާމައެއް ކުރެއްވުމަށް ނޫންކަމަށާއި ބޭނުމަކީ ދިވެހިންނަށް ހެޔޮ ގޮތް ހޯދައިދިނުންކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގިނަ ދުވަސްތަކަކަށްފަހު ރައްޔިތުންނާ މުޚާތަބުކުރައްވައި ގާސިމް ބަސްފުޅެއް ވިދާޅުވީ ރައީސް ޞާލިހުގެ ކުރީގެ އެޑްވައިޒަރު މުހައްމަދު ޝިހާބާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު އަހްމަދު ނާޒިމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ބޭއްވި ބައްދަލުވުމުގައެވެ. އޭނާ ވިދާޅުވީ ރާއްޖެ މިއަދު އޮތް ހާލަތުގައި އޮތް އިރު ކޮންމެ ކެންޑިޑޭޓަކު ވެސް ތަފާތު ގިނަ ވާހަކަތައް ދައްކަމުން އަންނަކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ފަހި ގޮތެއް ހޯދައިދެވޭނީ ޖުމްހޫރީ ޕާޓީއަށްކަމަށް ގާސިމް ވިދާޅުވިއެވެ. "ދިވެހި ރައްޔިތުންނަށް މިއަދަށްވުރެ މާ ބޮޑަށް ފަހި މާދަމައަކާއި މާ އުފާވެރި މުސްތަގްބަލެއް އާރަސްތުކޮށްދޭންވެގެން. މިއަދު އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ، މިވާ ގުރުބާނީއަކީ އެއީ،" ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 1984ވަނަ އަހަރުން ފެށިގެން ރައްޔިތުންނަށް ޓަކައި އޭނާ މަސައްކަތްކޮށްދެއްވަމުން އަންނައިރު ކުރިއަށް އޮތްތަނުގައި އެ ކަމަށް ރިޔާސީ ރޭހުން ކާމިޔާބު ހޯދުމަކީ މުހިންމު ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ. ވެރިކަމަށް ކުރިމަތިލުމުގައި އަމިއްލަ އެއްވެސް ފައިދާއެއް ހާސިލްކުރުން ނެތްކަމަށް ގާސިމް ވިދާޅުވިއެވެ. "އަޅުގަނޑު ވެސް ތަޖުރިބާކޮށްލައްވާށޭ،" ގާސިމް ވިދާޅުވިއެވެ. ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވެސް އެހެން ކެންޑިޑޭޓަކަށް ތާއީދުކޮށް އެ ކެންޑިޑޭޓެއް ހޮވައިދިނުމާއެކު ޖުމްހޫރީ ޕާޓީއާމެދު ކަން ވެގެން އަންނަނީ ނިކަމެތިކޮށްކަމަށް ގާސިމް ވިދާޅުވިއެވެ. އެއާއެކު ޖުމްހޫރީ ޕާޓީގެ އެއްވެސް މެމްބަރަކު ޖޭޕީން ރިޔާސީ ރޭހަށް ނުނިކުމެ އެހެން ޕާޓީއަކާ ކޯލިޝަން ހަދަން އެއްބަސްނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އެހެންވީމާ މިއަދު ވަގުތު ފާއިތުވުމުގެ ކުރީގައި އަޅުގަނޑު އާދޭސްކޮށްފައި މި ދަންނަވަނީ ރަނގަޅަށް ވިސްނައިވަޑައިގަންނަވާށޭ،" ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕްރޮޖެކްޓުތަކާއި މަސައްކަތްތަކުގެ ދަޅައިގައި 'ހެއްލިގެން' ނުވާނެކަމަށެވެ. އަދި އަޅުވެތިކަމުގައި ތިބެގެން ގެނެވޭނެ ތަރައްގީއެއް ނޯންނާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ