ބަލިވެގެން ދިޔައިރު ތިން ސަރުކާރެއްގައި ހުރިން؛ މިވަރުގެ ގައުމު ފަނާކުރަނިވި އަމަލުތަކެެއް ނުދެކެން: އާޒިމާ

ބަލިވެގެން ދިޔައިރު ތިން ސަރުކާރެއްގައި ހުންނެވި ކަމަށާ ނަމަވެސް މި ސަރުކާރުން ފެންނަ ފަދައިން ގައުމު ފަނާކުރަނިވި ވިސްނުންތަކެއް އަދި އަމަލުތަކެއް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ހަފުތާއެއްހާ ދުވަސް ވެފައި، ރޭ އޮތް، އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެންޕެއިން ބައްދަލުމުގައި އެމަނިކުފާނު ވަނީ އަނެއްކާވެސް އިތުރު 6،000 ފްލެޓާއި 4،000 އަށް ވުރެން ގިނަ ގޯތި ދޭން ސަރުކާރުން ނިންމާފައިވާކަން ކުއްލި ގޮތަކަށް އިއުލާން ކުރައްވާފައެވެ.
އައާއެކު ރޭގެ ވަގުތެއްގައި ޕްލޭނިންގ މިނިސްޓްރީން ވަނީ އެ ގޯތި ތަކާއި ފުލެޓް ތަކަށް އެދުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ.
Advertisement
އެކަމާއި ގުޅިގެން ޢާޒިމާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަލިވެގެން ދިޔައިރު ތިން ސަރުކާރެއް ގައި ހުންނެވުމުގެ ފުރުސަތު ލިބިވަޑައިގެން ކަމަށެވެ. އަދި އެ ސަރުކާރުތަކުގެ ވެރިކަން ހަމަޖެހުމާއި އަމާންކަމާއެކު ބަދަލުކުރުމުގައިވެސް ބައިވެރިވެވަޑައިގެންފައިވާ ކަަމަށާ، ބަލިވެގެން ދާއިރު، މިވަރުގެ ގައުމު ފަނާކުރަނިވި ވިސްނުންތަކެއް އަދި އަމަލުތަކެއް ގެންގުޅުނު ސަރުކާރެއް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
‏ބަލިވެގެން ދިޔައިރު 3 ސަރުކާރުގައި ހުރެފިން. ހަމަޖެހުމާއި އަމާންކަމާއެކު ވެރިކަން ބަދަލުކުރުމުގައި ބައިވެރިވެސްވީމު. މިވަރުގެ ޤައުމު ފަނާކުރަނިވި ވިސްނުންތަކެއް އަދި ޢަމަލުތަކެއް ނުދެކެން.
ޢާއިޝަތު ޢާޒިމާ ޝަކޫރު 
ތިން ސަރުކާރެއް ނިމިދިޔަ އިރު، އެ ސަރުކާރު ތަކުގެ އެކި މަގާމުތަކުގައި ހުންނެވި ކަމަށް އާޒިމާ ވިދާޅުވެފައިވާއިރު، 2008 ވަނަ އަހަރު، ކުރީގެ ރައީސް މައުމޫނުގެ 30 އަހަރުވީ ދިގު ވެރިކަން ނިމިގެންދިޔައިރު އާޒިމާ ހުންނެވީ ދައުލަތުގެ ބަންޑާރަ ނާއިބުގެ މަގާމުގައެވެ.
އެއަށްފަހު 2013 ގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަން ނިމިގެންދިޔައިރު އާޒިމާ ހުންނެވީ އެމަނިކުފާނުގެ އެޑްވައިޒަރަކަށެވެ.
އަދި ނޮވެންބަރު 17، 2018 ގައި ރައީސް ޔާމީންގެ ވެރިކަން ނިމިގެންދިޔައިރު އާޒިމާ ހުންނެވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ