ޖުމްހޫރީ ޕާޓީގެ ނަން ބޭނުންނުކޮށް، އެޕާޓީގެ މެމްބަރުން ބޭނުންވާ ކެންޑިޑޭޓަކަށް ތާއީދު ކުރިޔަސް މައްސަލައެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން އިއްޔެ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ގާސިމް ނިންމެވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ތާއީދު ނުކުރައްވައި، ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް އިތުރުކޮށް، ޕާޓީ ކުރި އެރުވުމަށް މަސައްކަތް ކުރެއްވުމަށެވެ. އެ ނިންމެވުމަށްފަހު ވެސް ޖުމްހޫރީ ޕާޓީގެ ބައެއް ކައުންސިލް މެމްބަރުން ގެންދަވަނީ ދެވަނަ ބުރުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވައި ޓުވީޓު ކުރައްވަމުންނެވެ.
ގާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދެވަނަ ބުރުގައި ކުރިއަށްދާންވީ ކޮން ކެންޑިޑޭޓެއްކަކާ އެކީގައި ކަނޑައެޅުމުގެ އިހުތިޔާރު ޕާޓީގެ ކައުންސިލުން އޭނާއަށް ދިނުމުން، ނިންމެވީ އެއްވެސް ކެންޑިޑޭޓަކާ އެކު ކުރިއަށް ނުދިޔުމަށް ކަމަށެވެ. އެގޮތަށް ނިންމެވީ ކޯލިޝަން ހެދި ތިން ފަހަރު ވެސް ހިތި ނަތީޖާ ލިބިވަޑައިގެންފައިވާތީ ކަމަށެވެ.
"މި ނިންމުންމުގެ ސަބަބުން މެންބަރުންގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ ކަމަށް އަޅުގަނޑަށް ފެންނާތީ، ޕާޓީގެ ނަން ބޭނުން ނުކޮށް އެމެންބަރަކަށް ފެންނަ ކެނޑިޑޭޓަކަށް ތާއީދު ކުރެއްވުމާއި ވޯޓު ދެއްވުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ގާނޫނީ ހައްގެއް ކަމުގައި އަޅުގަނޑުދެކޭތީ އެންމެހާ މެންބަރުންގެ މައުލޫމާތަށްޓަކާ މި ވާހަކަ ދެންނެވީމެވެ،" ގާސިމް ވިދާޅުވިއެވެ.
މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ގާސިމަށް ލިބިވަޑައިގަތީ 5،460 ވޯޓެވެ. އެއީ 2.4 ޕަސަންޓެވެ. އެއީ އިންތިހާބުގެ ފަސްވަނައެވެ. އެއްވަނައަށް ގޮސްފައިވަނީ މުއިއްޒެވެ. މުއިއްޒަށް 101،581 ވޯޓު ލިބަޑައިގަތެވެ. އެއީ 45.1 ޕަސަންޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،164 ވޯޓެވެ. އެއީ 38.2 ޕަސަންޓެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އިރު، މުއިއްޒު އަދި ރައީސް ސޯލިހު ވެސް ވަނީ، ގާސިމާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާ ކުރައްވައިފައެވެ. އެ ބައްދަލުވުންތައް ބޭއްވީ ކައުންސިލް ބައްދަލުވުމުގެ ކުރިންނެވެ.
ގާސިމާ އެކު މަޝްވަރާކުރެއްވުމަށް ރައީސް ސޯލިހު ވަނީ މިދިޔަ ބުދަ ދުވަހު ސަން އައިލެންޑަށް ވަޑައިގެންފައެވެ. ކޯލިޝަން މަޝްވަރާއަށް ގާސިމްގެ އަރިހުގައި ދެ ދުވަސް ހޭދަ ކުރެއްވުމަށް ފަހު މާލެ ވަޑައިގަތީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ރައީސް ސޯލިހު ސަން އައިލެންޑްގައި ހޭދަކުރެއްވި ދެ ދުވަހުގެ ތެރޭގައި، ގާސިމާއި ދެ ބޭފުޅުން ވަކީންވެސް ބައެއް ބައްދަލުވުން ކުރިޔަށް ގެންދަވާފައިވާކަމަށް "ވަން"އަށް މައުލޫމާތު ލިބުނެވެ. އަދި ބައެއް ބައްދަލުވުންތަކުގައި އެހެން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މުއިއްޒުގެ ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފާ (ސެންބެ)އާ އެކު ގާސިމް ކޯލިޝަން ހެދުމުގެ މަޝްވަރާކުރެއްވީ މިދިޔަ އަންގާރަ ދުވަހު ހަމަ ސަން އައިލެންޑު ރިސޯޓުގައެވެ.
ޕާޓީގެ ނަން ބޭނުންނުކޮށް، މެމްބަރުން ބޭނުންވާ ކެންޑިޑޭޓަކަށް ތާއީދު ކުރެވޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ