އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

އާއިލީ ގޮތުން ގުޅުން އޮންނަ އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި އުމުރުން 75 އަހަރުގެ މީހަކަށް ކުރި 10 އަހަރުގެ ހުކުމް ހައި ކޯޓުން ދަމަހައްޓައިފިއެވެ. އެ މައްސަލައާ ގުޅިގެން ހަސަން ޔޫސުފް ނަމަކަށް ކިޔާ އުމުރުން ދުވަސްވީ އެ މީހާއަށް އުފުލީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް އުފުލީ އެ ކުއްޖާ، މަންމަ ފަރާތު ބޮޑުދައިތަ ކައިރީގައި ޗުއްޓީ ހޭދަކޮށްލުމަށް ބޮޑުދައިތަ ދިރިއުޅޭ ރަށަށް ގޮސްހުއްޓައެވެ. ޖިންސީ ގޯނާ ކޮށްފައިވަނީ ބޮޑުދައިތަ ކައިވެނިކޮށްގެން އުޅޭ މީހާގެ ބައްޕައެވެ. ދައުވާއިން އެނގޭ ގޮތުން ހާދިސާ ހިނގާފައިވަނީ 2021, ޖެނުއަރީ އެއް ވަނަ ދުވަހުގެ މެންދުރެވެ. އެގޭގެ މީހުން ބަދިގޭގައި ކާންތިއްބައި އުމުރުން ދުވަސްވީ އެ މީހާ ކުޑަ ކުއްޖާ ސިޓިން ރޫމުގައި ހުއްޓައި އެ ކުއްޖާގެ ކުރިމަތި ފަރާތުގައި އަތްލައި ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އެ ވާހަކަތައް ހަމަ އޭގެ އިރުކޮޅެއް ފަހުން އެ ކުއްޖާ ބޮޑުދައިތައަށް ކިޔައިދިނެވެ. އެކަމާ ގުޅިގެން މައްސަލަ ތަހުގީގުކޮށް ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓުގައެވެ. މައްސަލަ ސާބިތުވާ ކަމަށް ނިންމައި އެ ކޯޓުން ވަނީ އުމުރުން ދުވަސްވީ އެ މީހާ 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އެ ހުކުމް އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް އިއްޔެ އެ ކޯޓުން ހުކުމް ކޮށްފައިވަނީ މާޅޮހު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ދެމެހެއްޓުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ