ދައުލަތުން ވައްކަންކުރާ މީހުންގެ އަތް ކަނޑާނަން: އުމަރު

ދައުލަތުން ވައްކަން ކުރާ މީހުންނަށް އިސްލާމީ ޝަރީއަތުގައިވާ އަދަބު ތަންފީޒު ކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.އަންނަ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު އޭނާ އާއި އޭނާގެ ސިޔާސަތުތައް ޕްރޮމޯޓް ކުރަން ދޭތެރެ ދޭތެރެއިން ބައްދަލުވުންތައް ބާއްވަ އެވެ. އެފަދަ ބައްދަލުވުމެއްގައި ބާއްވާ ރޭ އުމަރު ވިދާޅުވީ ދިވެހި ދައުލަތުން ވައްކަންކޮށް ދައުލަތުގެ ތިޖޫރީން ވައްކަން ކުރާ މީހުންގެ މައްޗަށް އިސްލާމީ ޝަރީއަތް ތަންފީޒު ކުރަން ފަށައިފިނަމަ މުޅި ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އެފަދައިން ކުރާ ވައްކާ ރާއްޖޭގައި އާންމުވެ ހުރިހާ ލެވެލެއްގައި ފެތުރިފައިވާ ކަމަށެވެ."ދިވެހި ދައުލަތް އުދުއްސައިގަންނަން ބޭނުން ނަމަ ދައުލަތުން ވައްކަން ކުރާ މީހުންގެ އަތް ކަނޑަން ޖެހޭ، އަޅުގަނޑު އެކަން ކުރާނަން،" އުމަރު ވިދާޅުވި އެވެ. "އަޅުގަނޑު އިރާދަކުރެވިއްޔާ އެކަން ކުރާނަން. އޭރުން ދިވެހި ދައުލަތުގެ ތެރޭގައި މި އަށަގަނެފައިވާ ވައްކަން ކުރުމުގެ ކެންސަރު އިސާހިތަކުން ފިލައިގެން ހިނގައިދާނެ." މީގެއިތުރުން ކޮރަޕްޝަން ހުއްޓުވަން އިސްލާމީ ޝަރީއަތުގައި ހިފައިފިނަމަ ދައުލަތުން ވައްކަން ކުރުން މުޅިން ހުއްޓި އަދި ގައުމާ މެދު އެންމެންގެ މެދުގައި އިތުބާރު ބޮޑުވެގެންދާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ދައުލަތުން އެތައް ފައިސާއެއް ސަލާމަތް ކުރެވި ގައުމަށް ބޮޑެތި ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ރާއްޖޭގެ ނޫސްވެރިން ވެސް ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އަމަލު ކުރަން ވާނެ ކަމަށެވެ. އަދި ފާސިގުން ގެންނަ ޚަބަރެއްގެ ތެދުދޮގު ބަލާފައި ނޫނީ ނޫސްތަކުން ވެސް ރިޕޯޓްކޮށްގެން ނުވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.އުމަރު ވިދާޅުވިގޮތުގައި މިފަދަ ކަންކަން ހައްލުކުރުމަށްޓަކައި ނޫސްވެރިކަން ރަނގަޅަށް ރެގިއުލޭޓް ކުރަން އެބަޖެހެއެވެ. އަދި ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ އިޖުތިމާއީ ފޭރާން އަލުން ރަނގަޅުކޮށް، އެ އަސާސްތައް ކުރިއަށް ނެރެ، އިސްލާމީ ޝަރީއަތުގައި ހިފާނެ ކަމަށެވެ. "...އިސްލާމީ ޝަރީއަތަކީ އެއަށްވުރެ މާ ފުޅާއެއްޗެއް. އެއީ އިންސާނާ ހެއްދެވި ފަރާތާއި އޭނައާ ދެމެދު އޮންނަ ގުޅުމާއި އިންސާނާގެ ނަފްސުގައި ހުންނަންޖެހޭ ރިވެތި އަޚްލާގުތަކާއި އޭނާ އާއި އޭނާގެ އަވަށްޓެރިންނާދެމެދު އޮންނަންޖެހޭ ގުޅުމާއި އޭނާ އާއި އޭނާގެ އާއިލާގެ މީހުންނާ ދޭތެރޭ އޮންނަންޖެހޭ ގުޅުމާއި އިގްތިޞާދީ ކަންކަމާއި ވިޔަފާރީގެ މައްސަލަތަކާއި މުއާމަލާތްތަކާއި ވެރިން އަމަލުކުރަންޖެހޭ ގޮތްތަކާއި މިނޫން ވެސް މިފަދަ އެތައް ކަމެއްގެ މައްޗަށް އެކުލެވިގެންވާ ނިޒާމަކަށް ދެވިފައިވާ ނަމެއް،" އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ