ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ދައުވާ އުފުލައި، ހައިކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓި މީހަކު އައްޑޫ ހިތަދޫ ކޯޓުން ދޫކޮށްލުމުން އޭނާ އަލުން ބަންދު ކުރުމަށް ހައިކޯޓުން އަންގައިފި އެވެ.
މިއީ 2020 ގައި 98 ކިލޯގެ މަސްތުވާތަކެތި ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރި މައްސަލަ އެކެވެ. މައްސަލައިގައި ހިތަދޫ، މަންދޫބުގެ، ރުޝާން އަހުމަދު ދީދީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ވަނިކޮށް އޭނާ ދޫކޮށްލަން މިދިޔަ މަހު ނިންމީ ހިތަދޫ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓު ރަފީއުއްދީން އަހުމަދެވެ. ބޭސްފަރުވާގެ ފުރުސަތު ދިނުމަށްކަމަށް ބުނެ ރުޝާން ދޫކޮށްލިއިރު ހައިކޯޓުން އޭނާ ބަންދުގައި ބަހައްޓަން އަމުރެއް ނެރުނީ ވެސް އެންމެ ފުރަތަމަ ބަންދުގައި ހުއްޓައި ހިތަދޫ ކޯޓުން އޭނާ ދޫކޮށްލުމުންނެވެ.
90 ދުވަހަށް ނުވަތަ ތިން މަސް ދުވަހަށް ހައިކޯޓުގެ އަމުރު ސަސްޕެންޑުކޮށް، ޝަރުތުތަކަކާއި އެކު ރިޝާން ދޫކޮށްލުމަށް ނިންމިއިރު މަތީ ކޯޓުގެ އަމުރެއް ސަސްޕެންޑު ކުރުމުގެ ބާރު ދަށު ކޯޓުތަކަށް ނޯވެ އެވެ. މަތީ ކޯޓުތަކުގެ ދަށު ކޯޓުތަކުން ތަބައަވުން ގާނޫނުން ލާޒިމް ކުރެ އެވެ.
ހިތަދޫ ކޯޓުން ނެރުނު އަމުރު ދައުލަތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުން މައްސަލައިގައި ނެރުނު ހުކުމުގައި ބުނީ ސިއްހީ ފަރުވާ ނުލިބޭކަމަށް ބުނެ ރުޝާން ބަންދުން ދޫކޮށްލަން އެންގި ނަމަވެސް އޭނާ ބަންދުން ދޫކުރަން ޖެހޭފަދަ ސީރިއަސް މައްސަލައެއް ފާހަގަކޮށްފައި ނެތް ކަމަށެވެ. އަދި ސިއްހީ ސަބަބުތަކަށް ރިއާޔަތްކޮށް ބަންދުގައި ހުރި މީހަކު ދޫކުރެވޭނީ އެ މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއްގައި އެކަނިކަމަށެވެ. ހައިކޯޓުގައި މި ގޮތަށް ނިންމަވާފައި ވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު އަލީ ސަމީރެވެ. ބެންޗުގައި ދެން އިންނެވި ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔުގައި ވަނީ ހާލަތަށް އަންނަ ބަދަލަކާއި ގުޅިގެން މަތީ ކޯޓެއްގެ ނިންމުމެއް އޮތަސް ދަށު ކޯޓަކަށް އެ މީހަކު ދޫކޮށްލެވިދާނެ ކަމަށެވެ. މި މައްސަލައިގައި ރުޝާން ދޫކޮށްލި ގޮތް ގޯސްކަމަށް ފަނޑިޔާރުގެ ރައުޔުގައި ވެއެވެ.
އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ ހައިކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ މީހެއް، ދަށު ކޯޓުން ދޫކޮށްލި ގޮތް ގޯސްކަމަށާއި މަތީ ކޯޓުގެ ނިންމުން ދެމި އެބައޮތް ކަމަށެވެ.
މަތީ ކޯޓުގެ ނިންމުމެއް ދަށު ކޯޓުގެ ފަނޑިޔާރަކަށް ބާތިލު ކުރެވޭނެ ހާލަތްތަކާއި މެދު ފަނޑިޔާރުންގެ ރައުޔުގައި ވަކިކަމެއް ފާހަގަކޮށްފައި ނުވެ އެވެ.
މައްސަލަ އިސްތިއުނާފުކޮށް ދައުލަތުން ބުނީ، ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށް ވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބައަވާން ޖެހޭނެ ކަމަށެވެ. އެހެން ކަމުން ހިތަދޫ ކޯޓުން ރުޝާން ދޫކޮށްލުމަށް ނިންމާފައި ވަނީ އުސޫލާއި ހިލާފަށްކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ ބަންދާއި މެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަން ޖެހޭނީ އެ މާއްދާތަކުގައި ބަޔާން ކުރެވިފައިވާ އަސާސްތަކުގެ މައްޗަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ބުނާ ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުގައު ހުރި މީހެއްގެ ބަންދު ކޮންމެ 30 ދުވަހަކު މުރާޖައާ ކުރަންވާނެ އެވެ.
މީގެއިތުރުން ކުށެއްގެ ތުހުމަތުގައި މަތީ މަރުޙަލާގެ ކޯޓަކުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއްގެ ބަންދު، މުރާޖައާ ކުރާނީ، މައުޟޫއީ މައްސަލަ ބަލާ ފަނޑިޔާރުކަން، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 144 ވަނަ މާއްދާގެ (ރ) އަށް ރިއާޔަތް ކުރުމަށްފަހުކަމަށް ބުނެފައި ވެއެވެ.
ހުކުމުގައި ވަނީ ޝަރީއަތް ނިންމެންދެން ބަންދުކޮށްފައިވާ މީހެއް ނުވަތަ އެނޫން އެހެންވެސް ބަންދެއްގައިވާ މީހެއްގެ ސިއްހީ ހާލަތައް ރިއާޔަތްކޮށް، ޝަރީއަތުން ބަންދާމެދު ގޮތެއް ކަނޑައަޅަންޖެހޭ އެއްވެސް ގާނޫނީ އުސޫލެއް ނެތްކަން ފާހަގަކޮށްފަ އެވެ.
ހައިކޯޓުގެ ނިމުންމުމެއް އޮއްވައި، އެ ހުކުމެއް ދަށު ކޯޓުގެ މެޖިސްޓްރޭޓަކަށް ބާތިލު ނުކުރެވޭނެކަން ފާހަގަކޮށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުންގެ ވަނީ އެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުަހަޅާފަ އެވެ. މައްސަލައިގައި ޕީޖީ ޝަމީމް ޓްވީޓެއް ކުރެއްވުމުން، ހިތަދޫ ކޯޓުން ނޫސް ބަޔާނެއް ވެސް އާއްމު ކުރި އެވެ.
ހައިކޯޓުގެ އަމުރެއް ސަސްޕެންޑުކޮށް، ހިތަދޫ ކޯޓުން ދޫކޮށްލި މީހާ އަލުން ބަންދަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ