އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވޯޓުލުން ފަށައިފި

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވޯޓުލުން ފަށައިފިއެވެ. ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރު 14:30ގައެވެ.
އެމްޑީޕީން ބުނީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު މެންދުރު 14:30 އިން ރޭގަނޑު 20:30 އާ ހަމައަށްކަމަށެވެ.
އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަޤާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް އަދި އިބްރާހިމް މުޙައްމަދުއެވެ.
މި އިންތިޚާބުގައި އެމްޑީޕީން ވަނީ 241 ވޯޓު ފޮށި ބަހައްޓަން ނިންމާފައެވެ. މީގެ ތެރެއިން 240 ވޯޓުފޮށި ބަހައްޓާނީ ރާއްޖޭގައެވެ. ލަންކާގައި ބަހައްޓާނީ އެއް ވޯޓު ފޮށި ކަމަށް އެ ޕާޓީން ބުނެއެވެ.
މިފަހަރުގެ އިންތިޚާބުގައި ރަށްރަށާއި މާލޭގައިވެސް ވޯޓުފޮށިތައް ބަހައްޓަން ނިންމާފައިވަނީ ސްކޫލްތަކުގައެވެ. ކުރިން ރަށްރަށުގެ އެމްޑީޕީ ހަރުގޭގައި ބަހައްޓަން ނިންމި ވޯޓުފޮށިތައްވެސް އެ ރަށްރަށުގެ ސްކޫލްތަކުގައި ބަހައްޓަން އެ ޕާޓީން ވަނީ ނިންމާފައެވެ.
މާލޭގައި ވޯޓުފޮށިތައް ބަހައްޓަނީ 10 ސްކޫލެއްގައެވެ. އެއީ ހުރަވީ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލާއި ކަލާފާނު ސްކޫލާއި އިސްކަންދަރު ސްކޫލާއި މާފަންނު މަދުރަސާ އާއި ގަލޮޅު ސްކޫލާއި މުހިއްޔިއްދީން ސްކޫލުގެ އިތުރުން ކާމިލްދީދީ ސްކޫލުގައެވެ.
އެމްޑީޕީއަކީ މިވަގުތު ރާއްޖޭގައި ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ދަފުތަރުން ދައްކާ ގޮތުގައި އެ ޕާޓީގައި ތިބީ 43,784 މެންބަރުންނެވެ. ނަމަވެސް މިއަދު ބާއްވާ އިންތިޚާބުގައި 48،912 ވޯޓުލުމުގެ ޙައްގު ލިބޭކަމަށް އެމްޑީޕީން ނެރެފައިވާ ދާއިމީ ވޯޓާސް ލިސްޓުން ދައްކައެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ފައްޔާޒް އިސްމާޢީލް އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަޤާމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ