މެކްސިކޯ ސިޓީ، މެކްސިކޯ (މެއި 29) - ފީފާ ވޯލްޑް ކަޕްގައި ކުޅެން އެމެރިކާ އަށް ދިއުމަށް އިރާންގެ ގައުމީ ފުޓްބޯޅަ ޓީމަށް ބޭނުންވާ ވިސާ އަދިވެސް ހަމަޖެހިފައިނުވާ ކަމަށް މެކްސިކޯ އަށް އިރާނުން ކަނޑައަޅާފައިވާ ސަފީރު، އަބޯލްފަޒަލް ޕަސަންދީދޭ ވިދާޅުވެއްޖެ އެވެ.
އެމެރިކާ އިން ވަނީ އިރާނުން ވޯލްޑް ކަޕް ކުޅެން އެ ގައުމަށް ދާން ހުށަހެޅި ބައެއް ކަންކަން ފުރިހަމަ ނުވާނެކަން ފީފާ އަށް އަންގައިފަ އެވެ. އެއާ އެކު، ފީފާ އިން ވަނީ ކުއްލިއަކަށް މުުހިންމު ފިޔަވަޅެއް އަޅައިފަ އެވެ. އެއީ، އެމެރިކާގެ ބަދަލުގައި، އިރާން ޓީމު މެކްސިކޯގައި ކޭމްޕް ކުރާ ގޮތަށް ބަދަލުކުރުމެވެ.
އެ ގޮތުން، އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ވޯލްޑް ކަޕްގައި، އިރާންގެ ގައުމީ ފުޓްބޯޅަ ޓީމު ހޯސްޓްކުރާނީ މެކްސިކޯގައި ކަމަށް އެ ގައުމުގެ ރައީސް، ކްލައުޑިއާ ޝެއިންބޯމް ވަނީ އިއުލާނުކުރައްވައިފަ އެވެ.
އިރާން ޓީމުން ކޭމްޕްކޮށްގެން ތިބި ޓިޖުއާނާ ސަރަހަައްދަށް ގޮސް އެތަނުގެ ކަންކަން ބެލުމަށް ފަހު، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި، ޕަސަންދީދޭ ވިދާޅުވީ، ވޯލްޑް ކަޕްގައި ކުޅެން ބޭނުންވާ ވިސާ ފަދަ މުހިންމު ކަންކަން އަދިވެސް ފުރިހަމަނުވެ އޮތުމަކީ މުބާރާތަށް ތައްޔާރުވާން އިރާނުން ކުރާ މަސައްކަތަށް އޮތް ނުތަނަވަސްކަމެއް ކަަމަށެވެ.
ފީފާ ވޯލްޑް ކަޕުގައި އިރާން އޮތީ ގްރޫޕް ޖީ ގަ އެވެ. އިރާނުގެ ހުރިހާ މެޗުތަކެއް ވެސް ކުޅެން ހަމަޖެހިފައި އޮތީ އެމެރިކާގަ އެވެ. އިރާނާއެކު އެ ގްރޫޕުގައި ދެން އޮތީ ބެލްޖިއަމް، އިޖިޕްޓް އަދި ނިއުޒީލެންޑެވެ. އިރާން ކުޅޭ ފުރަތަަމަ ދެ މެޗު އޮތީ ލޮސް އެންޖެލްސްގައި، ނިއު ޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ޖޫން 15 އާއި 21 ގަ އެވެ. އަދި، މިސްރާ ދެކޮޅަށް ކުޅެން އޮތް މެޗު، ޖޫން 26 ގައި ކުޅޭނީ ސިއޭޓަލްގަ އެވެ.
ޕަސަންދީދޭ ވިދާޅުވީ، އިރާނުން ހާއްސަ ހާލަތެއްގެ ތެރޭގަައި ތިބެ ވެސް ވޯލްޑް ކަޕްގައި ކުޅެން އެއްބަސްވީ ފީފާ އިން ވަރަށް ބައިވަރު ކަންކަމަށް ޔަގީންކަން ދިނުމުން ކަމަށާއި އެހެން ނަމަވެސް އެއްބަސްވި ގޮތަށް ބައެއް ކަންކަމުގައި އަމަލީ ސިފަ ޖެހުމުގައި ލަސްތަކެއް އައުމަކީ ދެރަ ކަމެއް ކަމަށެވެ.
އިރާނުން ވޯލްޑް ކަޕްގައި ކުޅެން އެމެރިކާ އަށް ދާން ކަނޑައެޅި ގިނަ ޝަރުތުތަކާ މެދު އެމެރިކާ އިން ހިތްހަމަނުޖެހުނެވެ.
އެ ގޮތުން މައިގަނޑު ފުރަތަމަ ޝަރުތަކީ، އިރާނުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ޓީމުގެ ސްޓާފުން ހިމެނޭހެން އެންމެނަށް ވިސާ ހަމަޖައްސައިދޭއިރު، އޭގެ ތެރޭގައި އިސްލާމިކް ރިވުލޫޝަނަރީ ގާޑް (އައިއާރްޖީސީ)އާ ގުޅުން އޮންނަ ފަރާތެއް ހިމެނުނަސް އެކަން ފުރިހަމަކޮށްދޭން ޖެހޭނެ އެވެ. ދެން، ކަނޑައަޅާފައިވާ ޝަރުތުތަކަކީ، އިރާނުގެ ޑެލިގޭޝަނަށް ފުރިހަމަ އިހުތިރާމް އަދާކުރުމާއި އިރާނަށް މަލާމަތް ރައްދުވާނެ ފަދަ ކަމެއް ނުކުރުމާއި އިރާންގެ ގައުމީ ސަލާމް މެޗުތަކުގައި ރަނގަޅަށް ޖެހުމާއި ހުރިހާ ވަގުތެއްގައި ފުރިހަމަ ސެކިއުރިޓީގެ އިންތިޒާމް ހަމަޖައްސައިދިނުމާއި އިރާނުގެ ސަރުކާރުން ގަބޫލުކުރާ އެ ގައުމުގެ ދިދަ ދަނޑަށް ވެއްދުމަށް އިންތިޒާމް ހަމަޖެއްސުމާއި ސިޔާސީ ހަމަނުޖެހުމުގެ ޝުއޫރުތައް މަނާކުރުމާއި އިރާނުގެ މިލިޓަރީގެ އިހުތިރާމް ގެއްލޭ ކަންކަމަށް ފުރުސަތު ނުދިނުމާއި ނޫސްވެރިން ސުވާލުކުރާއިރު ފުޓްބޯޅައިން ބޭރުގެ ކަންކަމަށް ފުރުސަތު ނުދިނުމާއި އިރާނު ރަމްޒުކޮށްދިނުމުގައި ރަސްމީ އުސޫލުތަކުގެ ތެރެއިން ކަންކަން ހަމަޖެއްސުން ހިމެނެ އެވެ.
ވޯލްޑް ކަޕްގައި ކުޅެން އިރާން ޓީމަށް އަދި އެމެރިކާ ވިސާ ހަމައެއްނުޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ