ގައުމީ ބޭންކް، ބީއެމްއެލްގެ ތެރެއިން، އިދިކޮޅުގެ އެމްޑީޕީއާ ގުޅިގެން މާލީ ބަގާވާތެއް ގެންނަން އުޅުނުކަމަށް ތުހުމަތުކޮށް ފުލުހުން ބަލަން ފެށި މައްސަލަ ފައިލްކޮށްފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި އާ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް 25 އޮގަސްޓު 2024ގައި ނިންމި އެވެ. އެ ދުވަހު ހެނދުނު ނިންމި ނިންމުން ހަމަ އެ ދުވަހުގެ ހަވީރު ބޭންކުން ބަދަލުކުރީ މަރުކަޒީ ބޭންކް އެމްއެމްއޭއިން ބީއެމްއެލްއަށް ބޭރު ފައިސާ ހޯދުމުގައި އެހީތެރިކަން ދޭ ގޮތަށެވެ.
ބީއެމްއެލްގެ އެ ފިޔަވަޅަކީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އަޑީގައި އޮވެގެން ރާއްޖޭގައި މާލީ ބަގާވާތެއް ހިންގަން ކުރި މަސައްކަތެއް ކަމަށް ތުހުމަތުކޮށް އެ މައްސަލަ ފުލުހުން އޭރު ބަލަން ފެށި އެވެ. އެގޮތަށް ތުހުމަތުކުރައްވާ ރައީސް މުހައްމަދު މުއިއްޒު ވެސް އޭރު ވިދާޅުވީ އެކަންކުރި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ތަފްސީލް - އެ މައްސަލަ މިހާރު އޮތް ހިސާބެއް ހޯދަން އާންމުންގެ މީހަކު މިދިޔަ މަހު، ފުލުހުންނަށް ހުށަހެޅި އާރްޓީއައިއަކަށް ދިން ޖަވާބުގައި ވާގޮތުން، އެ މައްސަލަ މިހާރު ވަނީ ފައިލްކޮށްފަ އެވެ.
"މި ހިދުމަތުގެ ރިކޯޑުތަކުން ދައްކާ ގޮތުން، 2024 ވަނަ އަހަރު ބީއެމްއެލްގެ ނިންމުމަކާ ގުޅިގެން އުފެދުނު ކަންތައްތަކާ އެކު ކުރެވުނު ތުހުމަތުތައް ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ފަދަ ހާލަތެއް ނެތުމާ އެކު އެކަމަކީ ކޯލޯސްކޮށް ނިންމާފައި އޮތް ކަމެކެވެ،" އާރްޓީއައިއަށް ދިން ޖަވާބުގައިވެ އެވެ.
މި ޖަވާބު ފުލުހުން ފޮނުވާފައިވަނީ މި މަހުގެ 8ގަ އެވެ. އެ މައްސަލަ ފައިލުކުރީ ކޮން އިރަކުތޯ ފުލުހުންނާއި 'ދައުރު'ން ސުވާލުކުރުމުން ވަކި ޖަވާބެއްދީފައެއް ނުވެ އެވެ.
އިދިކޮޅުން މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށް ބުނި މައްސަލަ ފައިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ