މާލެ ސަރަޙައްދުން ބޭރުން ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު ސްކީމްތަކެއް އިފްތިތާޙްކުރުމަށް ތައްޔާރުވަމުންދާކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިސްކީމްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިފްތިތާޙްކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
މާލެ ސަރަޙައްދަށް ގިނަ ބަޔަކު ބަދަލުވަމުންދާ ސަބަބުތަކުގެ ތެރޭގައި އެކަށީގެންވާ ދިރިއުޅުމަކަށް ބޭނުންވާ ބޯހިޔާވަހިކަން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުން ލިބެން ނެތުން ހިމެނެއެވެ. އެހެންކަމުން ރަށުގައި ތިބެން އެދޭ ފަރާތްތަކަށް އެކަން ފަހިކޮށްދިނުމަށްޓަކައި ރަށްރަށުގައި ބޯހިޔާވަހިކަމުގެ ސްކީމްތައް ހިންގުމަށް ސަރުކާރުން އިސްކަންދެއްވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މާލެ ސަރަޙައްދުން ބޭރުން ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިފްތިތާޙްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ނާޒިމް ވިދާޅުވީ މިމަޝްރޫޢުތައް ހިންގުމަށް ވިސްނަމުންދަނީ 2 މޮޑެލްއަކަށް ކަމަށެވެ. އެގޮތުން އަގުހެޔޮކޮށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެހެން ތަރައްޤީކުރާ އެފޯޑަބަލް ހައުސިންގއާއި މާލީ އިދާރާތަކުގެ ފައިނޭންސިންއަށް ކުރިމަތިލެވޭނެ ނިޒާމެއް ޤާއިމުކޮށް އަމިއްލަ ގޯތީގައި ގެދޮރުބިނާކުރުމުގެ ސްކީމްތަކެއް މީގެތެރޭގައި ހިމެނޭކަމަށް ވިދާޅުވިއެވެ. މިއާއެކު ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާ ފެންވަރުގެ ހައުސިންގއަށް ކުރިމަތިލުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.
"މިދެމަޝްރޫޢަކީ މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން ރަށްރަށުގައި ކުރިއަށްގެންދިޔުމަށް ރާވާފައިވާ މަޝްރޫޢުތަކަކީ. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެދެމަޝްރޫޢު އަޅުގަނޑުމެނަށް އިފްތިތާޙްކުރެވިގެންދާނެ." ނާޒިމް ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިއާއެކު ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގަންނަވާފައިވާ ފަދައިން މިދައުރުގެ ތެރޭގައި ވަރަށް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ. ސަރުކާރުން ރަށްރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެފޯޑަބަލް ހައުސިންގެ މައިގަނޑު ބޭނުމަކީ ރިސޯޓުތަކަށް ވަޒީފާގައި އުޅޭ ފަރާތްތަކަށްވެސް މަސައްކަތްކުރާ ސަރައްޙައްދުގައި ޢައިލާއެއް ބިނާކޮށް ގެދޮރުވެރިކަން ފަސޭހައިން ލިބެން ހުންނާނެކަން ކަށަވަރުކުރުމަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ހަމައެއާއެކު ގެދޮރުވެރިކަން ފަހިކޮށްގެން ރަށްރަށުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދީ މާލެ ސަރަޙައްދަށް ބަރޯސާވުމުގެ ބަދަލުގައި، އަރބަން ސެންޓަރުތަކެއް ތަރައްޤިކުރުމަށް ސަރުކާރުން ނިންމަވާފައިވާ ސަރަޙައްދުތަކަށްވެސް ރައްޔިތުންނަށް ބަދަލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރަށްރަށުގައި ކުރިން ފަށާފައި ހުރި އެހެންނަމަވެސް ހުއްޓިފައިވާ މަޝްރޫޢުތަކާއި، ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް މާލީ ދަތިކަން ކުރިމަތިވެފައިވާ ރައްޔިތުންނަށް އެމަގުފަހިކުރުމަށް އަންނަނީ މަޝްރޫއެއް ހިންގަމުންނެވެ. މިމަޝްރޫޢަށް ހުޅުވާލުމުން 43 ރަށަކުންވަނީ ކުރިމަތިލާފައެވެ.
ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ