ސިޔާސީ ހަރަކާތްތަކަށް ހަމަލާއައުން އެކަށީގެންވޭ؛ ސެކިއުރިޓީ ކަނޑާލުން އެއީ ސިޔާސީ މަންފާއަށް ކުރާ ކަމެއް ނޫން: ނަޝީދު

ސިޔާސީ ހަރަކާތްތަކަށް ޓެރެރިސްޓު ހަމަލާތައް އައުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށާއި، އެމްއެންޑީއެފުން ފޯރުކޮށްދޭ ސަލާމަތާއި ރައްކާތެރިކަމަކީ ސިޔާސީ މަންފާއަށްޓަކައި އުނިކުރަންޖެހޭ ބާވަތުގެ ކަންކަން ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ސިޔާސީ އެއްވުންތަކަށް ހަމަލާއެއް އައުމުގެ ފުރުސަތު މިހާރުވެސް އޮތީ ވަރަށް ގާތްކޮށް ކަމަށެވެ.
ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ހަރަކާތްތަކަށް ސަލާމަތީ ބާރުތަކުން ދޭ ރައްކާތެރިކަން އުނިކުރުމަކީ މުޅި ރާއްޖޭގެ ސަލާމަތަށް ލިބޭނެ ވަރަށް ބޮޑު އުނިކަމެކެވެ. އެމަނިކުފާނު ވިދާޅުވީ ހަމަލާއެއް އަމާޒުވާ ހިނދު އޭގެ ގެއްލުން ލިބެނީ ހަމައެކަނި ސިޔާސީ ލީޑަރަށް ނޫން ކަމަށާއި، އެ ހަމަލާތަކުގެ ޝިކާރައަކަށްވެ ޒަހަމްވަނީ ނުވަތަ މަރުވަނީ އެ ލީޑަރެއްގެ ވަށައިގެން ތިބޭ އާންމު ރައްޔިތުން ކަމަށެވެ.
”ސިޔާސީ ބޭނުމަކަށް ނުވަތަ ސިޔާސީ ވިސްނުމަކަށް ކުރާ ބާވަތުގެ ކަމެއް ނޫން މިއީ. އެއްގޮތަކަށްވެސް ކުރަން ރަނގަޅު ކަމެއް ނޫން މިއީ،“ ސެކިއުރިޓީ އުނިކުރުމާ ގުޅޭގޮތުން ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމްއެންޑީއެފަކީ ގާނޫނީ ވާޖިބުތައް އަދާކުރާ މުއައްސަސާއަކަށް ވާއިރު، މިފަދަ ނިންމުމަކަށް އެ މުއައްސަސާއިން އެއްބަސްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ، ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ނުދޭގޮތަށް އުސޫލު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ނިންމުމާ ގުޅިގެންނެވެ. މި އިސްލާހު ކޮމިޓީއަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
ކޮމިޓީގެ މި ނިންމުމަށް ޕީއެންސީގެ މެންބަރުންގެ އަޣުލަބިއްޔަތުން ތާއީދުކޮށްފައިވާއިރު، ތިން މެންބަރަކު ވަނީ މި ނިންމުމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. އެއީ އެމްޑީޕީގެ އަބްދުލްގަފޫރު މޫސާ އާއި، އެމްއެންޕީގެ މުހައްމަދު ނާޒިމްގެ އިތުރުން އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އަންގާރަ ދުވަހު ބޭއްވި މި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފައި އޮތުމުން، މި ބަދަލު ގެންނަން ނިންމި ސީދާ ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ