ލިވަޕޫލް ބަލިކޮށް ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އާއި ދެކޮޅަށް މެންޗެސްޓާރ ޔުނައިޓެޑް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގެ ކުރިން އެ ޓީމުގެ ކުރީގެ ކޯޗު ސަރ އެލެކްސް ފަރގަސަންގެ ހާލު ދެރަވެގެން ސްޓޭޑިއަމް އިން ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
74 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ހަވަނަ މިނިޓުގައި ޔުނައިޓެޑްގެ މެތިއުސް ކޫނިޔާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ 8 މިނިޓު ފަހުން ބެންޖަމިން ސެސްކޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލް އިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ރަގަޅުކޮށްފަ އެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ޑޮމިނިކް ސޮބޮޒްލާއީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.
ލިވަޕޫލް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 56 ވަނަ މިނިޓުގައި ކޯޑީ ގެކްޕޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެންޗެސްޓަރ ޔުނައިޓެޑް އިން މި މެޗުގައި ތިން ޕޮއިންޓް ކަށަވަރުކޮށްފައިވަނީ މެޗުގެ 77 ވަނަ މިނިޓުގައި ކޯބީ މައިނޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ނަތީޖާ އާއިއެކު މެންޗެސްޓަރ ޔުނައިޓެޑަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 35 މެޗުން ޖުމްލަ 64 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. ލިވަޕޫލް އަށް ލިބިފައިވާ 58 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ.
ލީގުގައި ބާކީ ތިން މެޗު އޮތްއިރު މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައިވާ 64 ޕޮއިންޓާއެކު އެ ޓީމަށް ވަނީ ކުރިއަށް އޮތް ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ފުރަތަމަ ފަހަރަށް ކަށަވަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ