ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަކީ އެއްމެ މަތީ އެއް މަސްލަހަތު: ރައީސް

ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަމުން އަންނަ އެންމެ މަތީ އެއް މަޞްލަޙަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައިފޮނުއްވި ޚިތާބުގައިއެވެ.
ދިވެހި ނޫސްވެރިންނަށް ޤާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދޭނެ ކަމުގެ ޔަޤީންކަން މިއަދުވެސް އަރުވާކަމަށްވެސް މި ޚިތާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، މީޑިއާތަކަށް ދުވަހަކުވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން މިއަންނަނީ ދެމުން ކަމަށާއި، އެގޮތުން، ދިވެހި މީޑިއާތައް ހިންގާނެ ވަކި ތަނެއް ނުވަތަ މީޑިއާ ވިލެޖެއް ތަރައްޤީ ކުރުމަށާއި، މީޑިއާތަކުގެ މާލީ މިނިވަންކަން ކަށަވަރުކުރާނެ މަގު ފަހިކޮށްދިނުމަށް، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް، ދެފުށް ފެންނަ ވަކިއުސޫލެއްގެ ތެރެއިން ދޭން ނިންމި ނިންމުމަކީވެސް މި ސަރުކާރުން މީޑިއާތަކަށްދޭ ސަމާލުކަން ފެންނަމުންދާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ، ދިވެހި މީޑިއާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް އަރިސްކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ