މި ހަފުތާގެ ގިޓަރިސްޓް: ޝަހީދު ލެގަސީ

ހަފުތާއަކު ގިޓަރިސްޓެއް ގެނެސްދޭ މި ސިލްސިލާގެ ފުރަތަމަ ހޮވުމަކީ މެޓަލް ބޭންޑް، ސެކްރެޑް ލެގަސީގެ ފައުންޑާ އަދި ލީޑް ގިޓަރިސްޓް ޝަހީދު އެވެ.
ޝަހީދަކީ ވަރަށް ވެސް އާދަޔާހިލާފު ޕްރޮޑަކްޓެކެވެ. ދީނީ މަދަރުސާއަކުން ކިޔަވައިގެން މިއުޒީޝަނެއްގެ ގޮތުގައި ފައްކާވި އެހެން ދިވެއްސެއްގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟ ޝަހީދުގެ ވާހަކަ ފެށެނީ މިހެންނެވެ.
ޝަހީދަކީ އަރަބިއްޔާ އާއި މައުހަދުން ތައުލީމު ހާސިލުކުރި ދަރިވަރެކެވެ. މިއުޒިކަށް ތައާރަފްވެ އޭގެ ތެރެއަށް އޭނާ ދަމައިގަތީ ގްރޭޑް ހަތެއްގައި އުޅެނިކޮށް ދިމާވި ރައްޓެއްސަކާ ޖެހިގެންނެވެ. އެއީ ހިޔަނި ބޭންޑްގެ ގިޓަރިސްޓް، މައުރޫފު އެވެ.
"އޭރު އަމިއްލަ ގިޓައެއް ވެސް ނުހުންނާނެ. ދެން ގިޓާ ކުޅެން ދާނީ ވެސް އޭނަގެ ގެއަށް،" މިއުޒިކަށް ތައާރަފްކޮށްދިން ކްލާސްމޭޓުގެ ވާހަކަ ދައްކަމުން ޝަހީދު ބުންޏެވެ.
އެންމެ ފުރަތަމަ ވެސް އޭނާ ޝައުގުވެރިވީ މެޓަލް މިއުޒިކަށެވެ. އަދި ދަސްކުރަން ބޭނުންވި ފުރަތަމަ އިންސްޓްރުމެންޓަކަށްވީ ގިޓަ އެވެ. އޭނާ ފެށީ އިލެކްޓްރިކް ގިޓައިންނެވެ. އޭރު އޭނާ އަށް 14-15 އަހަރެވެ.
މެޓަލިކާ އާއި އަޔަން މެއިޑެން އާއި މެގަޑެތާއި ޑްރީމް ތިއޭޓާ ފަދަ ބޭންޑްތަކުގެ ސޯލޯ އާއި ލަވަތަކުންނެވެ.
"ގިޓާގެ ހުނަރު އިތުރަށް ދަސްކުރަން އަޅުގަނޑު ޝައުގުވެރިވީ (ސްވިޑެންގެ ގިޓަރިސްޓް އިންގްވޭއި) މަލްމްސްޓީންގެ ހުނަރުވެރިކަން ފެނުނު ހިސާބުން،" ޝަހީދު ބުންޏެވެ.
އޭނާ ބުނީ މަލްމްސްޓީން ކަހަލަ ސޯލޯ ގިޓަރިސްޓުން އެނގެން ފެށުމުން އޭނާ ވެސް ބޭނުންވީ އެފަދަ ސޯލޯ ގިޓަރިސްޓަކަށް ވުމަށެވެ.
ކިޔެވުން ނިންމާލާފައި އާދައިގެ އެކި ވަޒީފާތަކުގައި އުޅުމަށް ފަހު ގިޓައެއްގެ މިލްކުވެރިޔަކަށް އޭނާ އަށް ވެވުނީ 2004 ވަނަ އަހަރު އެވެ. އެއީ ސެމިކް ބްރޭންޑްގެ އިލެކްޓްރިކް ގިޓައެކެވެ.
"އިލެކްޓްރިކް ގިޓައެއް ގަތީ އެއީ އެންމެ ފުރަތަމަ ކުޅުނީ ވެސް އިލެކްޓްރިކް ގިޓައެއް ކަމަށްވާތީ. ދެން މި އާ ގިޓާ ލިބިގެން އޭރު އަބަދު އިންނާނީ ކޮމްޕިއުޓަރު ކައިރީގައި ކޮންމެވެސް އަމިއްލަ އެއްޗެއް އުފެއްދުމުގެ މަސައްކަތުގައި،" އަލަށް ލިބުނު ގިޓާގެ ވާހަކަ ކިޔައިދެމުން ޝަހީދު ބުންޏެވެ.
އަމިއްލަ ގިޓައިން އޭނާ ކުޅެން ފެށީ އޭނާގެ އަމިއްލަ ރާގުތަކެވެ. އެގޮތުން ހެދި ފުރަތަމަ ލަވަ އަކީ "އިންފިނިޓީ" އެވެ. މިއީ އޭނާ އާއި އޭނާގެ ބޭންޑް ސެކްރެޑް ލެގަސީގެ އެންމެ މަޝްހޫރު ލަވަ އެވެ.
އަންނަ އަހަރު ނެރެން މަސައްކަތްކުރަމުން އަންނަ "ޖެނެރޭޝަން އޮފް ކޭއޮސް" އަކީ އޭނާގެ ބޭންޑްގެ ދަށުން ނެރޭ އާ އަލްބަމެވެ. "ތުރޫ ދި އޭޝަސް" ވެގެން ދާނީ ޝަހީދުގެ އާ ސޯލޯ އަލްބަމަށެވެ.
ބޭންޑްގެ ފުރަތަމަ އަލްބަމަކީ 2007 ވަނަ އަހަރު ނެރުނު "އެޕޮކެލިޕްސް" އެވެ. އެއަށް ފަހު 2008ގައި ނެރުނީ "އަންޑައިއިން ހާޓް" އެވެ.
އެ އަލްބަމަށް ފަހު މަސައްކަތް ފެށީ "ސެކްރެޑް ލެގަސީ" ބޭރުގެ ޕްރޮފެޝަނަލް ލޭބަލެއްގެ ދަށަށް ގެންދިއުމުގެ މަސައްކަތެވެ. އީސްޓް ޖާމަނީގެ މަޝްހޫރު ލޭބަލެއް ކަމަށްވާ އެޗްޓީއެފް ރިކޯޑްސް އަށް އޭނާގެ ބޭންޑް ސޮއިކުރީ 2011 ވަނަ އަހަރު ޖަރުމަނަށް ގޮސްގެންނެވެ.
ޝަހީދު ބުނީ ކޮންމެހެން ލޭބަލެއް ހޯދުމަކީ މިހާރު މާ މުހިންމު ކަމެއް ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ.
"މަސައްކަތްކުރާ ނަމަ ކުރިއަށް ދެވޭނެ. މިހާ ބޮޑަށް ހުޅުވިފައި އޮތް ޒަމާނެއްގައި ކޮންމެހެން ނުޖެހޭ މަޝްހޫރުވާން ލޭބަލެއް ހޯދާކަށް. ލަވަތައް މެޓަލް ބްލޮގްތަކާއި މެގަޒިންތަކަށް އޮންލައިންކޮށް ފޮނުވައިގެން ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދިދާނެ މިހާރު،" ޝަހީދު ބުންޏެވެ.
އޭނާ އަކީ ރާއްޖޭގެ އެހެން މިއުޒީޝަނުންނާ ހިލާފަށް ރިސޯޓް މިއުޒިކާ ވެސް ދުރު ފަންނާނެކެވެ.
"އެއްވެސް އިރެއްގައި ރިސޯޓް މިއުޒިކެއް ނުކުޅެން. އެނގޭ އެއީ ގުޑް މަނީކަން ރިސޯޓްތަކުގައި ކުޅުމަކީ، އެކަމަކު ވެސް ބޮޑަށް ބޭނުންވީ އެހެން މިއުޒިކެއް ނުކުޅެ މެޓަލް ކެރިއަރެއް ފައްކާކުރަން. ރިސޯޓަށް ނުދާ އެންމެ ބޮޑު ސަބަބަކީ އެކަމަށް ދޭން ޖެހޭ ވަގުތު ވެސް ބޮޑުވީމަ،" ޝަހީދު ބުނީ މިހެންނެވެ.
އޭނާ ބުނީ ސޯލޯ ގިޓަރިސްޓެއްގެ ގޮތުގައި ކުރިއަރައިގެން ދިއުމަކީ ދެކުނު ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. އޭނާ ބުނަނީ އެ ހުވަފެން މިއަދު ހަގީގަތަކަށް ވެފައިވާ ކަމަށެވެ.
ޔަގީނުން ވެސް އޭނާ އަކީ ރާއްޖޭގައި މި ވަގުތު ތިބި އެންމެ ކުޅަދާނަ ގިޓަރިސްޓުންގެ ތެރޭގައި ހިމެނޭ ފަންނުވެރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ