ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގައި ބައިވެރިވުމަށް މިހާތަނަށް 300އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. މިދިޔަ އަހަރުގެ އެކްސްޕޯގައި ބައިވެރިވީ 240 ފަރާތުންނެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ޑިޖިޓަލް އުފެއްދުންތެރިންގެ އިތުރުން އައު އީޖާދުތައް ކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލުމަށް ބާއްވާ މަޢުރަޒެކެވެ.
ބީސީސީން ވިދާޅުވީ، މިއަހަރުގެ މައުރަޒަށް މިހާތަނަށް 300 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާ ކަމަށެވެ. މިއީ، މިދިޔަ އަހަރުގެ އެކްސްޕޯގައި ބައިވެރިވި 240 ފަރާތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބީސީސީން ފާހަގަކުރައްވައެވެ.
މި މަޢުރަޒަކީ، ދިވެހި އުފެއްދުންތެރިންގެ ހުނަރު ދައްކާލުމަށް ލިބޭ ބޮޑު ފުރުޞަތަކަށްވާއިރު، އެންމެ ފަހު ވަގުތަށް މަޑުނުކޮށް، ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް ބީސީސީން ވަނީ އިލްތިމާސް ކުރައްވާފައެވެ. މި މަޢުރަޒުގައި ބައިވެރިވުމަށް އެދި expo.mv ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. އަދި ބައިވެރިވުމާ ގުޅޭ އުސޫލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި، ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ލިބޭނެއެވެ.
މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު އުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށާއި، ދިވެހި ވިޔަފާރިތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ތައުލީމީ މުއައްސަސާތަކާއި، ކައުންސިލުތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.
މިއަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާތީ، ބީސީސީގެ އަމާޒަކީ މިއަހަރުގެ މަޢުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށާއި، މާކެޓު ކުރުމަށް ހުޅުވާލެވޭ އެންމެ ފަހި ފުރުޞަތަށް ހެދުމެވެ.
މިއަހަރުގެ މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، އޮކްޓޫބަރ މަހުގެ 23 އިން 31 އަށެވެ.
އުފެއްދުންތެރިކަމުގެ މައުރަޒަށް މިހާތަނަށް 300 އެޕްލިކޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ