241 ކޮމިޓީން އެދިއްޖެނަމަ ސިޓީ ހާމަކުރާނަން: ސަރުކާރު

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ 241 ކޮމިޓީން އެދިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ހާމަކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ ފަރާތުން ކޮންމެ ބުރާސްފަތި ދުވަހަކު ކުރިއަށްގެންދަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްވަމުން ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ 241 ކޮމިޓީން އެދިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ފޮނުވާނެ ކަމަށާއި އެހެންނަމަވެސް އުސޫލެއްގެ ގޮތުން ބައިނަލްއަގްވާމީ ދޭދޭ ގައުމުތަކުގެ ވެރިންގެ ދެމެދުގައި ބަދަލުކުރާ ސިޓީ އާއި މައުލޫމާތުތައް ހާމަކުރުމަކީ ދުނިޔޭގެ އެއްވެސް ގައުމަކުން ކުރާކަމެއް ނޫން ކަމަށެވެ.
މިއުވާން ވިދާޅުވީ އިޓްލޮސް މައްސަލައިގައި ސަރުކާރުން މަސައްކަތްކޮށްފައިވަނީ ސިއްރިޔާތުގައި ނޫން ކަމަށައި މައްސަލައިގައި ކަންކުރެއްވި ގޮތުގެ ފުރިހަމަ ތަފްސީލް ބަންޑާރަ ނައިބު އޮފީހުގެ ވެބްސައިޓުންނާއި އިޓްލޮސްގެ ވެބްސައިޓުންވެސް ފެންނަން ހުންނާނެ ކަމަށެވެ.
241 ކޮމިޓީން އެދިްޖެނަމަ ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަސް ފޮނުއްވި ސިޓީފުޅު ހާމަކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު ކޮމިޓީ މެދުވެރިކޮށް އެ ސިޓީ ހޯދާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރު ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްވެސް ވަނީ ވިދާޅުވެފައެވެ.
އަސްލަމް ވަނީ ސިޓީ ހޯދުން ލަސްވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވޭތީކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވީ ޗާގޯސް އާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށެވެ.
އިމުގެ މައްސަލަ ނިންމީ އެ ސިޓީއަށް ރިއާއަތްކޮށްގެން ކަމަށާއި ގޯހެއް ނުހަދާނަމަ ސަރުކާރުން ސިޓީ އާއްމުނުކުރެވިގެން އުޅޭއުޅުމާއިމެދު ރައްޔިތުންނާއި ގިނަ ސިޔާސީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ