އާބިޓްރޭޝަނަށް ފަހު ވެންޓިލޭޓަރުގެ ފައިސާ ލިބޭނެ ކަމުގެ އުއްމީދު އެބައޮތް: އަމީރު

ކޮވިޑް-19އާ ގުޅިގެން ވެންޓިލޭޓަރުތައް ގަންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއަށް ދޫކުރި 31 މިލިއަން ރުފިޔާ، އާބިޓްރޭޝަނަށް ފަހު އަނބުރާ ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވީ ދުބާއީގެ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުމުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަން މިހާރު ވަނީ އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާފައި ކަމަށެވެ. އުއްމީދަކީ އާބިޓްރޭޝަނުން ސަރުކާރާ އެއްކޮޅަށް ނިމި އެ ކުންފުނީގެ އަތުން ފައިސާ އަނބުރާ ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވަަރަށް އުއްމީދު އެބައޮތް، އާބިޓްރޭޝަނުން މައްސަލަ އަޅުގަނޑުމެންނާ އެއްކޮޅަށް ނިމޭނެ ކަމަށް،" އަމީރު ވިދާޅުވި އެވެ.
ކޮވިޑުގެ ފަރުވާއަށް 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރީ ކުންފުންޏާ ބެހޭ ތަފްސީލެއް ނުހޯދައި ކަން އޮޑިޓް އޮފީހުގެ ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެ އެވެ.
ވެންޓިލޭޓަރުތައް ނުލިބި މައްސަލަ ބޮޑުވުމުން، ތަހުގީގަށް އޮޑިޓް އޮފީހާއި އޭސީސީން އޭރު ހޯދި މައުލޫމާތުން ކަށަވަރުވީ ވެންޓިލޭޓަރު ފަދަ ސިއްހީ ސާމާނު ވިއްކުމުގެ ގާބިލް ކަމެއް އެގްޒެކިއުޓާސް ކުންފުނީގައި ނެތް ކަމެވެ.
Ventilator hoadhan 34 million dheegen alhaaves nulai, Executors in viyafaari fulhaakuranee!
The most trusted news source in the Maldives
Mihaaru
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައިވާ ވެންޓިލޭޓަރު މައްސަލާގައި ދައުލަތަށް އަނބުރާ ފައިސާ ލިބޭނެ ކަމުގެ އުއްމީދު އަމީރު އާ ކޮށްދެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްގެ ސުވާލުތަކާ ގުޅިގެންނެވެ.
އަފީފް ސުވާލު ކުރެއްވީ ވެންޓިލޭޓަރު ހޯދުމުގެ ނަމުގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއަށް 31 މިލިއަން ރުފިޔާ މާލިއްޔަތު ގަވާއިދާ ޚިލާފަށް ދޫކުރެއްވި ސަބަބު ހޯއްދެވުމަށެވެ. އެޑްވާންސް ގެރެންޓީއަކާ ނުލައި އަދި އެ ކުންފުންޏަކީ ވެންޓިލޭޓަރުތައް ހޯދުމުގައި ގާބިލް ކުންފުންޏެއްތޯ ނުބަލައި ފައިސާ ދޫކުރުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފު އަމަލެއް ހިންގާފައިވާ ނަމަ އެ ފަރާތްތަކަކަށް އެޅި ފިޔަވަޅާ ގުޅޭ ގޮތުން ވެސް ސުވާލު ކުރެއްވި އެވެ.
އަފީފް މަޖިލީހުގައި އަމީރުއާ ސުވާލު ކުރައްވަނީ. -- ފޮޓޯ | މިހާރު
މިނިސްޓަރު އަމީރު ވިދާޅުވީ ވެންޓިލޭޓަރު ގަތުމުގައި މާލިއްޔަތު ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިންގާފައިވޭތޯ ތަހުގީގީ އިދާރާތަކުން ބަލާފައިވާ އިރު ފިނޭންސް މިނިސްޓްރީގެ ގޯހެއް ފެންނަން ނެތް ކަމަށެވެ. އެއްވެސް ރިޕޯޓެއްގައި ވެސް ފިނޭންސުން މާލިއްޔަތު ގަވާއިދާ ޚިލާފު އަމަލެއް ހިންގި ކަމަކަށް ބަޔާންކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ ވެންޓިލޭޓަރު މައްސަލައާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ފިނޭންސް މިނިސްޓްރީން އެއްވެސް ކަމެއް ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަން ބަޔާންކޮށްފައި ނުވާ ކަމަށް އަމީރު ވިދާޅުވި އެވެ.
"މިކަމާ ގުޅިގެން އޭސީސީން މި މިނިސްޓްރީން އަންގާފައިވާ އެންގުމަށް ބަލާއިރު ޕްރޮކިއުމަންޓްގެ ނިޒާމް އިތުރަށް ހަރުދަނާކުރަން އަންގާފައިވާ ކަންކަން އަޅުގަނޑުމެން މިހާރު ވަނީ އިތުރަށް ފުރިހަމަކޮށްފައި،" އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މައްސަލަ ބެލިއިރު ވެސް ފިނޭންސް މިނިސްޓްރީން އަމަލުކުރި ގޮތް ވަރަށް ތަފްސީލުކޮށްދެއްވައިފަ އެވެ. އަދި ވެންޓިލޭޓަރު މައްސަލާގައި ތަހުގީގީ އިދާރާއަކުން ފިނޭންސްގެ އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު އަޅަން އަންގާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާކުރަން، އަމީރު ވިދާޅުވި ގޮތުގައި، ހަރުދަނާ ފިޔަވަޅުތަކެއް ވެންޓިލޭޓަރު މައްސަލަ ފެންމަތިވުމުން ވާނީ އަޅައިފަ އެވެ. އޭގެ ތެރޭގައި މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސްފައިވާ ކަން ފާހަގަކުރެއްވި އެވެ.
ވެންޓިލޭޓަރުގެ ފައިސާ އެގްޒެކިއުޓާސްގެ ކުންފުނީގެ އެކައުންޓަށް ދޫކުރަން މިނިސްޓަރު އެންގެވީ، އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރަން އުޅުމުން ފިނޭންސް މިނިސްޓްރީގެ ސިސްޓަމުން ރިޖެކްޓްކުރުމުންތޯ އަފީފް ސުވާލު ކުރެއްވި އެވެ.
Ventilator ebbasvun baathil koh faisaa hoadhan Health ah vanee angaafai
The most trusted news source in the Maldives
Mihaaru
މި ސުވާލުގެ ޖަވާބުގައި ވެސް މިނިސްޓަރު ތަކުރާރު ކުރެއްވީ ފިނޭންސް މިނިސްޓްރީގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް އޮތް ކަމަށް އެއްވެސް އިދާރާއަކުން އަންގާފައި ނުވުމެވެ. އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރަން އުޅުނުތޯ ކުރެއްވި ސުވާލަށް ވިދާޅުވީ "އިއްޒަތްތެރި މެމްބަރު ތި ވިދާޅުވި ކަންތައްތަކަކީ އަޅުގަނޑު ދެނެހުރި ކަންތައްތަކެއް ނޫން" ކަމަށެވެ.
ފައިސާ ދޫކުރީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު އެއްސެވުމުން އަމީރު ވިދާޅުވީ އާބިޓްރޭޝަންގައި މައްސަލަ އޮތުމުން އެހާ ތަފްސީލު މައުލޫމާތު ދެއްވެން ނެތް ކަމަށެވެ.
އެ ޖަވާބުގައި ހިފަހައްޓަވަނީ، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ވެސް ލަފައާ އެކުގައި ކަމަށް އަމީރު ވިދާޅުވުމުން ބައެއް މެމްބަރުން ހިތްހަމަނުޖެހުންފާޅުކުރެއްވި އެވެ.
އާބިޓްރޭޝަންގައި މައްސަލަ އޮތުމުން މަޖިލީހުގައި މެމްބަރަކު ކުރާ ސުވާލަކަށް ޖަވާބު ދެއްވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވުމަކީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވި ގޮތުގައި އުސޫލީ މައްސަލައެކެވެ.
ކޮވިޑު ނިމި، ވެންޓިލޭޓަރާއި ފައިސާ ނުލިބި ވެރިކަމުގެ މި ދައުރު ނިމޭއިރު މި މައްސަލައަކީ ދައުލަތުގެ ފެއިލިއާއެއް ކަަމަށް ދެކެވަޑައިނުގަންނަވަންތޯ އިންތި ސުވާލު އުފެއްދެވި އެވެ. އޭނާގެ އަނެއް ސުވާލަކީ އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން އުޅުނު މައްސަލަ ފިނޭންސް މިނިސްޓްރިއަށް ފެންމަތިވުމުން ވެސް ކުންފުނީގެ ޑިއު ޑެލިޖެންސެއް ނުހަދައި ފައިސާ ދޫކުރީ ކީއްވެތޯ އެވެ.
އިންތިގެ ސުވާލާ ގުޅިގެން ވެސް އަމީރު ވިދާޅުވީ ފިނޭންސްގެ ގޯހެއް ވެންޓިލޭޓަރު މައްސަލާގައި ފާހަގަކޮށްފައި ނެތް ކަމަށެވެ.
މަޖިލީހުގައި އަމީރު ވާހަކަ ދައްކަވަނީ: މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ވެންޓިލޭޓަރުތައް ހޯދުމުގައި އެ މިނިސްޓްރީގެ ގޯހެއް އެއްވެސް އިދާރާއަކުން ފާހަގަކޮށްފައި ނުވާ ކަމަށް.
އާބިޓްރޭޝަންގައި މައްސަލަ އޮތް ކަން މިނިސްޓަރު ފާހަގަކުރައްވައި ސީދާ ޖަވާބު ދެއްވަން އިންކާރު ކުރައްވާތީ މަޖިލީހުގެ ރައީސް ވިދާޅުވީ އެއީ މަޖިލީހަށް ވަޒީރު ދެއްވަން ޖެހޭ މައުލޫމާތަށް ހުރަސް އެޅޭނެ ސަބަބެއް ނޫން ކަމަށެވެ.
"އާބިޓްރޭޝަނަކީ ޝަރުއީ ކޯޓެއް ކަމަކަށް ކަނޑައެއް ނޭޅޭ. މިތަނުގައި މަޝްވަރާކުރުމާއި ޖަވާބު ދިނުމާއި ސުވާލުކުރުމުން ހުރަސް އެޅެނީ ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކާ ގުޅިގެން. މިތަނުގައި ޖަވާބެއް ދިނުމަށް ސާފުކޮށް ދެންނެވޭނީ ރިޔާސަތަށް،" ނަޝީދު ވިދާޅުވި އެވެ.
އެކަމަކު އިއުތިރާފްގެ ބަޔާނެއް ވަޒީރުގެ ފަރާތުން ހޯއްދެވުމަކީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ނުހައްގުން އަނިޔާދިނުން ފަދަ ކަމަކަށް ވެދާނެ އެވެ.
ތަކުރާރުކޮށް ފައިސާ ދޫކުރަން ހުއްދަ ދެއްވި ސަބަބާ މެދު ސުވާލުކުރައްވާތީ އަމީރު ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގެ ތަފްސީލް މަޖިލީހުގެ ކޮމިޓީއަށް ވަރަށް ތަފްސީލްކޮށް ކުރިން ދެއްވާފައި ވަނިކޮށް މިއަދު ހާޒިރުކޮށް މެމްބަރުން ކުރައްވާ ކަމަކީ "ސިޔާސީ ބޮޑު ހަރަކާތެއްގެ" ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
އެޑްވާންސް ޕޭމަންޓް ދޫކުރަން ހުއްދަ ދެއްވި ކަމަށާއި އެކަމަކު އެއީ ބޭންކް ގެރެންޓީއަކާ ނުލައި ދޫކުރަން ދެއްވި ހުއްދައެއް ނޫން ކަމަށް އަމީރު ވިދާޅުވި އެވެ.
ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާ އަށެވެ. މީގެތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދޫކުރީ ބޭންކް ގެރެންޓީއަކާ ނުލަ އެވެ. މިއީ، މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައިވާ އޮތް ކަމަކަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
ހެލްތު މިނިސްޓްރީއާ ހަވާލާދީ، އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި ޕްރޮޖެކްޓުގެ 90 ޕަސެންޓަށް ވާ ފައިސާ އެޑްވާންސްކޮށް އެގްޒެކިއުޓާސް އަށް ދޫކުރީ އެޑްވާންސް ޕޭމަންޓް ގެރެންޓީ ހޯދަން ވަގުތު ނަގާނެތީ އާއި ވެންޓިލޭޓަރުތައް ވަކި މުއްދަތެއްގެ ތެރޭގައި ރިޒާވްނުކޮށްފި ނަމަ އެ ނުލިބޭނެތީ އެވެ. ވެއާހައުސް ޗާޖުގެ ގޮތުގައި ކޮންމެ ދުވަހަކު 25،000 ޑޮލަރު އެގްޒެކިއުޓާސް އިން ދައްކަން ޖެހޭ ކަމަށް އެ ކުންފުނިން ބުނި ކަމަށް ވެސް އޮޑިޓުގައިވެ އެވެ.
ވެންޓިލޭޓަރު ފަދަ މެޝިންތަކަކީ އެގޮތަށް ގުދަންތަކުގައި ދިގު މުއްދަތަކަށް ސްޓޮކްކޮށްފައި ބަހައްޓާ ތަކެތި ނޫން ކަމަށް ވާތީ އެގްޒެކިއުޓާސް އިން އެހެން ބުންޏަސް އެންމެ ކުޑަމިނުން ގުދަނުގައި އެތަކެތި ހުރިތޯ ކަށަވަރުނުކޮށް ހެލްތުން ފައިސާ ދީފައިވާތީ އޮޑިޓުގައި ވަނީ ސުވާލު އުފައްދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ