ބިލް ބޮޑުވަނީ ސްޓެލްކޯގެ މައްސަލައަކުން ނޫން، ކަރަންޓު ބޭނުންކުރާ ނިސްބަތުން!

އަންދާޒާ ކުރި ވަރަށް ވުރެ ކަރަންޓު ބިލް ބޮޑުވުމާއެކު އާންމުންގެ ނުރުހުން ސްޓެލްކޯއަށް އަމާޒުވެެއްޖެއެވެ. އެހެން މަސް މަހާ އަޅައިބަލާއިރު އިންތިހާ ދަރަޖައަށް އޭޕްރީލް މަހު ކަރަންޓު ހިނގާ މިންވަރު ބޮޑުވުމުން ކަރަންޓުގެ ޚަރަދު އެތައް ގުނައަކުން ބޮޑުވެއެވެ. ގޭގައި ނޫޅުނަސް ކަރަންޓު ބިލު ބޮޑުވަނީ ކަމަށާއި، އެހެން މަސްމަހަށް ވުރެ ދެގުނަ އަދި ތިންގުނައަށް ކަރަންޓު ބިލު ބޮޑުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމުގައި ބުނެ ސޯޝަލްމީޑިއާގައި މީހުން ހިޔާލުފާޅުކޮށްފައިވެއެވެ. "ސަން" އިން މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރާ ދިމާކޮށް ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ އެކުންފުންޏަށް ހުށަހަޅާ ކަމަށެވެ. އެހެން ނަމަވެސް، ކަރަންޓު ބިލުގައި ބިލް ކުރަނީ އާންމުން ކަރަންޓު ބޭނުންކުރާ ނިސްބަތުން ކަމަށް އޭނާ ވިދާޅުވިއެވެ. "ސްޓެލްކޯ އިން ޔަގީންކަން މި ދެނީ އާންމުން ބޭނުން ނުކުރާ ތަކެތިން އަޅުގަނޑުމެން ޗާޖެއް ނުކުރާނެ،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގިނަ މީހުންނަށް ނޭނގޭ ކަމަކީ ގޭގައި ބޭނުންކުރާ ކިތަންމެ ކުދި އިލެކްޓްރިކަލް ތަކެތީގެ ސަބަބުން ވެސް ކަރަންޓު ބޭނުންކުރާ ވަރު އިތުރުވެދާނެ ކަމެވެ. އެގޮތުން ފެން ކައްކަން ބޭނުންކުރާ ޖަގުގެ ސަބަބުން ވެސް ކަރަންޓު ބިލަށް ބޮޑު އަސަރެއް ކުރުމުގެ ފުރުސަތު އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ. "ގެއަކަށް ލިބޭ ކަރަންޓު ބިލެއްގެ ގާތްގަޑަކަށް 40 ޕަސެންޓަކީ ހޫނު އަދި ފިނިކުރާ ތަކެތީގެ ސަބަބުން އަރާ ވަރެއް. މިސާލަކަށް އޭސީތައް،" އޭނާ ވިދާޅުވިއެވެ. ގޭގައި ބޭނުންކުރާ އޭސީތަކަށް އަލިއަޅުވާލަމުން އޭނާ ވިދާޅުވީ މާލޭގެ ގިނަ ގޭގޭ ތަކުގައި، އޭސީތަކުގެ އައުޓްޑޯތައް ހަރުކޮށްފައި ހުންނަނީ ވައި ގޮޅި ތަކުގައި ކަމަށާއި، އޭގެ ސަބަބުން އޭސީ ވައި ރަނގަޅަށް ބޭރުނުވެ، އޭސީތައް ހޫނުވާން މެދުވެރިވާކަމަށެވެ. އަދި އޭގެ ސަބަބުން ކަރަންޓު ހޭދަ ކުރުމުގައި އޭސީ ތަކުން ކުރާ ހޭދަ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބޭނުން ނުކުރާއިރު އެއާކޮންޑިޝަން ނިއްވާލުން ނުވަތަ އޭގެ ބޭނުންކުރާ ވަގުތުތައް ލިމިޓުކުރުމަކީ ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަމެއް -- ސަން ފޮޓޯ "ގިނަ ބޭފުޅުން އޭސީތައް ހަރުކުރާއިރު ވެސް ނުބަލާ އޭސީގެ ބީޓީޔޫއަކަށް. އަސްލު އެކޮޓަރިއަކަށް ނޫނީ އެތަނެއް ބަލާފަ، އެންމެ އެކަށޭނެ އޭސީއެއް އަސްލު އަޅުވަން ވާނީ. މިއީ ވެސް ކަރަންޓު ބޮޑުވާ ކަންކަން،" އޭނާ ވިދާޅުވިއެވެ. އިތުރަށް އޮފިޝަލް ވިދާޅުވީ ގޭގޭގައި މީހުން ނޫޅޭއިރު ވެސް ކަރަންޓު ބިލު އަންނަ ކަމުގެ ޝަކުވާ އެކުންފުންޏަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް ސްޓެލްކޯ އިން އެބަޔަކު ބޭނުން ނުކުރާ ތަކެއްޗަށް ޗާޖު ނުކުރާނެ ކަމުގެ ޔަގީން ކަން އެކުންފުނިން ދޭކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އެބަވޭ މިފަހަރުވެސް ހުށަހަޅާފައި އެފަދަ މައްސަލައެއް. 45 ދުވަސް ވެއްޖެ ކަމަށް ވަނީ އެ ބޭފުޅަކު ރާއްޖެއިން ބޭރުގަ އުޅޭތާ. އެކަމަކު އެގޭގައި އިން ބޯޑުން އަޅުގަނޑުމެންނަށް ކަރަންޓު ޔޫސޭޖް ފެންނަ ނަމަ އެއަށް ޗާޖު ކުރާނެ ދެއްތޯ. އެއީ އެކަން ވީ ގޮތަކީ،" އޭނާ ވިދާޅުވިއެވެ. ބޭނުން ނުކުރާއިރު ބޮކިތައް ނިއްވާލުމަކީ ކަރަންޓު ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަމެއް -- ސަން ފޮޓޯ މިފަހަރު ކަރަންޓު ބިލު ބޮޑުވި ނަމަވެސް، ކަރަންޓުގެ ހޭދަ ކުޑަކުރުމަށް ޢާންމުންނަށް ކުރެވޭނެ ކަންކަން ހުންނާނެއެވެ. އެގޮތުން ހޫނުކުރާ ތަކެއްޗާއި އަދި ފިނިކުރާ ތަކެތި ބޭނުން ކުރާ އިރު، ވީހާ ވެސް ކަރަންޓު އިސްރާފު ނުވާނެ ފަދަ ގޮތަކަށް ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ. މިސާލަކަށް ކޮންމެ ދުވަހަކު އިސްތިރި ކުރުމުގެ ބަދަލުގައި، އެއްދުވަހެއްގައި އިސްތިރި ކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އަދި ކަރަންޓު ޖަގުން ފެން ކެއްކުމުގައި އެއްބުރުން ގިނައިން ފެން ކެއްކުމަކީ ވެސް ދެވަނަ ފަހަރަށް މަދުން ފެން ކެއްކުމަށް ވުރެ ޖަގުން ނަގާ ކަރެންޓުގެ ހޭދަ ކުޑަ ކުރުމަށް ކުރެވިދާނެ ކަމެއްވެސް މެއެވެ. ސްޓެލްކޯގެ ނަސޭހަތަކީ އެފަދަ ކުދި ކަންކަމަށް ސަމާލުވެ، ކަރަންޓު އިގްތިސާދު ކުރުމަށް ސްޓެލްކޯ އިން ދޭ ނަސޭހަތްތަކާއި ލަފާގެ އިތުރުން، އަމިއްލައަށް ވެސް އެފަދަ ދަސް ކުރުމަށް މަސައްކަތް ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ