ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަބްދުﷲ ޖަމީލް އަވަހާރަވެއްޖެ

ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އަބްދުﷲ ޖަމީލް އަވަހާރަވެއްޖެއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެކި ވުޒާރާތަކުގެ ވަޒީރުކަން ކުރައްވާފައިވާ އަބްދުﷲ ޖަމީލު އަވަހާރަވީ މިއަދު ހެނދުނު މާލޭގައެވެ. އޭނާ އަވަހާރަވީ އަލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ފަހުންނެވެ. އަބްދުﷲ ޖަމީލަކީ އައްޝައިޚް މުހައްމަދު ޖަމީލް ދީދީގެ ދޮށީ ފިރިހެން ދަރިރުޅެވެ. އޭނާ ވަނީ 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރައްވާފައެވެ. އޭނާ އަދާކުރެއްވި މަގާމްތަކުގެ ތެރޭގައި ހެލްތު މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރު ކަމާއި ޓޫރިޒަމް މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރު ކަމާއި ހައުސިން މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ހިމެނެއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްކަން ވެސް ކުރެއްވީ އަބްދުﷲ ޖަމީލެވެ. އޭނާ އަދާކުރެއްވި އިތުރު މަގާމްތަކުގެ ތެރޭގައި ޒުވާނުންގެ މަރުކަޒުގެ ރައީސް ކަމާއި މާފަންނު އަވަށު އޮފީހުގެ ވެރިޔާކަމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ހިމެނެއެވެ. އެގޮތުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ތ. އަތޮޅުގެ މެންބަރުކަން 14 އަހަރަށް ވުރެ ގިނަ ދުވަހު ކުރައްވާފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ތ. އަތޮޅުގެ މެންބަރުކަން 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުރައްވާފައިވެއެވެ. އަބްދުﷲ ޖަމީލަށް ވަނީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފައެވެ. އޭނާ އަވަހާރަވިއިރު ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ