ފެނުގެ ދުވަސް އައިއިރު ނައިފަރު ދާއިރާގެ ރައްޔިތުން ތިބީ ސާފު ފެނުން މަހުރޫމްވެފައި: މެމްބަރު ޝިޔާމް

މާދަމާއަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސް ކަމަށާއި މިއަދަކީ ދުނިޔޭގައި ފާހަގަކުރާ ފެނުގެ ދުވަސް ކަމަށް ވީއިރު، ނައިފަރު ދާއިރާގެ ރައްޔިތުން ތިބީ ސާފު ފެނުން މަހުރޫމްވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގައި އެދާއިރާ ތަމްސީލްކުރައްްވާ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މެމްބަރު ޝިޔާމް ވިދާޅުވީ، ފޭސްބުކް ހުޅުވާލުމުން މިއަދު ފެންނަނީ ފެނުގެ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުން ކަމަށާއި އެމައްސަލަ ހައްލުކޮށް ރައްޔިތުންނަށް ތަސައްލީ ހޯދައިދެވޭތޯ އޭނާވެސް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ނަރުދަމާ ލޯންޗުކޮށް ޚިދުމަތް ފަށާފައިވީ ނަމަވެސް، ފެން ނުއުފެއްދޭ ކަމަށާއި ފެން ލީކުވުމުގެ މައްސަލަ ކުރިމަތިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝިޔާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެދާއިރާގެ ރަށްރަށުގައި ކަރަންޓު ކެނޑުމުގެ މައްސަލަވެސް އަންނަނީ ދިމާވަމުންނެވެ.
މީގެ އިތުރުން، ނައިފަރު ދާއިރާގެ މެމްބަރު ވިދާޅުވީ، ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ސަރުކަރަށް ހުޝާމަދުކުރުމުގެ މަގުސަދުގައި ރަށްރަށުގައި އަސާސީ ކަންކަން ފުރިހަމަކޮށްދިނީ މިސަރުކާރުންނޭ ވިދާޅުވާއިރު، ރާއްޖޭގެ ހަވަނައަށް އެންމެ ބޮޑު އާބާދީގެ ރައްޔިތުން ތިބީ އެކަންކަމުން މަހުރޫމުވެފައި ކަމަށެވެ.
މެމްބަރު ޝިޔާމް މިމޭރުމުން ވާހަކަދެއްކެވިއިރު، ޅ. ނައިފަރުގައި މި ސަރުކާރުން އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓަށް ސާފު ފެން ނުލިބޭތީ ފެލްޓްތަކުގައި ދިރިއުޅޭ މީހުންވަނީ އިހުތިޖާޖުކޮށްފައެވެ.
ފްލެޓްތަކުގައި މީހުން ދިރިއުޅޭތާ އަހަރު ދުވަސްވީއިރު ލިބެނީ ވަޅު ފެނެވެ. އެތަނުގައި ދިރިއުޅޭ މީހުން ބުނާގޮތުގައި ފެން ލޮނުވެފައި، ވަރަށް ބޮޑަށް ނުބައި ވަސް ދުވައެވެ. އެތަނުގައި ދިރިއުޅޭ މީހަކު ބުނީ ކޮންމެ ދުވަހަކު ސަޕްލައި ފެން ދެ ތިން ގަޑިއިރަށް ދޫކުރާ ކަމަށެވެ.
އެކަމަކު ވަޅު ފެނާއި ސަޕްލައި ފެނަށް ގުޅާ ފައި ހުންނަނީ އެންމެ ލައިނެއް ކަމުން، ދެ ފެން ވެސް ލިބެނީ އެއް ހޮޅިއަކުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ