ރޯދަ މަހު ހަވީރު 4:30 އިން ރޭގަނޑު 8 އަށް މުދާ އުފުލުން މަނާ، އުސޫލާ ހިލާފްވެއްޖެ ނަމަ ޖޫރިމަނާ

އަންނަ ރޯދަ މަހު މާލެ ސަރަހައްދުގައި ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:30 އިން ރޭގަނޑު 8:00 އަށް މުދާ އުފުލުން މަނާ ވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ، މުދާ އުފުލަން ހާއްސަ ވަގުތުތަކަކީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ. އެވަގުތުގައި ހުރިހާ ބާވަތެއްގެ މުދަލެއް ވެސް އުފުލޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް އަދި ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އަށް ބްރިޖުން، މުދާ އުފުލާ ހުރިހާ ގިންތިއެއްގެ އުޅަނދުތަކުގައި ވެސް ތަކެތި ގެންދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ، އެނޫން ވަގުތުތަކުގައި ބްރިޖުން މުދާ އުފުލުމަކީ މަނާ ކަމެއް ކަމަށެވެ.
މިނިސްޓްރީން ބުނީ، ބްރިޖުން ފެނާއި ކައްކާ ގޭސް އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށާއި އަދި ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 6:00 އަށް ވެސް ކައްކާ ގޭހާއި ފެން އުފުލޭނެ ކަމަށެވެ. އެނޫން ވަގުތުތަކުގައި އެތަކެތި ވެސް ބްރިޖުގައި ނުއުފުލޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ވަނީ ރޯދަ މަހު މާލެ ސަރަހައްދުގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލަން ކަނޑައަޅާފައިވާ ގަޑިތަކާ ހިލާފުވާ ނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ